Roadha Mihaaru
"ގޭމް އޮފް ތުރޯންސް"ގެ ޕްރިކްއެލްގެ ކާސްޓަށް މިރަންޑާ

"ގޭމް އޮފް ތުރޯންސް" ގެ ޕްރިކްއެލްގެ ކާސްޓަށް މިރަންޑާ ރިޗަޑްސަން ވެސް އިތުރުވެއްޖެ

20 މާޗް 2019

އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ޕްރިކްއެލްއެއް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ އިރު، މީގެ ކާސްޓަށް އަނެއްކާ ވެސް ތަޖުރިބާކާރު ބަތަލާއަކު އިތުރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ޕްރިކްއެލްއެއް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ އިރު، މީގެ ކާސްޓަށް އަނެއްކާ ވެސް ތަޖުރިބާކާރު ބަތަލާއަކު އިތުރުވެއްޖެ އެވެ.

މަޝްހޫރު ބަތަލާ ނިއޯމީ ވަޓްސް މުހިއްމު ރޯލަކަށް ކުރިން ސޮއިކޮށްފައިވާ "ގޭމް އޮފް ތުރޯންސް" ގެ ޕްރިކްއެލްގެ ރޯލަކަށް މި ފަހަރު ސޮއިކޮށްފައި ވަނީ ގޯލްޑެން ގްލޯބާއި ބަފްޓާ އެވޯޑް ވެސް ހާސިލުކޮށްފައިވާ އިނގިރޭސި ބަތަލާ މިރަންޑާ ރިޗަޑްސަން، 61، އެވެ.

ދެ ފަހަރެއްގެ މަތިން އޮސްކާގެ އެންމެ މޮޅު ބަތަލާ އާއި އެންމެ މޮޅު ސަޕޯޓިން ބަތަލާގެ މަގާމަށް ވެސް ނޮމިނޭޓްވި މިރަންޑާ އެންމެ ބޮޑަށް ވިދައިލީ އިނގިރޭސި ކޮމެޑީ ޓީވީ ސިލްސިލާ "ބްލެކްލެޑާ" ގައި ކްއީން އެލިޒަބަތުގެ ރޯލް ކުޅެގެންނެވެ.

އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ހެރީ ޕޮޓާ" ސީރީޒްގެ ދެ ފިލްމެއް ވެސް ހިމެނެ އެވެ. އެއީ "ހެރީ ޕޮޓާ އެންޑް ދަ ގޮބްލެޓް އޮފް ފަޔާ" އާއި "ހެރީ ޕޮޓާ އެންޑް ޑެތުލީ ހެލޯސް: ޕާޓް 1" އެވެ.

މިރަންޑާ މިހާރު ފެނިގެން ދާނީ ސްކައި އިން ގެނެސްދޭ ސްޓްރީޓް ރޭސިން ޓީވީ ސިލްސިލާ "ކާފިއު" އިންނެވެ. މިރަންޑާގެ ކުރިއަށް ހުރި ފްރޮޖެކްޓްތަކުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ކުރިއަށް އޮތް ބަހާރު މޫސުމުގައި ގެނެސްދޭ "ގުޑް އޮމެންސް" ހިމެނެ އެވެ.

"ގޭމް އޮސް ތުރޯންސް" ގެ ކާސްޓަށް މިރަންޑާ އިތުރުވެގެން ދިޔަ އިރު ނިއޯމީއާ އެކު މި ސިލްސިލާ އަށް ކުރިން ސޮއިކޮށްފައިވާ ތަރިންގެ ތެރޭގައި ޖޯޝް ވައިޓްހައުސް، ޑެނިސް ގޯ، ނައޯމީ އޭކީ، ޖެމީ ކޭމްޕްބެލް ބޯއާ، ޝީލާ އެޓިމް، އިވާނޯ ޖެރެމިއާ، ޖީޖޯ ހެންލީ، އެލެކްސް ޝާޕް އަދި ޓޯބީ ރެގްބޯ ހިމެނެ އެވެ.

އަންނަ މަހުގެ 14 ގައި "ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަން ފަށައި، ހަ އެޕިސޯޑުން ސިލްސިލާ ނިންމައިލާ އިރު، ޕްރިކްއެލްގައި ކިޔައި ދޭނީ ކުރިން ހިނގާފައިވާ ހާދިސާތަކުގެ 300 އަހަރު ކުރިން ހިނގާފައިވާ ކަންތައްތަކެވެ.

ރިޕޯޓްތައް ބުނާ ގޮތުން މީތި ޑައިރެކްޓް ކުރާނީ އެސްޖޭ ކްލާކްސަން އެވެ. އެކަމަކު ޕްރިކްއެލްގެ ގެނެސް ދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.