Roadha Mihaaru
ޗެމްޕިއަންކަން ހޯދައި އޮސާކާ ތާރީހުގެ ތެރެއަށް

ޗެމްޕިއަންކަން ހޯދައި އޮސާކާ ތާރީހުގެ ތެރެއަށް

20 ފެބުރުއަރީ 2021

މެލްބަން (ފެބްރުއަރީ 20) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައި ޖަޕާނުގެ ނައޯމީ އޮސާކާ ގްރޭންޑް ސްލޭމް ފައިނަލްތަކުގައި ރެކޯޑް ދަމަހައްޓައިފި އެވެ.

މެލްބަން (ފެބްރުއަރީ 20) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައި ޖަޕާނުގެ ނައޯމީ އޮސާކާ ގްރޭންޑް ސްލޭމް ފައިނަލްތަކުގައި ރެކޯޑް ދަމަހައްޓައިފި އެވެ.

މިއަދު ކުޅުނު ފައިނަލުގައި އެމެރިކާގެ ޖެނިފާ ބްރޭޑީގެ މައްޗަށް އުމުރުން 23 އަހަރުގެ އޮސާކާ ކުރިހޯދީ 6-4 6-3 އިންނެވެ. އޮސާކާ ވަނީ މިހާތަނަށް އޭނާ ވާދަކުރި ހަތަރު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފައިނަލުން މޮޅުވެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޮސާކާ ވަނީ މީގެ ކުރިން 2019 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އާއި 2018 އާއި 2020 ވަނަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބުކޮށްފަ އެވެ.

އޮސާކާ އަކީ މިދިޔަ 30 އަހަރު ތެރޭ އެންމެ ފުރަތަމަ ކުޅުނު ހަތަރު ގްރޭންޑް ސްލޭމް ފައިނަލުން މޮޅުވި ފުރަތަމަ އަންހެން ކުޅުންތެރިޔާ އެވެ. އޭނާ އަކީ މި ކާމިޔާބީ ހޯދި އެންމެ ހަގު ކުޅުންތެރިޔާ އެވެ. އެންމެ ފަހުން އެކަން ހާސިލްކުރީ 1991 ވަނަ އަހަރު ކުރީގެ ކުޅުންތެރިޔާ މޮނިކާ ސެލެސް އެވެ.

އޮސާކާ (ވ) ސަޕޯޓަރުންނަށް އޮޓޯގްރާފްދެނީ.-- ފޮޓޯ: އޭއެފްޕީ

އޮސާކާ (ވ) ސަޕޯޓަރުންނަށް އޮޓޯގްރާފްދެނީ.-- ފޮޓޯ: އޭއެފްޕީ

އެންމެ ފަހުން އޮސާކާ މެޗަކުން ބަލިވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އޭގެ ފަހުން ކުޅުނު 21 މެޗުން އޭނާ ވަނީ މޮޅުވެފަ އެވެ. އޮސްޓްރޭލިއަން އޯޕަން ފައިނަލް މެޗު ބަލަން 7500 ސަޕޯޓަރުން ސްޓޭޑިއަމަށް ވެއްދި އެވެ. އޮސާކާ އެންމެ ފަހުން ޔޫއެސް އޯޕަން ތަށި އުފުލާލީ ސަޕޯޓަރުން ނުވައްދައި ކުޅުނު މެޗަކަށް ފަހު އެވެ.

"ސަޕޯޓަރުން ތިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެންމެ ފަހުން ކުޅުނު ގްރޭންޑް ސްލޭމް ކުޅުނީ ސަޕޯޓަރެއް ނެތި. ތަށި އުފުލާލީ ވެސް ފަޅުކޮށް އޮތް ސްޓޭޑިއަމެއްގައި. އެކަމަކު މި ކާމިޔާބީ (މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން) ސަޕޯޓަރުންނާ އެކު މި އުނދަގޫ ވަގުތުގައި ހޯދުމަކީ ހާއްސަ އުފަލެއް ލިބޭނެ ކަމެއް،" އޮސާކާ ބުންޏެވެ.

ބްރޭޑީ ބުނީ އޮސާކާ އަކީ އަރަމުން އަންނަ ޓެނިސް ކުޅުންތެރިންނަށް ރަނގަޅު ނަމޫނާއެއް ދައްކަމުން އަންނަ ކުޅުންތެރިއެއް ކަމަށާއި ފައިނަލުން ބަލިވި ނަމަވެސް މުބާރާތުގައި ދެއްކުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ފިރިހެން ސިންގަލްސް ފައިނަލުގައި މާދަމާ ސާބިއާގެ ނޯވަކް ޖޮކޮވިޗް ކުޅޭނީ ރަޝިއާގެ ޑެނީލް މެޑްވެޑޭވްއާ ދެކޮޅަށެވެ.