Roadha Mihaaru
އެެއް ވަނައިގައި ސްޓިންގާސް އާއި ކިންގްސް

އެެއް ވަނައިގައި ސްޓިންގާސް އާއި ކިންގްސް

21 ފެބުރުއަރީ 2019

މިހާރު ކުރިއަށްދާ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި ގްރޫޕް އޭގެ އެއް ވަނައިގައި ކިންގްސް ބާސްކެޓްބޯލް ކްލަބް އޮތްއިރު، ގްރޫޕް ބީގެ އެއް ވަނަ އަށް ސްޓިންގާސް ބާސްކެޓްބޯލް ކްލަބް ޖެހިލައިފި އެވެ.

މިހާރު ކުރިއަށްދާ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި ގްރޫޕް އޭގެ އެއް ވަނައިގައި ކިންގްސް ބާސްކެޓްބޯލް ކްލަބް އޮތްއިރު، ގްރޫޕް ބީގެ އެއް ވަނަ އަށް ސްޓިންގާސް ބާސްކެޓްބޯލް ކްލަބް ޖެހިލައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުން ސްޓިންގާސް އިން ވަނީ ނިއުޓްރަލް ސްޕޯޓްސް ކްލަބްގެ މައްޗަށް 85-73 އިން ކުރިހޯދައިފަ އެވެ. މި މެޗުގައި ސްޓިންގާސް އަށް އެންމެ މޮޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް އެއްކޮށްދިން ސަމޫހު މުހައްމަދު އެވެ. މުބާރާތުގައި ރޭ ކުޅުނު މެޗުން އެލްކިއު ސްޕޯޓްސް ކްލަބް ވަނީ 59-44 އިން ކީންސް ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މި ވަގުތު ގްރޫޕް އޭގެ އެއް ވަަނައިގައި ކިންގްސް އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ފަސް ޕޮއިންޓާ އެކު ރެޕްޓާސް ބާސްކެޓްބޯލް ކްލަބް އެވެ.

ތިން ވަނައިގައި އޮތް ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބުން ވެސް ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ފަސް ޕޮއިންޓް ހަމަކޮށްފަ އެވެ. ހަތަރު ވަނައިގައި އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވި ވަން 30 ސްޕޯޓްސް ކްލަބް އެވެ. އެންމެ ފުލުގައި އޮތް ވުލްވްސް ވަނީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ މުބާރާތުން ކަޓައިފަ އެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި ސްޓިންގާސް އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޓީރެކްސް ބާސްކެޓްބޯލް ކްލަބް އޮތީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ފަސް ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ތިން ވަނައިގައި އޮތް ނިއުޓްރަލް ވެސް ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ފަސް ޕޮއިންޓް ހަމަކޮށްފަ އެވެ. ހަތަރު ވަނައިގައި އޮތް އެލްކިއު ވަނީ ހަތަރު މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފަ އެވެ. އެންމެ ފުލުގައި އޮތް ކީންސް މިހާތަނަށް ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ.

މުބާރާތުގައި މާދަމާ އާއި ހޮނިހިރު ދުވަހު ކުޅޭނީ ދެ ގްރޫޕުގެ ފަހު މެޗުތަކެވެ. މާދަމާ ގްރޫޕު އެކެއްގެ ފުރަތަމަ މެޗުގައި ހަވީރު ރެޕްޓާސް ކުޅޭނީ ވަން 30 އާ އެވެ. މާދަމާރޭ ކުޅޭ މެޗުގައި ކިންގްސް ނުކުންނާނީ ރެޑްވިންގްސްއާ ދެކޮޅަށެވެ.

މުބާރާުތުގެ އަންހެން ޑިވިޝަނުގެ ފަހު މެޗުތައް މިއަދު ކުރިއަށްދާއިރު، މި ވަގުތު އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވި ޔޫއެން ފްރެންޑްސް އެވެ. އެންމެ ފަހުގެ ޗެމްޕިއަން ސައިކްލޯން ކުޅުނު ދެ މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެން އޮތީ ދެ ވަނައިގަ އެވެ. ތިން ވަނައިގައި އޮތް ބެންޗް ސްޕޯޓްސް ކްލަބް ވެސް ވަނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފަ އެވެ. ޓީރެކްސް ސްޕޯޓްސް އެކެޑަމީ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

މިއަދު ހަވީރު ކުޅޭ މެޗުގައި ޔޫއެން ފްރެންޑްސް ކުޅޭނީ ބެންޗްއާ އެވެ. މިރޭގެ މެޗުގައި ސައިކްލޯން ނުކުންނާނީ ޓީރެކްސް ސްޕޯޓްސް އެކެޑެމީ (ޓީއެސްއޭ)އާ ދެކޮޅަށެވެ.

އަންހެން ޑިވިޝަނުގެ ފުރަތަމަ ސެމީ ފައިނަލުގައި ކުޅޭނީ ގްރޫޕްގެ އެއް ވަަަނަ އާއި ހަތަރު ވަނަ އެވެ. އަނެއް ސެމީ ފައިނަލުގައި ބައްދަލުކުރާނީ ދެ ވަނަ އާއި ތިން ވަނަ އަށް ދާ ޓީމެވެ.