Roadha Mihaaru
ފުރަތަމަ ދެ މެޗު ކިންގްސް އާއި ރޯޔަލްސް އަށް

ފުރަތަމަ ދެ މެޗު ކިންގްސް އާއި ރޯޔަލްސް އަށް

07 ފެބުރުއަރީ 2018

އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ދެ މެޗު ކިންގްސް ބީސީ އާއި ރޯޔަލްސް ބީސީ ކާމިޔާބުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ދެ މެޗު ކިންގްސް ބީސީ އާއި ރޯޔަލްސް ބީސީ ކާމިޔާބުކޮށްފި އެވެ.

ގްރޫޕް އެކެއްގެ މެޗުން ކިންގްސް މޮޅުވީ ރެޕްޓާސް ބީސީ އަތުން 81-66 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކިންގްސްގެ އަހުމަދު ފިރާޝެވެ. އޭނާ މި މެޗުގައި 32 ޕޮއިންޓް އެއްކުރި އެވެ.

މި ގްރޫޕުގެ ދެ ވަނަ މެޗުން ރޯޔަލްސް މޮޅުވީ ރެޑްވިންގްސް ބީސީ އަތުން 88-48 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ 24 ޕޮއިންޓް އެއްކުރި އަހުމަދު ނަޖީލެވެ.

ގްރޫޕް އެކެއްގައި ދެން ހިމެނެނީ އެޗްޑީސީ އާއި ޑަބްލިއު ސްޕޯޓްސް އެކަޑަމީ އެވެ. ގްރޫޕް ދޭއްގައި އޮތީ ޓީރެކްސް ބީސީ، ސްޓިންގާސް ބީސީ، ސީބީއެލް، ހާފް ކޯޓް، އެލްކިއު ސްޕޯޓްސް އަދި ލަޔަނެސް ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމެވެ. ފުރަތަމަ ސެމީގައި މި މަހުގެ 25 ގެ ހަވީރު ވާދަކުރާނީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމާއި ގްރޫޕް ދޭއްގެ ދެ ވަނަ ޓީމެވެ. އެރޭ ކުޅޭ ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ގްރޫޕް ދޭއްގެ އެއް ވަނަ ޓީމާއި ގްރޫޕް އެކެއްގެ ދެ ވަނަ ޓީމެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެރޭ އެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގައި ހިމެނެނީ ސައިކްލޯން ބީސީ، ޖިބިލީ ސްޕޯޓްސް ކްލަބް، ރެޑްވިންގްސް އަދި ބެންޗް އެވެ. ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ފުރަތަމަ ސެމީގައި މި މަހުގެ 24 ވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ އެއް ވަނަ ޓީމާއި ހަތަރު ވަނަ ޓީމެވެ. ދެ ވަނަ ސެމީގައި އެރޭ ކުޅޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމެވެ. ފައިނަލް އޮންނާނީ 27 ވަނަ ދުވަހުގެ ހަވީރެވެ.

އަންހެން ޑިވިޝަން ފަށާނީ އަންނަ ހޯމަ ދުވަހު ހަވީރު ސައިކްލޯން އާއި ޖިބިލީގެ މެޗުންނެވެ.