Roadha Mihaaru
އުނދަގޫ ނިންމުމެއް ނިންމައި ޗިކު ކިންގްސް އަށް

އުނދަގޫ ނިންމުމެއް ނިންމައި ޗިކު ކިންގްސް އަށް ސޮއިކޮށްފި

28 ނޮވެމްބަރ 2021

ޓީރެކްސް ބާސްކެޓްބޯޅަ ކްލަބުގައި ހަތް އަހަރު ހޭދަކުރުމަށް ފަހު އިބްރާހިމް ރަޝްވާން (ޗިކު) ވާދަވެރި ކިންގްސް ބާސްކެޓްބޯޅަ ކްލަބަށް ސޮއިކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓީރެކްސް ބާސްކެޓްބޯޅަ ކްލަބުގައި ހަތް އަހަރު ހޭދަކުރުމަށް ފަހު އިބްރާހިމް ރަޝްވާން (ޗިކު) ވާދަވެރި ކިންގްސް ބާސްކެޓްބޯޅަ ކްލަބަށް ސޮއިކޮށްފި އެވެ.

އެއް އަހަރުގެ އެއްބަސްވުމެއްގައި ކިންގްސް އަށް ސޮއިކުރުމަށް ފަހު، "މިހާރު" އަށް ރަޝްވާން ބުނިގޮތުގައި، ޓީރެކްސް ދޫކޮށްލަން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެކެވެ.

"ހަތް އަހަރު އެއްކޮށް އެއް ފެމެލީއެއް ކަހަލަ ގޮތަކަށް ޓީރެކްސްގައި ހޭދަކުރީ. އެހެންވީމަ ޓީރެކްސް ދޫކޮށްލަން ނިންމުންވީ ވަރަށް ބޮޑަށް އުނދަގޫވި ކަމަކަށް،" ކުރީގެ "ހަވީރު" ނޫހުން ބޭއްވި ސްޕޯޓްސް އެވޯޑްގައި ބާސްކެޓްބޯޅައިގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް 2015 ހޯދި ރަޝްވާން ބުންޏެވެ.

ކިންގްސްގެ ނައިބު ރައީސް އިބްރާހިމް މުހައްމަދު އާ އެކު ރަޝްވާން --- ފޮޓޯ: ކޭބީސީ

ކިންގްސްގެ ނައިބު ރައީސް އިބްރާހިމް މުހައްމަދު އާ އެކު ރަޝްވާން --- ފޮޓޯ: ކޭބީސީ

ފިރިހެން ބާސްކެޓްގައި މިހާރު އެންމެ ވާދަވެރި ދެ ކްލަބަކީ ކިންގްސް އާއި ޓީރެކްސް އެވެ. ވާދަވެރި ކްލަބަށް ސޮއިކުރަން ނިންމީ އޭނާގެ ކެރިއާ އަށް އެންމެ ރަނގަޅު ފުރުސަތަށް ކިންގްސްގެ ހުށަހެޅުންވާތީ ކަމަށް ރަޝްވާން ބުންޏެވެ.

ކަކުލު ހުޅަށް ލިބުނު އަނިޔާއެއްގައި ދެ އަހަރު ވަންދެން ކުޅުމާ ދުރުގައި ރަޝްވާން ހޭދަކުރި އެވެ. އަނިޔާއިން ރަނގަޅުވެގެން އައިސް އެއް މުބާރާތުގައި ޓީރެކްސް އަށް ކުޅުނެވެ. އެކަމަކު ކުރީގެ ކުޅުމެއް ނުދެއްކުނެވެ. ރަޝްވާން ބުނީ އަލުން ގައުމީ ޓީމުން ޖާގަ ހޯދަން އޭނާ ގިނަ މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ.

"ގައުމީ ޓީމުގެ ޖާގަ އަށް ފައިޓް ކުރަން ބެލިޔަސް ކިންގްސްގެ ހުށަހެޅުން ރަނގަޅުވީމަ އެއްބަސްވީ،" ރަޝްވާން ބުންޏެވެ. "އަނެއްކާ ކިންގްސްގެ ޓީމުގެ ސްކޮޑްވެސް ވަރަށް ވާދަވެރި. ވާދަވެރިކަން ބޮޑުވުމަކީ ވެސް މަސައްކަތް ކުރަން ލިބޭ އިތުރު ހިތްވަރެއް."

ކުރިން ޓީރެކްސް އަށް ކުޅުނު އަހްމަދު ހުޝާމް (ތުއްބެ) ވެސް ވަނީ ކިންގްސް އަށް ސޮއިކޮށްފަ އެވެ.