Roadha Mihaaru
"ބީއެމްއެލް ރިވެލި" ނަމުގައި ހާއްސަ ޕްރޮގްރާމެއް

ބީއެމްއެލް ރިވެލި ނަމުގައި ބޭންކިން ދާއިރާއިން ކިޔެވުމުގެ ފުރުސަތު

13 ފެބުރުއަރީ 2019

ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ މީހުންނަށް "ބީއެމްއެމްއެލް ރިވެލި" ނަމުގައި ހާއްސަ ޕްރޮގްރާމެއް މިއަދު އިފްތިތާހުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ މީހުންނަށް "ބީއެމްއެމްއެލް ރިވެލި" ނަމުގައި ހާއްސަ ޕްރޮގްރާމެއް މިއަދު އިފްތިތާހުކޮށްފި އެވެ.

މި ޕްރޮގްރާމާ ގުޅޭ ގޮތުން ވިލާ ކޮލެޖާއި ބޭންކާ ދެމެދު ވެވޭ އެމްޔޫއޯގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުގެ އަބަދުވެސް އަމާޒަކީ ގާބިލު، މަސައްކަތްތެރި އަދި ކަސްޓަމަރުން އެދޭ ފަދަ ހިދުމަތެއް ބޭންކުގެ ވިޔަފާރީގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން ފޯރުކޮށްދޭނެ މުވައްޒަފުންތަކެއް އުފެއްދުން ކަމަށެވެ.

ބީއެމްއެލް ރިވެލި ޕްރޮގްރާމާ އެކު ބޭންކިން ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ދާއިރާއާ ގުޅޭ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް ރިވެލި ޕްރޮގްރާމްގެ ދަށުން ވިލާ ކޮލެޖާ ގުޅިގެން ބޭންކުން ފުރަތަމަ ތައާރަފްކޮށްފައި ވަނީ ޑިޕްލޮމާ އިން ބޭންކިން އެންޑް ފައިނޭންސް ކޯހެކެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ މި ކޯހުގެ މުއްދަތަކީ 12 މަސް ދުވަހެވެ. މި ކޯހުގެ މަގްސަދަކީ ޒުވާނުންނާއި އަދި ބޭންކިން ދާއިރާ އިން ކުރިށް ދާން ބޭނުންވާ މީހުންނަށް، އެ ދާއިރާ އިން ކުރިއަށް ދިޔުމަށް ބޭނުންވާ ތައުލީމާއި ހުނަރު ދަސްކޮށްދީ، ރާއްޖޭގެ ބޭންކިން ސިނާއަތަށް ބޭނުންވާ ތައުލީމީ ގާބިލް ޒުވާނުން އުފެއްދުމެވެ.

ޑިޕްލޮމާ ކޯހުގެ ކަރިކިއުލަމް އެކުލަވާލާފައިވަނީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ވިލާ ކޮލެޖާ ގުޅިގެންނެވެ. މި ކޯސް ކުރިއަށް ގެންދިޔުމުގައި އުނގަންނައި ދިނުމުގެ ގޮތުން ވިލާ ކޮލެޖަށް ލިބިފައިވާ ތަޖުރިބާގެ އިތުރުން ދާއިރާއާ ގުޅޭ ޕްރޮފެޝަނަލް އެހީތެރިކަން ބޭންކުގެ ފަރާތުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ގޮތުން، ބޭންކިން ދާއިރާގައި ތަޖުރިބާ ހުރި ބީއެމްއެލްގެ މުވައްޒަފުން މި ކޯހުގައި ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ގެސްޓް ސްޕީކާސްގެ ގޮތުގައި ވެސް ބޭންކިން ދާއިރާގެ ތަޖްރިބާ ހޯއްދަވާފައިވާ މުވައްޒަފުން ހިމެނޭނެ އެވެ.