Roadha Mihaaru
ޑޮލަރު އޭޓީއެމް ސެންޓަރު ސްޓާ ކްލައުޑަށް ބަދަލުކުރަނީ

ޑޮލަރު އޭޓީއެމް ސެންޓަރު ސްޓާ ކްލައުޑް އިމާރާތަށް ބަދަލުކުރަނީ

27 އެޕްރީލް 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި ބަހައްޓާފައިވާ ޑޮލަރު އޭޓީއެމްތައް މ. ސްޓާ ކްލައުޑް އިމާރާތަށް ބަދަލުކުރަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި ބަހައްޓާފައިވާ ޑޮލަރު އޭޓީއެމްތައް މ. ސްޓާ ކްލައުޑް އިމާރާތަށް ބަދަލުކުރަން ނިންމައިފި އެވެ.

ޑޮލަރު އޭޓީއެމް ސެންޓަރު މިހާރު ގާއިމުކޮށްފައި ވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ. މެރިން ޑްރީމްގެ ގްރައުންޑް ފްލޯގަ އެވެ. އެކަމަކު، ބީއެމްއެލުން މިއަދު ބުނީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޑޮލަރު އޭޓީއެމް ސެންޓަރު، މަޖީދީ މަގުން ސޯޝަލް ސެންޓަރު ކައިރީގައި ހުންނަ ސްޓާ ކްލައުޑަށް ބަދަލު ކުރާނެ ކަމަށެވެ.

ސްޓާ ކްލައުޑް ބިލްޑިންގްގައި މިހާތަނަށް ބަަހައްޓާފައި ވަނީ ދިވެހި ފައިސާ ނެގޭ އޭޓީއެމްތަކެވެ. ނަމަވެސް ގެނައި މި ބަދަލާ އެކު އެ ބިލްޑިންގްގައި ހުރި އޭޓީއެމްތަކުން ދެން ނެގޭނީ ޑޮލަރެވެ.

ސްޓާ ކްލައުޑް ބިލްޑިންގް ހިމެނޭ ސަރަހައްދުގައި ދިވެހި ފައިސާ ނެގޭ އެންމެ ކައިރި އޭޓީއެމެއް ބަހައްޓާފައި ވަނީ އައިޖީއެމްއެޗްގަ އެވެ.

ބީއެމްއެލުން ޑޮލަރު އޭޓީއެމްތައް ފުރަތަމަ ހުޅުވީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން މާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލޭގައި ވެސް ވަނީ ޑޮލަރު އޭޓީއެމްތައް ބަހައްޓައިފަ އެވެ.

ބީއެމްއެލުން ރާއްޖޭގެ އެކި ހިސާބުތަކުގައި 140 އަށް ވުރެ އޭޓީއެމް ވަނީ ބަހައްޓައިފަ އެވެ.