Roadha Mihaaru
އޭޓީއެމްތަކުން 300 މިލިއަން ޑޮލަރު ނެގި: ބީއެމްއެލް

އޭޓީއެމްތަކުން މިދިޔަ އަހަރު 300 މިލިއަން ޑޮލަރު ނަގާފައިވޭ: ބީއެމްއެލް

25 ޖެނުއަރީ 2018

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަހައްޓާފައިވާ ޑޮލަރު އޭޓީއެމްތަކުން މިދިޔަ އަހަރު 300 މިލިއަނަށް ވުރެ ގިނަ ޑޮލަރު ކަސްޓަމަރުން ނަގާފައިވާ ކަމަށް ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަހައްޓާފައިވާ ޑޮލަރު އޭޓީއެމްތަކުން މިދިޔަ އަހަރު 300 މިލިއަނަށް ވުރެ ގިނަ ޑޮލަރު ކަސްޓަމަރުން ނަގާފައިވާ ކަމަށް ބުނެފި އެވެ.

ހޮޓެލް ޖެންގައި ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހިލީ ވިދާޅުވީ އޭޓީއެމްތަކުގެ އިތުރުން، ބޭރަށް ފުރާ ފަސިންޖަރުންނަށް އެއް އަހަރުގެ ތެރޭގައި 50 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ފަސިންޖަރަކަށް އެ ބޭންކުން 500 ޑޮލަރު ވިއްކަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

އެ ބޭންކުން ވަނީ ޑޮލަރު ނެގުމަށް މާލޭގައި ތިން އޭޓީއެމް އަދި އެއާޕޯޓުގައި އެއް އޭޓީއެމް ބަހައްޓައިފަ އެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ބޭންކުގެ އޭޓީއެމްތަކުން ދިހަ މިލިއަނަށް ވުރެ ގިނަ މުއާމަލާތްކޮށްފައިވެ އެވެ.

ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހިލީވާހަކަ ދައްކަވަނީ.-- ފޮޓޯ: ބީއެމްއެލް

ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހިލީވާހަކަ ދައްކަވަނީ.-- ފޮޓޯ: ބީއެމްއެލް

އެ ތަަފާސްހިސާބުތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވީ އޭޓީއެމްތަކުން ހިންގި މުއާމަލާތްތަކުގެ ތެރެއިން 2.5 މިލިއަން މުއާމަލާތަކީ ފައިސާ ޖަމާކުރުން ކަމަށެވެ.

"އޭޓީއެމްތަކުން ޖަމާނުކުރެވޭ ނަމަ ބްރާންޗްތަކަށް ފައިސާ ޖަމާކުރަން ކިޔޫގައި ޖެހެން އަންނާނެ. ފަހަކަށް އައިސް ގިނަ އަދަދެއްގެ ބަޔަކު ފައިސާ އާއި ޗެކްތައް ޖަމާކުރަމުން އަންނަނީ އަޅުގަނޑުމެންގެ ޒަމާނީ އޭޓީއެމްތައް މެދުވެރިކޮށް،" އޭނާ ވިދާޅުވި އެވެ.

އެންޑްރޫ ވިދާޅުވީ އެ ބޭންކުން ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭޝް އެޖެންޓުން ހަމަޖައްސާފައި ކަމަށެވެ. އެގޮތުން 205 ކޭޝް އެޖެންޓުން 165 ރަށުގައި ގާއިމުކޮށްފައިވާ ކަމަށާއި މިދިޔަ އަހަރުގެ ތެރޭގައި ކޭޝް އެޖެންޓުން މެދުވެރިކޮށް 250،000 މުއާމަލާތް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.