Roadha Mihaaru
ކިންގްސް އާއި ރެޕްޓާސް ފައިނަލަށް

ކިންގްސް އާއި ރެޕްޓާސް ފައިނަލަށް

26 ފެބުރުއަރީ 2019

އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލުން އެންމެ ފަހުގެ ރަނަރަޕް ކިންގްސް ބާސްކެޓްބޯލް ކްލަބާއި ރެޕްޓާސް ބާސްކެޓްބޯލް ފުރުސަތު ހޯދައިފި އެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލުން އެންމެ ފަހުގެ ރަނަރަޕް ކިންގްސް ބާސްކެޓްބޯލް ކްލަބާއި ރެޕްޓާސް ބާސްކެޓްބޯލް ފުރުސަތު ހޯދައިފި އެވެ.

ޓީރެކްސް އިން މިދިޔަ އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ފައިނަލުގައި ކިންގްސް ބަލިކުރުމަށް ފަހު އެވެ. އެކަމަކު ކިންގްސް އިން ވަނީ ގައުމީ ފައިނަލުގައި ޓީރެކްސްގެ މައްޗަށް ކުރިހޯދައިފަ އެވެ. އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި ޓީރެކްސްގެ މައްޗަށް ކިންގްސް އިން ކުރި ހޯދީ ފޯރިގަދަ ކުޅުމަކަށް ފަހު 88-81 އިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާރު ނިމުނުއިރު ކިންގްސް އޮތީ ފަސް ޕޮއިންޓް ކުރީގަ އެވެ. ކިންގްސްގެ ކެޕްޓަން ޒިލާލް މުހައްމަދު (ޒިލާ)ގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، ދެ ވަނަ ކުއާޓަރުގައި ޓީރެކްސް އިން ކުޅުން ރަނގަޅުކުރި އެވެ. މި ކުއާޓަރުގައި އެ ޓީމުން ވަނީ ކިންގްސްގެ ލީޑު ކުޑަކޮށްފަ އެވެ. އެކަމަކު ފަހު ދެ ކުއާޓަރުގައި ކިންގްސް އިން ވަނީ ކުޅުން ވަރުގަދަކޮށް ޓީރެކްސް އަށް ފުރުސަތެއް ނުދީ މެޗުން މޮޅުވެފެ އެވެ. އެ ޓީމަށް އެންމެ މޮޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް އެއްކުރި ފިރާޝް އަހުމަދު އެވެ.

މުބާރާތުގައި ރޭ ކުޅުނު ދެ ވަނަ ސެމީ ފައިނަލުގައި ވާދަވެރި ކުޅުމަކަށް ފަހު ސްޓިންގާސް އަތުން ރެޕްޓާސް މޮޅުވީ 89-86 އިންނެވެ. މެޗަކުން ބަލިނުވެ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް އައި ސްޓިންގާސްއާ ދެކޮޅަށް ރޭ ރެޕްޓާސް އިން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. ހަތަރު ވަނަ ކުއާޓަރުގައި ސްޓިންގާސް ލީޑުގައި އޮއްވައި ފަހު ވަގުތާ ޖެހެންދެއް ކުރި ހިތްވަރާ އެކު ރެޕްޓާސް އިން ވަނީ 76-76 އިން ނަތީޖާ ހަމަހަމަކޮށްފަ އެވެ. ސްޓިންގާސް މޮޅުވީ އިތުރު ވަގުތުގައި ދެއްކި ތަފާތުންނެވެ. ވަރުބަލިކަމާ އެކު ވެސް އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މުބާރާތުގެ މެޗެއްގެ ތެރެއިން ރެޕްޓާސްގެ އަމީން ބޯޅަ ހިފައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތުގެ މެޗެއްގެ ތެރެއިން ރެޕްޓާސްގެ އަމީން ބޯޅަ ހިފައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މެޗުގައި ރެޕްޓާސް އަށް މޮޅު ކުޅުމެއް ދެއްކީ އެ ޓީމަށް 25 ޕޮއިންޓް އެއްކޮށްދިން ހުސެއިން އަމީން އެވެ. ސްޓިންގާސް އަށް މޮޅު ކުޅުމެއް ދެއްކީ ސަމޫހު މުހައްމަދެވެ. އޭނާ ވަނީ އެ ޓީމަށް 22 ޕޮއިންޓް އެއްކޮށްދީފަ އެވެ.

ކިންގްސް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރެޕްޓާސްގެ މައްޗަށް 84-59 އިން ކުރިހޯދައިފަ އެވެ. މި ދެ ޓީމު ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭގަ އެވެ. އަންހެން ޑިވިޝަނުގެ ފައިނަލުގައި ޔޫއެން ފްރެންޑްސް އާއި މިދިޔަ އަހަރުގެ ޗެމްޕިއަން ސައިކްލޯން ބާސްކެޓްބޯލް ކްލަބް ކުޅޭ މެޗު އޮންނާނީ މާދަމާ ރޭގަ އެވެ.