ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ސަބަބުން ލިބޭ ފައިދާ ބޮޑު ކަމަށާއި އޭޓީއެމް ގިނަކުރުމާ އެކު ބޭންކަށް ވަންނަ ފައިސާ ވެސް މިހާރު އިތުރުވާކަން ފާހަގަކުރެވޭ ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
14 އޯގަސްޓް 2025
ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ސަބަބުން ލިބޭ ފައިދާ ބޮޑު ކަމަށާއި އޭޓީއެމް ގިނަކުރުމާ އެކު ބޭންކަށް ވަންނަ ފައިސާ ވެސް މިހާރު އިތުރުވާކަން ފާހަގަކުރެވޭ ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށުމާ ގުޅިގެން ޝަރީފް ވިދާޅުވީ މިއީ އެ އަތޮޅަށް ތާރީޚީ ދުވަހެއް ކަމަށެވެ. ބ. އަތޮޅުގައި މިހާތަނަށް އޭޓީއެމްގެ ހިދުމަތް ނުދެވި އޮތް 10 ރަށުގައި އޭޓީއެމް ޚިދުމަތް ދޭން ފަށައި މުޅި އަތޮޅުގައި އެ ހިދުމަތް މިހާރު ގާއިމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާ އެކު "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ނަމުގައި ބީއެމްއެލުން ފެށި ހާއްސަ މަޝްރޫއުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުރިހަމަކުރި ލަނޑުދަނޑިއެއް ކަމަށެވެ.
ރާއްޖޭގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށިތާ 25 އަހަރުވީ އިރު، މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި އެ ހިދުމަތް ގާއިމްކޮށްފައި ނެތުމުން ރައްޔިތުންނަށް އަސާސީ ބޭންކިންގެ ހިދުމަތް ހޯދުމަށް ޖެހެނީ ހަރަދުކޮށްފައި އެހެން ރަށަކަށް ދަތުރުކުރަން ނުވަތަ ބޭންކުގެ ދޯނި ދާ ދުވަހަކަށް ނުވަތަ މުވައްޒަފުން ދަންދެން ރަށުގައި މަޑުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސްގެ އުންމީދަކަށް ވީ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި ތިބެގެން ވެސް މާލީ ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު ރައްޔިތުންނަށް އޮތުން ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ދަތުރުކުރަން ނުޖެހި ބޭނުން ވަގުތަކު އަސާސީ ބޭންކިން ލިބޭނެ މަގުފަހިވެފައި އޮތުން،" ޝަރީފް ވިދާޅުވި އެވެ.
"އާދެ މި މަސައްކަތަކީ ދިވެހި ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމާއެކު ބޭންކް އޮފް މޯލްޑިވްސް އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ ބޮޑު ބިޔަ މަޝްރޫއެއް. މި ފުރުސަތުގައި ހުރިހާ ރައްޔިތުންނާ ގާތަށް މާލީ ހިދުމަތްތައް ގެންދިއުމަށް ބޭންކުން ފަށާފައިވާ ޕްރޮޖެކްޓަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތުކަން ފާހަގަކޮށް އެމަނިކުފާނަށް ޝުކުރު ދަންނަވަން."
ޝަރީފް ވަނީ އެ މަސައްކަތަށް އެއްބާރުލުން ދޭ ސަރުކާރުގެ މިނިސްޓްރީތަކާއި ކައުންސިލްތަކާއި ބޭންކުގެ މުވައްޒަފުންނަށް ވެސް ޝަކުރު އަދާކުރައްވައިފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު ފެށި މި މަސައްކަތުގެ ދަށުން މި އަހަރުގެ މިހާތަނަށް 47 ރަށެއްގައި އަލަށް އޭޓީއެމްގެ ހިދުމަތް ފަށާފައިވާ ކަމަށާއި މިހާރު ރާއްޖޭގެ ހަތް އަތޮޅެއްގެ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭ އަތޮޅުތަކަކީ ހއ، ށ، ނ، ކ، މ، ދ އަދި ބ. އަތޮޅެވެ. މި ވަގުތު އިތުރު ފަސް އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ. ބާކީ ހަތް އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އޭޓީއެމްގެ ހިދުމަތް ފަށާނެ އެވެ.
