Roadha Mihaaru
ޒުވާން ސްކޮޑަކާ އެކު ކިންގްސް ޗައިނާގެ މުބާރާތަކަށް

ޒުވާން ސްކޮޑަކާ އެކު ކިންގްސް ޗައިނާގެ ބާސްކެޓްބޯޅަ މުބާރާތަކަށް

15 އޮކްޓޯބަރ 2023

ޗައިނާގެ ފުޖިއާން ޕްރޮވިންސްގައި މި މަހުގެ 19 އިން 25 އަށް ކުރިއަށް ގެންދާ 10 ވަނަ ޒެންގް ޗެންގް ގޮންގް ކަޕް އިންވިޓޭޝަނަލް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭޣެ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯޅަ ކްލަބަށް ލިބިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޗައިނާގެ ފުޖިއާން ޕްރޮވިންސްގައި މި މަހުގެ 19 އިން 25 އަށް ކުރިއަށް ގެންދާ 10 ވަނަ ޒެންގް ޗެންގް ގޮންގް ކަޕް އިންވިޓޭޝަނަލް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭޣެ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯޅަ ކްލަބަށް ލިބިއްޖެ އެވެ.

އެކި ގައުމުތަކުން އަށް ކްލަބް ވާދަކުރާ މި މުބާރާތުގައި ގިނައީ ގައުމުގަކުގެ ޗެމްޕިއަނުންނެވެ. ރާއްޖޭގެ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯޅަ ކްލަބާ އެކު މުބާރާތުގައި ވާދަކުރާނީ ޗައިނާ، ޓައިވާން، އިންޑޮނޭޝިއާ، މެލޭޝިއާ، ސިންގަޕޫރު، ފިލިޕީންސް އަދި ހޮންކޮންގްގެ ކުލަބުތަކެވެ.

ފުޖިއާން ޕްރޮވިންސްގެ ނަން'އާން ބާސްކެޓްބޯޅަ އެސޯސިއޭޝަނާއި ފިލިޕީންސްގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން ގުޅިގެން ބާއްވާ މި މުބާރާތުގައި ވާދަކުރާ އަށް ޓީމު ދެ ގުރޫޕަކަށް ބަހާލާނެ އެވެ. ރައުންޑް ރޮބިން އެއް ބުރު ކުޅުމަށް ފަހު ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ދެ ޓީމު ސެމީ ފައިނަލަށް ދަތުރު ކުރާނެ އެވެ. ބާކީ ހަތަރު ޓީމު ވާދަކުރާނީ ރޭންކިން މެޗުތަކުގަ އެވެ.

"ގައުމީ ލީގު އެއްވަނަ ޑިވިޝަން މުބާރާތް ފެށުން ލަސްވެފައި އޮއްވައި ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް މިއީ. އަޅުގަނޑުމެންގެ ގިނަ ކުޅުންތެރިންނަކީ ގައުމީ ޓީމުތަކުގައި ކުޅޭ ކުޅުންތެރިންނަށް ވެފައި އެކުދިން އާއްމު ގޮތެއްގައި އަބަދުވެސް ޓްރޭނިންއެއްގަ ނޫނީ މުބާރާތެއްގަ މި އުޅެނީ. އެކަމު މި މުބާރާތް ވަރަށް ހާއްސަ، އެއީ ތަފާތު ސްޓައިލްތަކަށް ތަފާތު ފޯމެޝަންތަކަށް ކުޅޭ ޓީމްތަކާ ދެކޮޅަށް ކުޅެން ލިބޭތީ،" ޗައިނާ އަދި ފިލިޕީންސް ފެޑެރޭޝަންގެ އެހީއާ އެކު ލިބުނު ފުރުސަތާ ގުޅިގެން ކިންގްސް ބީސީގެ ފައުންޑާ އަދި ޗެއާމަން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ޓީމެއް ނޫން މުބާރާތަށް މި ފޮނުވަނީ. ބައެއް އިންޖަރީގެ މައްސަލަތަކާ، ދެން އެމެރިކާ ކުޅުންތެރިންގެ ވިސާ ކަންތައް ވެސް އެބަ އުޅޭ. މުބާރާތަށް ދާނީ ވަރަށް ޒުވާން ދިވެހި ސްކޮޑެއް. އެކުދިންނަށް ބޭނުންވާ އެކްސްޕޯޝާ ހޯދުން އެއީ އަމާޒެއް. ރާއްޖޭގެ ގައުމީ ލެވެލްގައި މި ކުދިން ހުރިހާ ކާމިޔާބީއެއް ހޯދައިފި، އެހެންވެ މި ކުޅުންތެރިންނަށް އޭޝިއާގެ މަތީ ފަންތީގެ ލީގުތަކުން ފުރުސަތު ހޯދައިދޭން ވެސް މި ކްލަބުން ބޭނުންވޭ."

މި މުބާރާތުގައި ކިންގްސްގެ ހެޑް ކޯޗުގެ ގޮތުގައި ޓީމަށް އިތުޝާދު ދޭނީ މުހައްމަދު ޒިލާލް (ޒިލާ) އެވެ. ޓީމުގެ ޓްރޭނަރެއްގެ ގޮތުގައި އަލީ އިޝާމް މުހައްމަދު ވަނީ ހަމަޖައްސައިފަ އެވެ. ޓީމުގެ މެނޭޖަރަކީ އާދަމް ރިފާއު އަބްދުއްރަހީމް އެވެ.

މުބާރާތަށްދާ ކިންގްސް ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އިބްރާހިމް ރަޝްވާން، އަބްދުﷲ އަމްޒަރު، މުހައްމަދު އައިކް ނީޝަމް، އިބްރާހިމް ނަސީމް، އަހުމަދު ހުޝާމް، އަބްދުﷲ އަފްލާހް ޝަރީފް، އަހުމަދު އިފްސާހު، މުހައްމަދު ޖިހާދު އިބްރާހިމް ޔާދު، ރިޝްފާން ރަޝީދު، މުހައްމަދު ސަބީހު ތައުފީގް، އަލްދަން އައިކް ރަމީޒް އަދި އަހުމަދު އަލީ މުސްތަފާ އެވެ.

މުބާރާތުގައި ވާދަކުރަން ކިންގްސް ބާސްކެޓްބޯޅަ ކްލަބް ޗައިނާއަށް ފުރަން ހަމަޖެހިފައި ވަނީ ބުދަ ދުވަހު އެވެ.