Roadha Mihaaru
ސެމީގައި ޓީރެކްސް އާއި ކިންގްސްގެ ކުރިމަތިލުމެއް

ސެމީގައި ޓީރެކްސް އާއި ކިންގްސްގެ ކުރިމަތިލުމެއް

24 ފެބުރުއަރީ 2019

އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި މި ވަގުތު ބާސްކެޓްބޯޅައިގެ އެންމެ ވަރުގަދަ ދެބާރު ކަމަށްވާ ކިންގްސް ބާސްކެޓްބޯލް ކްލަބާއި ޓީރެކްސް ބާސްކެޓްބޯލް ކްލަބް ކުރިމަތިލާން ޖެހިއްޖެ އެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި މި ވަގުތު ބާސްކެޓްބޯޅައިގެ އެންމެ ވަރުގަދަ ދެބާރު ކަމަށްވާ ކިންގްސް ބާސްކެޓްބޯލް ކްލަބާއި ޓީރެކްސް ބާސްކެޓްބޯލް ކްލަބް ކުރިމަތިލާން ޖެހިއްޖެ އެވެ.

ކިންގްސް ސެމީން ފުރުސަތު ހޯދީ ގްރޫޕް އޭގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. ޓީރެކްސް ސެމީ އަށް އައީ ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެގެންނެވެ. އެ ގްރޫޕުގެ އެއް ވަނަ ހޯދީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވި ސްޓިންގާސް ބާސްކެޓްބޯލް ކްލަބް އެވެ. ސްޓިންގާސް ސެމީގައި ކުޅޭނީ ގްރޫޕް އޭ ގެ ދެ ވަނަ ހޯދި ރެޕްޓާސް ބާސްކެޓްބޯލް ކްލަބް އެވެ. އެ ޓީމު ވަނީ ގްރޫޕްގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ.

ޓީރެކްސް އިން މިދިޔަ އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ފައިނަލުގައި ކިންގްސް ބަލިކުރުމަށް ފަހު އެވެ. އެކަމަކު ކިންގްސް އިން ވަނީ ގައުމީ ފައިނަލުގައި ޓީރެކްސްގެ މައްޗަށް ކުރިހޯދައިފަ އެވެ. މިއީ އެ މެޗުގެ ފަހުން މި ދެ ޓީމުގެ ފުރަތަމަ ބޮޑު ކުރިމަތިލުމެވެ. މި ދެ ޓީމު ބައްދަލުކުރާ ސެމީ ފައިނަލް އޮންނާނީ މާދަމާ އެވެ.

ގްރޫޕުގެ ފަހު މެޗުގައި ރޭ ޓީރެކްސް ނުކުތީ ނިއުޓްރަލް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ޓީރެކްސް މޮޅުވީ 100-62 އިންނެވެ. ރޭގެ މެޗުގައި ޓީރެކްސް އަށް މޮޅު ކުޅުމެއް ދެއްކީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިސްމާއިލް ވިލްދާން އެވެ.

ސްޓިންގާސް އިން އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ދެމެހެއްޓީ ގްރޫޕުގެ ފަހު މެޗުގައި ކީން ސްޕޯޓްސް ކްލަބްގެ މައްޗަށް 65-44 އިން ކުރިހޯދައިގެންނެވެ. މި މެޗުގައި ސްޓިންގާސްގެ މޮޅުވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިބްރާހިމް ނަސީމް އެވެ.

މުބާރާތުގައި މިއަދު އޮންނާނީ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތަކެވެ. ހަވީރު ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ގްރޫޕް ސްޓޭޖުގެ އެއް ވަނަ ޔޫއެން ފްރެންޑްސް ނުކުންނާނީ ގްރޫޕްގެ އެންމެ ފުލަށް ދިޔަ ޓީރެކްސް ސްޕޯޓްސް އެކެޑަމީއާ އެވެ. މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ޓީމު ސައިކްލޯން ބާސްކެޓްބޯލް ކްލަބް ދެ ވަނަ ސެމީ ފައިނަލުގައި ކުޅޭނީ ގްރޫޕުގެ ތިން ވަނަ ހޯދި ބެންޗް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ސައިކްލޯން އިން މިދިޔަ އަހަރުގެ މުބާރާތުގެ ތަށި އުފުލާލީ ފައިނަލުގައި ޖިބިލީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ. މިދިޔަ އަހަރު އަންހެން ހުރިހާ މުބާރާތެއް ކާމިޔާބުކުރި ސައިކްލޯން ވަނީ މި މުބާރާތުގައި ޔޫއެން ފްރެންޑްސް އަތުން ބަލިވެފަ އެވެ.