ޝަރީފް ވިދާޅުވީ އޭޓީއެމުން ދޭ ހިދުމަތަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އަސާސީ ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އޮތް އެންމެ ފުރިހަމަ އެއް ވަސީލަތް ކަމަށެވެ. އޭޓީއެމްގެ ބޭނުންތެރިކަން މާލޭގައި ގާއިމްކޮށްފައިވާ އޭޓީއެމްތަކުން ކުރާ މުއާމަލާތްތަކުގެ އަދަދުންނާއި އޭޓީއެމް ބޭނުންކުރުމަށް ކޮންމެ ވަގުތަކު ކޮންމެ އޭޓީއެމް ސެންޓަރެއްގެ ކިޔުއަށް ބަލާލުމުން ވެސް ފެންނަ ކަމަށެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭޓީއެމްގެ ހިދުމަތް މިހާ ބޭނުންތެރި ހިދުމަތަކަށް ވެފައި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ހިދުމަތް ބޭނުންތެރި ހިދުމަތަކަށް ނުވާންވީ ސަބަބެއް ގަބޫލެއް ނުކުރެއްވޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގައި ނަގުދު ފައިސާ ބޭނުންކުރުން އެއްކޮށް ހުއްޓާލަންދެން އޭޓީއެމް ހިދުމަތް ނުދީ ތިބެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ބޭނުންވަނީ ތަފާތުކުރުމެއް ނެތި، މާލެއެކޭ އެއްފަދައިން ބޭންކުގެ ހިދުމަތްތައް ހުރިހާ ރަށެއްގައި ވެސް ގާއިމްކުރުމަށް ކަމަށެވެ.
ނަގުދު ފައިސާއާ ގުޅުންހުރި ހިދުމަތްތަކުގެ އިތުރުން ބޭންކުގެ ޑިޖިޓަލް ބޭންކިން ހިދުމަތްތަކުން ވެސް ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް ގެނެސްދީފައިވާ ކަމަށާއި މިހާރު ވެސް ބީއެމްއެލްގެ 99.7 ޕަސެންޓް މުއާމަލާތްތައް ހިންގަނީ ޑިޖިޓަލްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޓީއެމް މެދުވެރިކޮށް ބޭންކަށް ވަންނަ ފައިސާ އިތުރުވަމުން އަންނަކަން ވެސް ފާހަގަކުރަން. މިއީ ގިނަ ރައްޔިތުންތަކެއް މާލީ ނިޒާމުގައި ބައިވެރިވަމުންދާ ކަމުގެ ހެއްކެއް: ޝަރީފް
ޝަރީފް ވިދާޅުވީ އޭޓީއެމް މަޝްރޫއުގެ ސަބަބުން ބޭންކަށް ވެސް މުހިންމު ފައިދާތަކެއް ލިބޭ ކަމަށެވެ.
"މިގޮތުން މި ހިދުމަތާއެކު ބޭންކުގެ ބްރާންޗް ކައުންޓަރުން ހިދުމަތް ހޯދާ ކަސްޓަމަރުން އަންނަނީ މަދުވަމުން. އެހެންކަމުން މުވައްޒަފުންނަށް ކަސްޓަމަރުންގެ ގާތަށް ގޮސް ބޭންކުގެ އެހެނިހެން ހިދުމަތުގެ މައުލޫމާތު ދީ ބޭންކިން ނިޒާމަށް މީހުން އަހުލުވެރިކުރުމަށް މަސައްކަތްތައް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
"އަދި އޭޓީއެމް މެދުވެރިކޮށް ބޭންކަށް ވަންނަ ފައިސާ އިތުރުވަމުން އަންނަކަން ވެސް ފާހަގަކުރަން. މިއީ ގިނަ ރައްޔިތުންތަކެއް މާލީ ނިޒާމުގައި ބައިވެރިވަމުންދާ ކަމުގެ ހެއްކެއް."
އަމާޒަކީ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ހުރިހާ ރައްޔިތުންނަށް ހިދުމަތް ދިނުން ކަމަށާއި އޭޓީއެމް ހަމައެކަނި ހުންނަން ޖެހޭނީ ވަކި ރަށްރަށެއްގައި ކަމަށް މިއަދު ދިވެހިން ގަބޫލެއް ނުކުރާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ގަދަ ވިއްސާރައިގައި ކަނޑު ހުރަސްކޮށް އެހެން ރަށަކަށް ދާން ޖެހުމަކީ ނުހަނު ބޮޑު ބުރައެއް. އަޅުގަނޑުމެން ބޭނުންވަނީ މިކަން ނިމުމަކަށް ގެނެސް މާލީ ކުރިއެރުމުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިކުރުވަން،" އޭނާ ވިދާޅުވި އެވެ.
ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް
ހަ މަހުން ބީއެމްއެލް އަށް އެއް ބިލިއަންގެ ފައިދާ
ހއ. އާއި ދ.ގެ އޭޓީއެމުން 25 މިލިއަން ޖަމާކުރި
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
އޭޓީއެމުން ފައިސާ ލިބޭނީ މެޝިނުން ކާޑު ނެގުމުން
ބީއެމްއެލުން ދެ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
ބީއެމްއެލްގެ އިތުރު ދެ އޭޓީއެމް އައްޑޫގައި ބަހައްޓައިފި
ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ވިލިމާލެ އަށް
އޭޓީއެމްތަކުން 300 މިލިއަން ޑޮލަރު ނެގި: ބީއެމްއެލް
ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް ފުވައްމުލަކަށް