Roadha Mihaaru
ދަ ވީކެންޑް އުޅޭ ސީރީޒް އާދިއްތަ ދުވަހު ސްޓްރީމިންނަށް

ދަ ވީކެންޑް އުޅޭ ސީރީޒް އަންނަ އާދިއްތަ ދުވަހު ސްޓްރީމްކުރަނީ

30 މެއި 2023

ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ދަ ވީކެންޑް ލީޑު ރޯލު ކުޅޭ ސީރީޒް "ދަ އައިޑަލް" އަންނަ އާދިއްތަ ދުވަހު އެޗްބީއޯ އިން ސްޓްރީމް ކުރަން ފަށާނެ އެވެ. މިއީ އޭނާގެ އަލަތު ފިލްމީ މަސައްކަތެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ދަ ވީކެންޑް ލީޑު ރޯލު ކުޅޭ ސީރީޒް "ދަ އައިޑަލް" އަންނަ އާދިއްތަ ދުވަހު އެޗްބީއޯ އިން ސްޓްރީމް ކުރަން ފަށާނެ އެވެ. މިއީ އޭނާގެ އަލަތު ފިލްމީ މަސައްކަތެވެ.

އޭބަލް ޓެސްފައިޔޭ ނުވަތަ ސްޓޭޖު ނަމުން ދަ ވީކެންޑާއެކު ސީރީޒްގައި ދެން ލީޑުން ފެންނަނީ މަޝްހޫރު އެކްޓަރު ޖޯނީ ޑެޕްގެ ދަރިފުޅު ލިލީ ރޯޒް-ޑެޕް އެވެ.

ސަޕޯޓިން ރޯލުތަކުން މަޝްހޫރު ލަވަކިޔުންތެރިން ކަމަަށްވާ ޓްރޯއީ ސިވާން އާއި ކޭޕޮޕް ބޭންޑް "ބްލެކްޕިންކް" ގެ ޖެނީ ވެސް ފެންނާނެ އެވެ. މިއީ ޖެނީ ފުރަތަމަ ފަހަރަށް އެކްޓިން އަށް ނުކުންނަށް މަސައްކަތެވެ.

އޭގެ އިތުރުން، ޕްރައިމް ޓައިމް އެމީ އެވޯޑު ހޯދާފައިވާ އެކްޓަރު ޑޭން ލެވީ އާއި 2021 ވަނަ އަހަރު ނިކުތް ޑާކް ކޮމެޑީ "ރެޑް ރޮކެޓް" އިން ވިދާލި ތަރި ސުޒާނާ ސަން ވެސް "ދަ އައިޑަލް"ގެ ސަޕޯޓިން ކާސްޓުގައި ހިމެނެ އެވެ. އަދި "ޔޫފޯރިއާ" އިން މަޝްހޫރުވި އެލެކްސާ ޑެމީ ވެސް މި ސީރީޒްގައި ފެންނާނެ އެވެ.

"ދަ އައިޑަލް" ވަނީ މި ފަހުން ބޭއްވި ކާންސް ފިލްމު ފެސްޓިވަލްގައި ޕްރިމިއާ ކޮށްފަ އެވެ. ސީރީޒް ބެލި ބައެއް ކްރިޓިކްސް އަށް މި ކަމުނުދިޔަސް، ރޮޓެން ޓޮމާޓޯސްގެ 48 ކްރިޓިކުންގެ ރިވިއުގެ ރޭޓިން އުޅެނީ 83 ޕަސެންޓުގަ އެވެ.

ސޭމް ލެވިންސަން އާއި ވީކެންޑްގެ އިތުރުން ރެޒާ ފަހިމް އުފައްދާފައިވާ "ދަ އައިޑަލް" އެންމެ ފުރަތަމަ އިއުލާނުކުރީ 2021 ވަނަ އަހަރެވެ. "ދަ ގާލްފްރެންޑް އެކްސްޕީރިއެންސް" ސީރީޒްގެ ޑައިރެކްޓަރު އޭމީ ސެޑިމެންޓްސް ގިނަ އެޕިސޯޑުތަކެއް ޑައިރެކްޓުކުރުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރިލް މަހު ޕްރޮޑަކްޝަން ދޫކޮށްލުމުން، ފަހުން މި ސީރީޒްގެ ޑައިރެކްޝަނާ ހަވާލުވީ ލެވިންސަން އެވެ.

"ދަ އައިޑަލް" ގައި ހިމެނެނީ އެއް ގަޑިއިރުގެ ދިގު، ހަ އެޕިސޯޑެވެ. މި ސީރީޒްގައި މައިގަނޑު ގޮތެއްގައި ފެންނާނީ ޕޮޕް ލަވަކިޔުންތެރިޔާ ޖޯސެލީން (ލިލީ ރޯޒް) އެމެރިކާގެ ފާހަގަކޮށްލެވޭ ތަރިއަކަށް ވާން ކުރާ މަސައްކަތްތަކާއި ޓެޑްރޯސް (ވީކެންޑް) ކިޔާ ލޯސް އެންޖަލީސްގެ ކްލަބް އޯނަރަކާއެކު ލޯބިގެ ގޮތުން ގުޅިގެން ހިނގާ ކަންކަމެވެ. މި ސީރީޒްގައި ކަލްޓެއްގެ ލީޑަރެއްގެ ގޮތުގައި ވެސް ޓެޑްރޯސް ފެނެ އެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން "ދަ އައިޑަލް" އެޗްބީއޯ އާއި މެކްސް އިން ސްޓްރީމް ކުރެވޭނެ އެވެ.