Roadha Mihaaru
ކިންގްސްގެ ދެ ކުޅުންތެރިން ޓްރޭނިން އަށް ދުބާއީ އަށް

ކިންގްސްގެ ޒުވާން ދެ ކުޅުންތެރިން ޓްރޭނިން އަށް ދުބާއީ އަށް

08 ފެބުރުއަރީ 2023

ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޗެމްޕިއަން، ކިންގްސް ބާސްކެޓްބޯޅަ ކްލަބްގެ ޒުވާން ދެ ކުޅުންތެރިން ޓްރޭނިން އަށް ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީ އަށް ރޭ ފުރައިފި އެވެ.

ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޗެމްޕިއަން، ކިންގްސް ބާސްކެޓްބޯޅަ ކްލަބްގެ ޒުވާން ދެ ކުޅުންތެރިން ޓްރޭނިން އަށް ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީ އަށް ރޭ ފުރައިފި އެވެ.

ކިންގްސްގެ ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ތެރެއިން ދުބާއީ އަށް ޓްރޭނިން އަށް ފޮނުވި ދެ ކުޅުންތެރިންނަކީ ސީނިއާ ގައުމީ ސްކޮޑުން 2021 ގައި ފުރުސަތު ލިބުނު އައިކް ނިޝާމް ނާސިރުގެ އިތުރުން މުހައްމަދު ޖިދާދު (ދާދު) އެވެ.

އެ ދެ ކުޅުންތެރިން ތަމްރީން ހަދާނީ، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބާސްކެޓް ލީގު، ޔޫރޯ ލީގުގައި ކުރިން ކުޅެފައިވާ އަނިލް އޮޒާގެ ކޯޗުކަމުގް ދަށުންނެވެ. އޭނާ އަކީ އިންޑަވިޖުއަލް ކުޅުންތެރިންގެ ވަކިވަކި ހުނަރުތަކަށް އަމާޒުކޮށްގެން ޓްރޭނިންތައް ބައްޓަން ކުރާ ކޯޗެއް ކަމަށް ކިންގްސްއިން ބުންޏެވެ. ދާދު އާއި އައިކް ތިން ހަފުތާ ވަންދެން އޮޒާގެ ބެލުމުގެ ދަށުން ޓްރޭނިން ހަދާނެ އެވެ.

ކިންގްސްގެ ސީނިއާ ޓީމުގެ ހެޑް ކޯޗު މުހައްމަދު ޒިލާލް ބުނީ އައިކް އާއި ދާދުގެ ކުޅުމުގައި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަތުމަށް ފަހު އެކަންކަމަށް އިސްކަން ދީގެން އޯޒޯގެ ޓްރޭނިންތައް ބައްޓަން ކުރާނެ ކަމަށެވެ.

"އެންމެ ބޮޑަށް އިމްޕްރޫވްމެންޓް ބޭނުންވާ ކަންކަމަށް ބޭސްކޮށްގެން ދެ ކުޅުންތެރިންގެ ޓްރޭނިންތައް ގެންދާނީ. ދެ ކުޅުންތެރިންނަށް ދޭ ޓްރޭނިން ތައް( އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ) ތަފާތުކޮށް ގެންދާނީ،" ކުރީގެ އެއްވަނަ ކުޅުންތެރިޔާ ޒިލާ ބުންޏެވެ.

އައިކް އާއި ދާދު އަށް ދުބާއީގެ ޓްރޭނިން ކިޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާޓުގައި ކިންގްސްގެ އިސްވެރިން

އައިކް އާއި ދާދު އަށް ދުބާއީގެ ޓްރޭނިން ކިޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާޓުގައި ކިންގްސްގެ އިސްވެރިން

ކިންގްސްގެ ރައީސް އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ އައިކް އާއި ދާދު ކުޅުނު މެޗުތަކުގެ ވީޑިއޯތައް މިހާރު ވެސް އޮޒާ އާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އޮޒާ ހާއްސަ ވަނީ ވެސް ކުޅުންތެރިންގެ ވަކިވަކި ހުނަރު މަތިކުރުމަށް ޓްރޭނިންތައް ގެންދާ ކޯޗެއްގެ ގޮތުގައި ކަމަށެވެ. ދުބާއީގެ ޒަޓާ ބާސްކެޓްބޯޅަ އެކަޑަމީ އާއި އެޕްކްސް އެކަޑަމީގައި ވެސް އޭނާ ޓްރޭނިން ސެޝަންތައް ކުރިއަށް ގެންދެ އެވެ.

ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ނީޝާމް ނާސިރުގެ ދަރިފުޅު އަދި ދިވެހި ކުޅިވަރުގެ ހިދުމަތްތެރިޔާ ރިނބިދޫ އަހްމަދު ނާސިރުގެ ކާފަ ދަރިފުޅު އައިކް ވަނީ ޑިސެމްބަރު 2021 ގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕްގައި ވާދަ ކުރި ސީނިއާ ގައުމީ ބާސްކެޓް ޓީމުގައި ހިމެނިފަ އެވެ. އޭރު ދުބާއީގެ ޓްރޭނިން ކޭމްޕަށް ފަހު އޭނާ ސްކޮޑުން ބާކީ ކުރި އެވެ. ނަމަވެސް ފަހުން ޖާގަ ދިނީ ޓީމުގެ ވައިސް ކެޕްޓަން އަހްމަދު ފިރާޝް އަށް އަނިޔާވުމުން، އެ ޖާގަ އަށެވެ.

އިންޑޯ ގިނަ ކުޅިވަރުތަކުގައި ކުރީގެ އެއްވަނަ އަންހެން ކުޅުންތެރިޔާ އައިޝަތު ނާޒިމާގެ ދަރިފުޅު ދާދު، 2012 ގައި ކިންގްސް އަށް އުމުރުން 16 އަހަރުގައި ސޮއި ކުރިއިރު އޭނާ ވެފައި ވަނީ އެ ކްލަބަށް ސޮއި ކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އުމުރުން ނުވަ އަހަރުގައި ބާސެކްޓްގެ ތެރެއަށް ވަން ދާދު ވަނީ 2015 ގައި ރާއްޖޭގެ ބާސްކެޓްގައި ތާރީހީ ޝަރަފެއް ހާސިލު ކޮށްފަ އެވެ.

އެ އަހަރު ދެ ވަނަ ޑިވިޝަން މުބާރާތުގައި ރެޑްލައިން ސިޓީ (އާރްއެލްސީ) އަށް، އުމުރުން 11 އަހަރުގައި ކުޅެ އޭނާ ވަނީ ގައުމީ ފެންވަރުގެ ސީނިއާ ބާސްކެޓް މުބާރާތެއްގައި ކުޅުނު އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. ފަނަރަ އަހަރުން ދަށުގެ ގައުމީ ޓީމުގައި ސަރަހައްދީ އުމުރުފުރާގެ މުބާރާތުގައި ބްރޯންޒް މެޑަލް ހޯދި ޓީމުގައި ދާދު ހިމެނުނެވެ. އަދި ކަލާސް އެވޯޑްގައި 2019 ގައި ބާސްކެޓްބޯލް ކެޓަގަރީން ތިން ވަނަ ހޯދި އެވެ.