15 އެޕްރީލް 2019
ލިންޗްޕިންގެ ހުޅުމާލޭ ފިހާރައިން މާ ކުރިން ކުރި ވިޔަފާރިތަކަކަށް ބައެއް މީހުންގެ އެކައުންޓުން މިހާރު ކެނޑެމުންދާ ފައިސާ އަކީ އެތަނަށް ލިބެންވާ އެއްޗެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
ލިންޗްޕިންގެ ހުޅުމާލޭ ފިހާރައިން މާ ކުރިން ކުރި ވިޔަފާރިތަކަކަށް ބައެއް މީހުންގެ އެކައުންޓުން މިހާރު ކެނޑެމުންދާ ފައިސާ އަކީ އެތަނަށް ލިބެންވާ އެއްޗެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
ލިންޗްޕިންގެ ހުޅުމާލޭގެ ފިހާރައަކަށް ފައިސާ ކެނޑިކަމުގެ މެސެޖްތަކެއް ބައެއް ކަސްޓަމަރުންނަށް ލިބެމުން ދާތީ، ސޯޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ އެ ފިހާރަ އާއި ބީއެމްއެލް އަށް ތުހުމަތުތަކެއް ކުރަމުންނެވެ. މި މައްސަލާގައި ސުވާލުކުރުމުން ރާއްޖޭގެ އެންމެ ބޮޑު ބޭންކުން، ވަކި ތަނެއްގެ ސީދާ ނަން ނުގެނެސް، ބުނީ އެއީ އެ ތަނުން ކުރި ވިޔަފާރިއަށް ކަސްޓަމަރުން ދައްކަން ޖެހޭ ފައިސާ ކަމަށެވެ.
ބައެއް މީހުން ޓްވިޓާގައި ބުނެފައިވަނީ ފައިސާ ކެނޑުނު ކަމަށް ކުރިން ވެސް މެސެޖް ލިބުނު ކަމަށެވެ. އެގޮތަށް މެސެޖް ކުރިން ލިބުނު ނަމަވެސް ބީއެމްއެލުން ބުނީ އެއް ފަހަރަށް ވުރެ ގިނައިން އެއްވެސް ކަސްޓަމަރެއްގެ އަތުން ފައިސާ ކެނޑިފައި ނުވާނެ ކަމަށެވެ.
މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ލިންޗްޕިންގެ އެ ފިހާރައިން ކުރި ވިޔަފާރިތަކަށް ކަސްޓަމަރުންގެ އަތުން ފައިސާ ކެނޑިފައި ނުވާ ކަމަށް، މި މަހުގެ ކުރީކޮޅު، ބޭންކްގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ. އަދި ސެޓްލްމެންޓްގައި ދިމާވި މައްސަލަ ހައްލުކުރުމުން، ސެޕްޓެމްބަރު މަހުން ފެށިގެން ކުރި ވިޔަފާރިތަކުން ކަސްޓަމަރުންގެ އަތުން މިހާރު ފައިސާ ކެނޑިފައިވާ ކަމަށް، ބީއެމްއެލުން ބުންޏެވެ.
"އެކައުންޓުން ފައިސާ ކެނޑުން ލަސްވި ސަބަބު ބޭންކުން މި އަންނަނީ ކަސްޓަމަރުންނަށް އަންގަމުން،" ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ މައްސަލަ ޖެހުނު މުއްދަތުގައި ކަސްޓަމަރުން އެތަނުން ކޮށްފައިވާ ވިޔަފާރިތަކަށް އެ ފިހާރައަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ.
"އެއީ ކަސްޓަމަރުންގެ އެކައުންޓުން ކުރިން ކެނޑިފައިވާ ފައިސާއެއް ވެސް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.
އެތަނެއްގެ އެކައުންޓަށް ފައިސާ ޖަމާވާނީ ސެޓްލްމެންޓް ހެދުމުން ކަމަށާއި އާންމުކޮށް ކޮންމެ ދުވަހެއްގެ ވިޔަފާރި ނިމުމުން ސެޓްލްމަންޓް ހަދާ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
"އެދުވަހު ޕީއޯއެސް މެދުވެރިކޮށް ކުރާ ވިޔަފާރި އަށް ލިބެންވާ ފައިސާ އެކައުންޓަށް ހަމައަށް ޖަމާކުރެވިފައިވޭތޯ ބެލުމަކީ މާޗަންޓުން ކުރަން ޖެހޭ ކަމެއް. އަދި އާންމުކޮށް އެކަން ކުރަމުން އާދޭ،" އޮފިޝަލް ވިދާޅުވި އެވެ.
ބީއެމްއެލުން ބުނީ ސެޓްލްމަންޓް ހެދުމުގައި ދައްޗެއް ދިމާވެ، ނުވަތަ ވިޔަފާރީގެ އެއްވެސް މުއާމަލާތަކުން ލިބެންވާ ފައިސާ މާޗަންޓްގެ އެކައުންޓަށް ޖަމާނުވާ ނަމަ، އެކަން އެންގުމުން ބޭންކުން ވަގުތުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.
ކަސްޓަމަރަކު ނުކުރާ މުއާމަލާތެއްގެ ފައިސާ އެކައުންޓުން ކެނޑިއްޖެ ނަމަ ބޭންކުން އެކަން ހައްލުކޮށްދީ، ކަސްޓަމަރުންގެ ހައްގު އަބަދުވެސް ހޯދައިދޭނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
މިދިއަ އަހަރު ބީއެމްއެލްގެ ކަސްޓަމަރުން 39 މިލިޔަން މުއާމަލާތްކުރި އިރު އޭގެ ތެރެއިން 98 ޕަސެންޓް މުއާމަލާތް ހިންގީ ބޭންކްގެ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށެވެ.
ކަސްޓަމަރުންނަށް ވަރަށް މަދު ފަހަރަކު ދިމާވާ ދަތިތައް ހައްލުކުރުމަށާއި ކަސްޓަމަރުންނަށް އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދޭން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ އާ ކާޑު: ދައްކުވައިދެނީ ރާއްޖޭގެ ރީތިކަން
ބީއެމްއެލްގެ ކާޑު ލިމިޓަށް ގެނައި ބަދަލުތައް އުވާލައިފި
ކާޑުތަކުގެ ޑޮލަރު ލިމިޓު 90 ޕަސެންޓަށް ކުޑަކުރަނީ
"ކާޑު ލިމިޓު ބޮޑުކުރަނީ މަރުހަލާތަކަކަށް ބަހާލައިގެން"
ކިޔަވާކުދިންގެ ކާޑު ލިމިޓު 1200 ޑޮލަރަށް ބޮޑުކޮށްފި
"ކާޑު ލިމިޓު ކަނޑާނުލެވެނީ ޑޮލަރު މައްސަލައާ ހެދި"
ދެ ފަހަރަށް ކެނޑުނު ފައިސާ އަނބުރާ ޖަމާކޮށްދީފި
ބީއެމްއެލްގެ ކާޑުތަކުގެ ރައްކާތެރިކަމަށް އާ ކެމްޕޭނެއް
ގައުމުގެ ފައިސާ އިން ކެނޑޭ ގޮތް ބީއެމްއެލް ހަދައިފި
ބީއެމްއެލް އިން 280،000 ކާޑު ދޫކޮށްފި