Roadha Mihaaru
ސްޓިންގާސްގެ ބޮމްބެ ވެސް ކިންގްސް އަށް ސޮއިކޮށްފި

ސްޓިންގާސްގެ ބޮމްބެ ވެސް ކިންގްސް އަށް ސޮއިކޮށްފި

16 އެޕްރީލް 2022

ސްޓިންގާސް ބާސްކެޓްބޯޅަ ކްލަބްގެ ޕޮއިންޓް ގާޑް، އަހްމަދު އަލީ މުސްތޮފާ (ބޮމްބެ) ކިންގްސް ބާސްކެޓްބޯޅަ ކްލަބަށް ސޮއި ކޮށްފި އެވެ.

ސްޓިންގާސް ބާސްކެޓްބޯޅަ ކްލަބްގެ ޕޮއިންޓް ގާޑް، އަހްމަދު އަލީ މުސްތޮފާ (ބޮމްބެ) ކިންގްސް ބާސްކެޓްބޯޅަ ކްލަބަށް ސޮއި ކޮށްފި އެވެ.

އަހްމަދަކީ، ގައުމީ ލީގާއި ގައުމީ މުބާރާތަށް ފަހު ސްޓިންގާސް އިން ކިންގްސް އަށް ބަދަލުވި ދެވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން މުހައްމަދު ސަބީހް ތައުފީގް ވެސް ވަނީ ކިންގްސް އަށް ސޮއި ކޮށްފަ އެވެ.

ގައުމީ ލީގާއި މުބާރާތް މިއަހަރު މިލްކު ކުރި ކިންގްސް އަށް އާ ކުޅުންތެރިން ސޮއި ކުރުވަން ފެށީ އެޓީމުގެ ސީނިއާ ތިން ކުޅުންތެރިޔަކު ކްލަބް ދޫކޮށް ވާދަވެރި ޓީރެކްސް އަށް ބަދަލުވުމުންނެވެ. ކިންގްސްގެ ކެޕްޓަންކަން އެންމެ ފަހުން ކުރި އަހްމަދު ފިރާޝް އާއި އިބްރާހިމް އަންފާލް (އަންޓެ) ގެ އިތުރުން މުހައްމަދު ހުވައިލިދު (ހުވޭ) ވަނީ ޓީރެކްސް އަށް ބަދަލުވެފަ އެވެ.

އަހްމަދު، 32، ބުނީ ކިންގްސް އަށް ބަދަލުވީ މީގެ ކުރިން އޭނާ އާއެކު މަސައްކަތް ކުރި ކުޅުންތެރިންތަކެއް ތިބި ސްކޮޑެއް ކަމަށްވުމުން އެކުޅުންތެރިންނާއެކު ކުޅެން ފަސޭހަވާނެތީ ކަމަށެވެ.

ކިންގްސްގެ ނައިބު ރައީސް އިބްރާހިމް (ކ) އާއި ބޮމްބެ، ކިންގްސް އަށް ބޮމްބެ ސޮއި ކުރުމަށް ފަހު ފޮޓޯ އަކަށް ހުއްޓިލައިގެން --- ފޮޓޯ: ކިންގްސް

ކިންގްސްގެ ނައިބު ރައީސް އިބްރާހިމް (ކ) އާއި ބޮމްބެ، ކިންގްސް އަށް ބޮމްބެ ސޮއި ކުރުމަށް ފަހު ފޮޓޯ އަކަށް ހުއްޓިލައިގެން --- ފޮޓޯ: ކިންގްސް

"އިއްޗު [އަހްމަދު އިފްސާހް] އާއި އަހަރެން މީ ސްކޫލް ދުވަސްވަރުން ފެށިގެން ވަރަށް އެއްކޮށް ކުޅެވިފައި ހުރި ދެމީހުން. އެހެންވީމަ އަބަދުވެސް އޭނާއާ އެއްކޮށް ކުޅެން ފަސޭހަ ވާނެ. އިއްޗު މީގެ ތެރޭގައި ވެސް ހުރުމާއެކު އެފުރުސަތުގެ ބޭނުންކުރަން ނިންމީ،" މީގެ ކުރިން ހަރިކޭން އާއި އާރްއެލްސީ އަށް ވެސް ކުޅުނު އަހްމަދު ބުންޏެވެ.

އަހްމަދު އާއި އިއްޗު ވަނީ އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި ވިލާ ހައި ސްކޫލް ޓީމަށް ކޯޗުކޮށްދީފަ އެވެ. ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ އަބްދުﷲ އަމްޒަރު މުހައްމަދަށް، ވިލާ ހައި ސްކޫލް ޓީމުގައި ކޯޗުކޮށްދިނީ އަހްމަދު އާއި އިއްޗު އެވެ.

"އަމްޒަރު ވެސް ކިންގްސްގައި އެބަހުރި. މި ޓީމުގައި މިތިބީ އެކިގޮތްގޮތުން އެކުގައި އުޅެވިފައި ހުރި ކުޅުންތެރިން. ދެން ބަލާ މިކުޅުންތެރިންނާއެކު ކުޅެން އަޅުގަނޑަށް ކިހާ ފަސޭހަ ވޭނެ،" ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ އަހްމަދު ބުންޏެވެ.

އާއިލާގެ މެންބަރުން "ބޮމްބެ" ގެ ނަމުން މުހާތަބުކުރާ، އަހްމަދުގެ ކެރިއާ ފެށީ ދަ ބައުސް އިން ދެވަނަ ޑިވިޝަންގަ އެވެ. ކިންގްސް އަކީ ފުރަތަމަ ޑިވިޝަންގައި އޭނާ ކުޅޭ ހަތަރުވަނަ ކްލަބެވެ.