Roadha Mihaaru
އަމްޒަރާއި އިސްރާއު: ދެމަފިރިންނަށް ހާއްސަ އުފަލެއް

އަމްޒަރާއި އިސްރާއު: މުބާރާތުގެ އެންމެ ހާއްސަ އެވޯޑް ދެމަފިރިންނަށް

20 ޑިސެމްބަރ 2022

އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ދެމަފިރިން ކަމަށްވާ އަބްދުﷲ އަމްޒަރު މުހައްމަދާއި އާމިނަތު އިސްރާއު އަބްދުޝުކޫރަށް ލިބުމަކީ އެ ދެމަފިރިންނަށް ހާއްސަ ކާމިޔާބެކެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ދެމަފިރިން ކަމަށްވާ އަބްދުﷲ އަމްޒަރު މުހައްމަދާއި އާމިނަތު އިސްރާއު އަބްދުޝުކޫރަށް ލިބުމަކީ އެ ދެމަފިރިންނަށް ހާއްސަ ކާމިޔާބެކެވެ.

އަމްޒަރު މޮޅު ކުޅުންތެރިޔާގެ އެވޯޑް ވިދިވިދިގެން ދެ ވަނަ ފަހަރަށް ހޯދީ އެމްބީއޭ ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ ތަށި ކިންގްސް ބާސްކެޓްބޯޅަ ކްލަބަށް ހޯދައިދޭން ކުރި މަސައްކަތުގެ ތެރެއިންނެވެ. އިސްރާއު ވަނީ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސް ބާސްކެޓްބޯލް ކްލަބަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

އިސްރާއު އަށް މި އަހަރަކީ ކާމިޔާބު އަހަރެކެވެ. ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް ސާބާ ޗެމްޕިއަންޝިޕްގެ ބްރޯންޒް މެޑަލް ހޯދި ދިވެހި ޓީމުގައި އިސްރާއު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

"މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެ ފަހަރަށް ލިބުމަކީ ހިތްހަމަޖެހުމެއް. އެކަމަކު އެންމެ ބޮޑު އުފަލަކީ އީއްކޮ އާ ދެމީހުންނަށް އެއްކޮށް އެމްވީޕީ [އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު] ލިބުން،" މި އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި އަމްޒަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ މަގާމު ހޯދަން އިސްރާއު ބުރަ މަސައްކަތެއް ކުރި އެވެ.

"އަޅުގަނޑަށް ފެނޭ މުބާރާތް ކައިރިވި ވަރަކަށް އޭނާ އެކަމަށް އުއްމީދުކޮށް ކުރި މަސައްކަތް،" ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އިސްރާއު އަށް ވެވޭނެކަން ފާހަގަކޮށް އަމްޒަރު ރޭ ބުންނެވެ.

މި އަހަރު ރާއްޖޭގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕްގައި އިސްރާއު ބޯޅަ ހިފައިގެން: އޭނާ ވަނީ އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފައި. --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި އަހަރު ރާއްޖޭގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕްގައި އިސްރާއު ބޯޅަ ހިފައިގެން: އޭނާ ވަނީ އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފައި. --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މީގެ ކުރިން ދިން އިންޓަވިއުގައި އަމްޒަރު ބުނީ އިސްރާއުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނީ އޭނާ އަމިއްލަ އަށް ގެނައި ބަދަލުތަކުން ކަމަށެވެ.

"މާ ކުރިން ވެސް ޑައިޓް ޕްލޭން ބަދަލުކޮށް ވަރަށް ބޮޑަށް އެކަމަށް ފޯކަސް ކުރި. އެންމެ ދުވަހެއް ވެސް މެދު ކަނޑާނުލައި ފިޒިކަލީ ވެސް ވަރަށް ބޮޑަށް އޭގެ ތެރޭގައި ހޭދަ ކުރި. އަޅުގަނޑަށް ވެސް ވަރަށް ބޮޑު އިންސްޕަޔާ އަކަށްވި އީއްކޮގެ އެ ޑެޑިކޭޝަން،" ޖެނުއަރީ 2021 ގައި ކައިވެނި ކުރި އަމްޒަރު ކުރިން ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.

އަމްޒަރު ބުނި ގޮތުގައި ޓްރެޑްމިލްގައި ދުވެ އޭނާ ހުއްޓާލާއިރު ވެސް އިސްރާއު ކުރިއަށް ގެންދެ އެވެ. ދުވެ ދުވެ އަނބުރައި ގަންނަން ދެން އޭނާ ހިތްވަރު ކުރެ އެވެ.

"ދުވެ ދުވެ ވަރުބަލި ވެގެން ހޮޑު ލެވެން ދެން އޭނަ ހުންނާނެ ޓްރެޑްމިލްގައި ދުވެލަ ދުވެލާ. އަނެއްކާ ވެސް އައިސް ދުވަން ފަށާނެ. އެއް ފަހަރެއްގައި ވިދިދިގެން ތިން ދުވަސް ދިޔަ ހޮޑުލުމުގައި. އެވަރުން ވެސް ޓްރޭނިން ސްކިޕްކޮށް ނުލާ. އިއްކޮ އަކީ ވަރަށް ހިތްވަރުގަދަ ކުޅުންތެރިޔެއް. އޭނާގެ ހިތްވަރު ފެނުނީމަ އަޅުގަނޑަށް ވެސް ވަނީ ވަރަށް ބޮޑު އިންސްޕަޔާ އަކަށް،" އޭނާ ބުންޏެވެ.