Roadha Mihaaru

ބޭރުގައި ދިރިއުޅޭ ނަމަ 750 ޑޮލަރު އޭޓީއެމުން ނެގޭނެ

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން މަހަކު ނެގޭނީ 125 ޑޮލަރު ކަމަށް ހަމަޖެއްސިޔަސް ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުންނަށް ކުރިން ވެސް އޮންނަ ގޮތަށް މަހަކު 750 ޑޮލަރު އޭޓީއެމްތަކުން ނެގޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބޭރުގައި ދިރިއުޅޭ ނަމަ 750 ޑޮލަރު އޭޓީއެމުން ނެގޭނެ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

01 ޖުލައި 2025

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން މަހަކު ނެގޭނީ 125 ޑޮލަރު ކަމަށް ހަމަޖެއްސިޔަސް ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުންނަށް ކުރިން ވެސް އޮންނަ ގޮތަށް މަހަކު 750 ޑޮލަރު އޭޓީއެމްތަކުން ނެގޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބޭރުގެ އޭޓީއެމްތަކުން މަހަކު ނެގޭނީ 125 ޑޮލަރު ކަމަށް ބީއެމްއެލްއިން އިއްޔެ ހަމަޖެއްސީ ޑެބިޓް ކާޑުން މަހެއްގެ މައްޗަށް ކުރެވޭ ބޭރު ފައިސާގެ މުއާމަލާތުގެ އަދަދު 500 ޑޮލަރަށް ބޮޑުކުރުމާ އެކުގަ އެވެ. އެކަމަކު ބީއެމްއެލް އިން މިއަދު ބުނީ ރާއްޖޭން ބޭރުގައި އުޅޭ ނަމަ ކުރިން ވެސް އޮންނަ ގޮތަށް، ބީއެމްއެލްގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން މަހަކަށް 750 ޑޮލަރުގެ ލިމިޓް ހަމަޖައްސައިދޭނެ ކަމަށެވެ.

އިއްޔެ ބީއެމްއެލް އިން އިއުލާނުކުރި ގޮތުގައި ރާއްޖޭން ބޭރުގައި އޭޓީއެމުން މަހަކު ނެގޭ އަދަދު 125 ޑޮލަރަށް ދަށްކޮށް އަދި ކޮންމެ ޓްރާންސެކްޝަނަކަށް 10 ޑޮލަރުގެ ޗާޖެއް ވެސް ނަގާނެ އެވެ.

ބޭރުގައި ދިރިއުޅޭ މީހުންގެ އިތުރުން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑެބިޓް ކާޑު ލިމިޓު 1،200 ޑޮލަރަށް މިދިޔަ ފެބްރުއަރީ މަހު ވަނީ ބޮޑުކޮށްފަ އެވެ. ބޭންކުން ބުނީ ކާޑު ލިމިޓްތަކަށް ގެނައި ބަދަލުގެ އަސަރެއް ބޭރުގައި އުޅޭ ދަރިވަރުންނަށް ނުކުރާނެ ކަމަށެވެ. ބޭރުގައި އުޅޭ ދަރިވަރުންނަށް އޭޓީއެމުން ވެސް ކުރިއެކޭ އެއްގޮތަށް ފައިސާ ނެގޭނެ ކަމަށް ބުންޏެވެ. ދަރިވަރުންނަށް ވެސް މި ލިމިޓްތައް ހަމަޖައްސައިދެނީ އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުންނެވެ.

ބީއެމްއެލް އިން ވަނީ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު 500 ޑޮލަރަށް ބޮޑުކުރުމާ އެކު އާންމުކޮށް ދިވެހިން އޮންލައިން ވިޔަފާރިއަށް ބޭނުންކުރާ ހަ ވެބްސައިޓަކުން ފީއެއް ނަގަން ނިންމައިފަ އެވެ. އެއީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. އެ ސައިޓުތަކުގައި ދިވެހި ރުފިޔާގެ ޑެބިޓް ކާޑު ބޭނުން ކުރާ ނަމަ 30 ޕަސެންޓާ ހަމައަށް ފީއެއް މި މަހުން ފެށިގެން ނަގާނެ އެވެ.

ނޯޓް: އިއްޔެ ގެނައި ބަދަލާ އެކު، ބޭރުގައި އުޅޭ މީހުންގެ ކާޑު ލިމިޓު ވެސް ބަދަލުކުރުމަށް ފަހު މިއަދު އެ ނިންމުން ބަދަލުކުރީ ކަމަށް ޚަބަރު ފުރަތަމަ ޝާއިއުކުރި އިރު ލިޔެފައިވަނީ ބޭންކުން އޭރު ދިން މައުލޫމާތުގެ މައްޗަށެވެ. ރަނގަޅު ގޮތަކީ، ބޭރުގައި އުޅޭ މީހުންނާއި ދަރިވަރުންގެ ކާޑު ލިމިޓުތަކަށް ބަދަލެއް އައިސްފައި ނެތުމެވެ.