Roadha Mihaaru
ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ދަނީ

ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ދަނީ

15 މާޗް 2020

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމަށް ކުރިމަތިވި ހީނަރުކަމާ އެކު ބާޒާރުގައި ޑޮލަރުގެ އަގު ކުއްލިއަކަށް މައްޗަށް އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމަށް ކުރިމަތިވި ހީނަރުކަމާ އެކު ބާޒާރުގައި ޑޮލަރުގެ އަގު ކުއްލިއަކަށް މައްޗަށް އަރައިފި އެވެ.

މި ވަގުތު ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނީ 16.35ރ. އާއި 16.20ރ. ދެމެދުގެ އަގުތަކެއްގަ އެވެ. ޑޮލަރު ގަންނަން ހުރީ 16.10ރ. އާއި 16ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

މީގެ ހަފްތާއެއް ކުރިން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 15.50ރ. އާއި 15.70ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ވިޔަފާރިވެރިޔަކު ބުނީ، ޑޮލަރު މާކެޓުގައި އަގު އެހާ ބޮޑަށް އުފުލުނީ، އިޓަލީން އަންނަ ޓޫރިސްޓުން މަދުވެ، ޑޮލަރު މާރުކުރުން މަދުވުމުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން މަދުވުމުގެ ސަބަބުން މާކެޓުގައި ޑޮލަރު ލިބޭ އަދަދު ވަަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ކަޅު ބާޒާރުގައި ޑޮލަރު ލިބެން ހުރީ 15.70ރ. އަށެވެ. މިއީ އެހާ ދުވަހަށް ފަހު ޑޮލަރުގެ ރޭޓަށް މިހާ ބޮޑު ބަދަލެއް އާއި ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ޑޮލަރު ރޭޓަކީ 15.42ރ. އެވެ. އެހެން ނަމަވެސް އަބަދުވެސް ކަޅު ބާޒާރުގައި ޑޮލަރު އުޅެނީ އެ ރޭޓަށް ވުރެ މަތީގަ އެވެ.

ހުއްދަ އޮވެގެން ޑޮލަރު ވިއްކާ ބައެއް ތަންތަނުން ވެސް ޑޮލަރު ވިއްކާ ރޭޓްތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. ޑޮލަރު ނުލިބޭތީ ބައެއް ތަންތަނުން ޑޮލަރު ވިއްކުން ވަނީ ވެސް ހުއްޓާލައިފަ އެވެ.

"ޑޮލަރު ރޭޓު ކުރިއަށް އޮތްތަނުގައި އުފުލޭނެ ކަމަށް މި ބެލެވެނީ. ޑޮލަރު ލިބޭ ވަރު މިހާރު ވަރަށް މަދު،" ޑޮލަރު ވިއްކާ މީހަކު ބުންޏެވެ.

ޑޮލަރުގެ އަގަށް މި އައި ބަދަލާ އެކު އިމްޕޯޓް ކުރާ ފަރާތްތަކުން ތަކެތި ވިއްކާ އަގުތައް ވެސް ބޮޑުވާނެ އެވެ. އެހެންވެ ކުރިއަށް ދުވަސްކޮޅު ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގު ވެސް ބޮޑުވުން އެކަށީގެންވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގައުމުތަކުން ރާއްޖެ އަށް އަންނަ މީހުން ވަރަށް ބޮޑަށް މަދުވެ، ޓޫރިޒަމް ދާއިރާއަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ. އެ ދާއިރާ އަށް ކުރާނެ އަސަރު މި ވަގުތަށް އަންދާޒާ ކުރަން ވެސް ނޭންގޭ ކަމަށް ރިސޯޓުތަކުގެ އިސްވެރިން ބުނެ އެވެ.

ކޮވިޑް-19 އަށް ރާއްޖޭގެ ހަތަރު ރިސޯޓަކުން 13 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.