Roadha Mihaaru

ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހއ. އަތޮޅުގެ ހަތް ރަށެއްގައި އޭޓީއެމް ހުޅުވައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.

ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ބީއެމްއެލްގެ އޭޓީއެމް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

24 މާޗް 2025

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހއ. އަތޮޅުގެ ހަތް ރަށެއްގައި އޭޓީއެމް ހުޅުވައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެ ބޭންކުން މިއަދު އަލަށް އޭޓީއެމްގެ ހިދުމަތް ތައާރަފްކުރީ އުތީމާއި ތުރާކުނާއި އުލިގަމާއި މުޅަދު އާއި މާރަންދު އާއި ތަކަންދޫ އަދި މުރައިދޫގަ އެވެ.

އެ ރަށްތަކުގައި އޭޓީއެމްތަކުގެ ހިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ޗެއާޕާސަން އަދި ޗީފް ބިޒްނަސް އޮފިސަރު ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ޝަރީފު ވާހަކަ ދައްކަވަނީ

މިއަދުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ޝަރީފު ވާހަކަ ދައްކަވަނީ

ބޭންކުގެ ސީއީއޯ ޝަރީފް ވިދާޅުވީ 24 ގަޑިއިރު އަސާސީ ބޭންކިންގެ ހިދުމަތް ލިބެން ހުރުމަކީ އާއްމުންނަށާއި ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި އޭޓީއެމަކީ މުޅި ރާއްޖެ އަށް ބޭންކިންގެ ހިދުމަތް ގާއިމުކުރުމުގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދޭން ފެށި ހިދުމަތެއް ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު ވާހަކަ ދައްކަވަނީ

މިއަދުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު ވާހަކަ ދައްކަވަނީ

އޭޓީއެމްތައް ހުޅުވުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ތޯރިގު ވިދާޅުވީ ރަށްތަކަށް އޭޓީއެމްތަކުގެ ހިދުމަތް ލިބުމަކީ އާއްމުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި މި އަހަރު ތެރޭގައި ހުރިހާ ރަށެއްގައި އޭޓީއެމް ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

ހއ. އަތޮޅުގައި ގާއިމުކުރި އޭޓީއެމްތަކުގެ ހިދުމަތާ އެކު، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސާވިސް ބޭންކިން ސެންޓަރު، 165 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.