Roadha Mihaaru

ހއ. އާއި ދ. އަތޮޅުން އޭޓީއެމް މެދުވެރިކޮށް 25 މިލިއަން ޖަމާކުރި

ހއ. އާއި ދ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް މިހާރު ބަހައްޓާފައިވާއިރު، އެ ހިދުމަތް މެދުވެރިކޮށް 25 މިލިއަން ރުފިޔާ މިހާތަނަށް ޖަމާކޮށްފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ހއ. އާއި ދ.ގެ އޭޓީއެމުން 25 މިލިއަން ޖަމާކުރި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

14 އެޕްރީލް 2025

ހއ. އާއި ދ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް މިހާރު ބަހައްޓާފައިވާއިރު، އެ ހިދުމަތް މެދުވެރިކޮށް 25 މިލިއަން ރުފިޔާ މިހާތަނަށް ޖަމާކޮށްފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ބީއެމްއެލް އިން އެކްސްގައި އާންމުކުރި ހިސާބުތަކުގައިވާ ގޮތުން ހއ. އަތޮޅުގެ އެކި ރަށްރަށުގައި ދާދި ފަހުން ބެހެއްޓި 14 އޭޓީއެމުން 15 މިލިއަން ރުފިޔާ ޖަމާކުރި އެވެ. އަދި ދ. އަތޮޅުގެ ހަތް ރަށަކުން ވަނީ 10 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ.

ހއ. އަތޮޅަށް އަމާޒުކޮށް ބީއެމްއެލް އިން އެއްކުރި މައުލޫމާތުތަކުގައިވާ ގޮތުން މިދިޔަ މާޗު 25 އިން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އޭޓީއެމްތަކުން 21،600 މުއާމަލާތް ހިންގި އެވެ. އެއީ 50 މިލިއަން ރުފިޔާގެ ޓްރާންސެކްޝަނެވެ.

ރައީސް މުއިއްޒު އޭޓީއެމް ހުޅުވާދެއްވާ، ސަލާމް ކުރަނީ --ފޮޓޯ: ބީއެމްއެލް

ރައީސް މުއިއްޒު އޭޓީއެމް ހުޅުވާދެއްވާ، ސަލާމް ކުރަނީ --ފޮޓޯ: ބީއެމްއެލް

ދ. އަތޮޅަށް ބަލާ ނަމަ މިދިޔަ ފެބްރުއަރީ 25 އިން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 13،000 މުއާމަލާތް ހިންގި އެވެ. އެއީ 47 މިލިއަން ރުފިޔާގެ ޓްރާންސެކްޝަނެވެ.

ބީއެމްއެލް އިން މުޅި ރާއްޖޭގައި ހިންގާ ފައިސާގެ މުއާމަލާތްތަކަށް ބަލާއިރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 29 މިލިއަން ރުފިޔާ ޖަމާކުރެ އެވެ. އަދި ދުވާލަކު 99 މިލިއަން ރުފިޔާގެ ޓްރާންސެކްޝަން ހިންގަ އެވެ.

ހއ. އަތޮޅުގައި ގާއިމުކުރި އޭޓީއެމްތަކުގެ ހިދުމަތާ އެކު، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސާވިސް ބޭންކިން ސެންޓަރު، 165 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.

ބީއެމްއެލް އިން ވަނީ މި އަހަރު ނިންމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ނިންމައިފަ އެވެ. ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުން އެންމެ ފުރަތަމަ އޭޓީއެމެއް ބެހެއްޓީ 2000 ވަނަ އަހަރު މާލޭގަ އެވެ. މި އަހަރު ހުޅުވާ 103 އޭޓީއެމާ އެކު، ބީއެމްއެލްގެ އޭޓީއެމްގެ އަދަދު 250 އަށް އިތުރު ވާނެ އެވެ.