Roadha Mihaaru
ދެ ފަހަރަށް ކެނޑުނު ފައިސާ އަނބުރާ ޖަމާކޮށްދީފި

ދެ ފަހަރަށް ކެނޑުނު ފައިސާ ބީއެމްއެލް އިން އަނބުރާ ޖަމާކޮށްދީފި

20 އޯގަސްޓް 2020

ބީއެމްއެލް ކާޑު ބޭނުން ކޮށްގެން ވިޔަފާރި ކުރުމުން ދެ ފަހަރަށް ފައިސާ ކެނޑުނު ކަސްޓަމަރުންގެ އެކައުންޓުތަކަށް، އިތުރަށް ކެނޑުނު ފައިސާ އަނބުރާ ޖަމާކޮށްދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްއެލް ކާޑު ބޭނުން ކޮށްގެން ވިޔަފާރި ކުރުމުން ދެ ފަހަރަށް ފައިސާ ކެނޑުނު ކަސްޓަމަރުންގެ އެކައުންޓުތަކަށް، އިތުރަށް ކެނޑުނު ފައިސާ އަނބުރާ ޖަމާކޮށްދީފި އެވެ.

އެ ބޭންކުން ބުނި ގޮތުގައި ރޭ ގިނަ ކަސްޓަމަރުންތަކަކަށް މި މައްސަލަ ދިމާވީ ޓެކްނިކަލް މައްސަލެއްގެ ސަބަބުންނެވެ. އެ މައްސަލަ ހައްލުކޮށް ފައިސާ އަނބުރާ ޖަމާ ކޮށްދީފައިވަނީ ރޭ ދަންވަރު 3:44 ހާއިރު އެވެ.

އެކައުންޓުން ދެ ފަހަރަށް ފައިސާ ކެނޑުމުގެ ސަބަބުން ބައެއް ކަސްޓަމަރުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ. އަދި ވީހާ ވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ފައިސާ އަނބުރާ ޖަމާކޮށްދިނުމަށް ކަސްޓަމަރުން ވަނީ އެދިފަ އެވެ. މިއާއެކު ބީއެމްއެލުން ވަނީ އެ މައްސަލަ ދިމާވި ސަބަބު ހޯދިފައިވާ ކަމަށާއި ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ދިމާވި މި މައްސަލަ އަށް ބޭންކުން ވަނީ މާފަށް އެދިފަ އެވެ.

ކާޑުތަކުން ދެފަހަރަށް ފައިސާ ކެނޑުނު ކަސްޓަމަރުންގެ ތެރޭގައި ބޭރު ގައުމުތަކުގައި ތިބި ބައެއް މީހުން ވެސް ހިމެނެ އެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި ބޭންކުން މިގޮތަށް ކުރިން ވެސް ފައިސާ ކެނޑެ އެވެ. ނަމަވެސް ބޭންކުން ބުނީ ކުރިން މި މައްސަލަ ދިމާނުވާ ކަމަށެވެ.