Roadha Mihaaru
"ޕެރަސައިޓް" ސީރީޒް ކުޅޭކަން ރަފަލޯ ކަށަވަރުކޮށް ދީފި

"ޕެރަސައިޓް" ސީރީޒް ކުޅޭކަން މާކް ރަފަލޯ ކަށަވަރުކޮށް ދީފި

04 މާޗް 2020

މި އަހަރުގެ އޮސްކާ އެވޯޑްސްގެ އެންމެ ވަރުގަދަ ކެޓަގަރީތަކުން އެވޯޑްތައް ގެންދިޔަ ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" ގެ މިނީ ސީރީޒްގެ ރޯލެއް ކުޅޭކަން ހޮލީވުޑްގެ އެކްޓަރު މާކް ރަފަލޯ ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ އޮސްކާ އެވޯޑްސްގެ އެންމެ ވަރުގަދަ ކެޓަގަރީތަކުން އެވޯޑްތައް ގެންދިޔަ ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" ގެ މިނީ ސީރީޒްގެ ރޯލެއް ކުޅޭކަން ހޮލީވުޑްގެ އެކްޓަރު މާކް ރަފަލޯ ކަށަވަރުކޮށް ދީފި އެވެ.

"އެވެންޖާޒް" ފަދަ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރު މިކަން ކަށަވަރުކޮށް ދީފައި މި ވަނީ އެޗްބީއޯ އާއި ޑައިރެކްޓަރު ބޮންގް ޖޫން-ހޯ ގުޅިގެން އިނގިރޭސި ބަހުން ހަދާ ހައެއްކަ އެޕިސޯޑްގެ ސީރީޒްގެ ރޯލެއް އޭނާ އަށް ހުށަހަޅާފައިވާ ކަމަށް މިދިޔަ މަހު މީޑިއާތަކުން ރިޕޯޓް ވެސް ކޮށްފައި ވަނިކޮށެވެ.

އެމެރިކާގެ ޝިކާގޯގައި ކުރިއަށްދާ މި އަހަރުގެ ޝިކާގޯ ކޮމިކް އެންޑް އެންޓަޓައިންމަންޓް އެކްސްޕޯ (ސީ2އީ2) ގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ރަފަލޯ ބުނީ ބޮންގްއާ ބައްދަލުކޮށް، ސީރީޒާ ބެހޭ މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ.

"އަހަންނަށް ހުށަހަޅާފައި ވަނީ ފިލްމުގައި ސޮންގް ކަންގް-ހޯ ކުޅުނު ބައްޕަގެ ކެރެކްޓާ. އެކަމާ ވަރަށް އުފާވި. ޕެރަސައިޓަކީ އަހަންނަށް ވަރަށް ކަމުދިޔަ ފިލްމެއް. އެހެންވެ އެ ފިލްމަށް ބިނާކޮށް ހަދާ ސީރީޒްގެ އެންމެ މުހިއްމު އެއް ކެރެކްޓާ ކުޅެން ލިބުމަކީ ޝަރަފެއް ވެސް މެ،" އޭނާ ބުންޏެވެ. "އަދި ބޮންގަކީ މިހާރު އަހަރެންގެ ފެވަރިޓް ޑައިރެކްޓަރެއް. އޭނާއާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ވަކިން ބޮޑު އުފަލެއް."

ރަފަލޯ ބުނިގޮތުގައި އޭނާ މިހާރު އިންތިޒާކުރަމުން އަންނަނީ "ޕެރަސައިޓް" ސީރީޒްގެ ސްކްރިޕްޓް އަތަށް އަރާނެ އިރަކަށެވެ. ފިލްމަށް ބިނާކޮށް މިނީ ސީރީޒެއް ހަދަނީ ބޮންގް އާއި "ދަ ބިގް ޝޯޓް" އާއި "ވައިސް" ފަދަ ފިލްމުތައް ގެނެސްދިން އެޑަމް މެކޭ ގުޅިގެންނެވެ.

މީގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އޭގެ ޓީމުން ބުންޏެވެ.

"ޕެރަސައިޓް" އަކީ 92 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ފިލްމާއި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ އާއި އެންމެ މޮޅު ޑައިރެކްޓަރުގެ އިތުރުން އެންމެ މޮޅު ބޭރު ފިލްމުގެ އޮސްކާ ވެސް ގެންދިޔަ ފިލްމެވެ.

ކޮރެއާ ބަހުން ހަދާފައިވާ މި ބްލެކް ކޮމެޑީ ތުރިލާގައި ކިޔައިދެނީ ފަގީރު އާއިލާއެއްގެ ބަޔަކު، މުއްސަނދި އާއިލާއެއް ބެލެހެއްޓުމާ ހަވާލުވުމުން ހިނގާ ކަންތައްގަނޑެކެވެ.