Roadha Mihaaru

ހަ މަހުން ބީއެމްއެލް އަށް އެއް ބިލިއަންގެ ފައިދާ، 12 ޕަސެންޓުގެ ކުރިއެރުމެއް

ރާއްޖޭގައި އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކު، ބީއެމްއެލް އަށް މިދިޔަ ހަ މަސް ތެރޭގައި އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.

ހަ މަހުން ބީއެމްއެލް އަށް އެއް ބިލިއަންގެ ފައިދާ

ރާއްޖޭގައި އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކު، ބީއެމްއެލް އަށް މިދިޔަ ހަ މަސް ތެރޭގައި އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.

އެ ބޭންކުން ބުނީ، އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 12 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް ބީއެމްއެލަށް ވަނީ އޭގެ ކުރީ އަހަރަށް ވުރެ 24 ޕަސެންޓުގެ ބޮޑު ފައިދާއެއް ލިބިފަ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 790 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އެއީ މިދިޔަ އަހަރަށް ވުރެ 232 މިލިއަން ރުފިޔާގެ ފައިދާއެކެވެ.

ބީއެމްއެލް އިން ބުނީ، ދެވަނަ ކުއާޓަރުގައި އެ ކުންފުނިން ދޫކުރި ލޯނުގެ އަދަދު 21.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އަދި 33.6 ބިލިއަން ރުފިޔާގެ ޑިޕޮސިޓާ އެކު، ބީއެމްއެލްގެ ޖުމްލަ އެސެޓުގެ އަދަދު ވެސް 51 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ބުންޏެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ބީއެމްއެލުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުޅިން އަލަށް ތިން ބިލިއަން ރުފިޔާގެ ލޯނު ދޫކުރި އެވެ.

އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، ބީއެމްއެލްގެ މާލީ ނަތީޖާއިން ދައްކުވާ ދެނީ އެ ކުންފުނީގެ މާލީ ސްޓްރެޓެޖީގެ ހަރުދަނާ ކަން ކަމަށެވެ.

އައްޑު އަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފު ކުރުމަށް މިދިޔަ ފެބްރުއަރީ 16 ވަނަ ދުވަހުގެ ރޭ ހިތަދޫ ބްރާންޗުގައި ބޭއްވި ހަފުލާގައި އެ ބޭންކުގެ ސީއީއޯ ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: ބީއެމްއެލް

އައްޑު އަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފު ކުރުމަށް މިދިޔަ ފެބްރުއަރީ 16 ވަނަ ދުވަހުގެ ރޭ ހިތަދޫ ބްރާންޗުގައި ބޭއްވި ހަފުލާގައި އެ ބޭންކުގެ ސީއީއޯ ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: ބީއެމްއެލް

"ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖެ އަށް ފުޅާކުރުމަށް އަމާޒު ހިފާފައިވާއިރު، އަޅުގަނޑުމެން މިދަނީ ދެމެހެއްޓެނިވި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ވީހާ ވެސް ފަސޭހައިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުގެ ފައިދާ އިތުރުކުރުމާ އެކު، ގައުމަށް ފައިދާކުރާނެ އަދި މަންފާ ލިބޭނެ ބަދަލުތަކެއް ގެނައުން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލަށް މިދިޔަ އަހަރު ވަނީ 2.25 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ ބޭންކުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރު ބޭންކްގެ ޖުމްލަ އެސެޓު ވަނީ އޭގެ ކުރީ އަހަރަށް ވުރެ ތިން ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ބީއެމްއެލުން ވަނީ މިދިޔަ ކުއާޓަރުގައި، ހިއްސާދާރުންނަށް ހިއްސާއަކަށް 55 ރުފިޔާގެ މަގުން 296 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއް ބަހައިފަ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު ވެސް މި ކުއާޓަރުގައި އިތުރަށް ފުޅާކޮށްފައި ވެ އެވެ. އެގޮތުން ށ. ނ. އަދި މ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާއިރު ކ. ހުރާގައި އޭޓީއެމެއް ވަނީ ބަހައްޓައިގަ އެވެ. އެއާ އެކު، ކ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ވަނީ އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފަ އެވެ.

ބީއެމްއެލުން ރާއްޖޭގެ 20 އަތޮޅެއްގައި 40 ބްރާންޗް، 133 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 188 އޭޓީއެމް މެދުވެރިކޮށް ހިދުމަތްތައް އަންނަނީ ދެމުންނެވެ.