ގައުމީ ބޭންކް، ބީއެމްއެލުގެ ކާޑުތަކުން ބޭރުން ކުރާ ވިޔަފާރިތަކަށް މަހަކު 45 މިލިއަނަށް ވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ހަމަޖައްސައިދޭން މިހާރު ޖެހޭ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
30 ޖޫން 2025
ގައުމީ ބޭންކް، ބީއެމްއެލުގެ ކާޑުތަކުން ބޭރުން ކުރާ ވިޔަފާރިތަކަށް މަހަކު 45 މިލިއަނަށް ވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ހަމަޖައްސައިދޭން މިހާރު ޖެހޭ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުން ކުރާ ބޭރުގެ ވިޔަފާރިތަކަށް ސަޕޯޓުގެ ގޮތުގައި މިހާރު ވެސް ކޮންމެ މަހަކު އެ ބޭންކުން 45 މިލިއަން ޑޮލަރު ދޫކުރާ ކަމަށެވެ. އޭގެ ތެރެއިން 75 ޕަސެންޓަކީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިގެ ޓްރާންސެކްޝަންތައް ކަމަށް ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުން ބުންޏެވެ.
އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، އޮންލައިންކޮށް ވިޔަފާރިކުރަން ގާތްގަނޑަކަށް ދުވަލަކަށް 17.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.
އެ 75 ޕަސެންޓުގެ ތިންބައި ކުޅަ އެއްބައި ހޭދަކުރަނީ އެ ބޭންކުން މިއަދު އިއުލާނުކުރި ހަ މާޗެންޓަށް ކަމަށް ބުންޏެވެ. އެއީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ.
ދިވެހިންގެ މެދުގައި މިހާރު މަގުބޫލު ޗައިނާގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް "ޓީމޫ" އިން ވިޔަފާރިކުރަން އެކަނިވެސް މަހަކު ހަތް މިލިއަން ޑޮލަރު މިހާރު ދޫކުރަން ޖެހޭ ކަމަށާއި އެ ޕްލެޓްފޯމުން ގެންނަ ގިނަ އެއްޗެހި ބޭނުންކުރަނީ ވެސް ވިޔަފާރިގެ ބޭނުމަށް ކަމަށް އެ ބޭންކުން ބުންޏެވެ.
"މިއަދު މި ބަދަލުތައް ގެނެވުނީ މުޅި މުޖުތަމައުގެ ބޭނުންތައް ހަމަހަމަ އުސޫލަކުން އިންތިޒާމުކުރުމަށް އިސްކަންދިނުމުގެ ގޮތުން،" ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް ކަނޑާއަޅާފައި އޮންނަ މަހު ލިމިޓް މާދަމާއިން ފެށިގެން 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރަން ވަނީ ނިންމައިފަ އެވެ.
ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ވިޔަފާރިކުރާ ނަމަ ކޮންމެ ޓްރާންސެކްޝަނަކަށް 30 ޕަސެންޓުގެ ފީއެއް ނަގަން ބީއެމްއެލް އިން ވަނީ ނިންމައިފަ އެވެ.
އެކަމަކު، އެ ބޭންކުން ބުނީ، ޓިކެޓް ނެގުމަށާއި ހޮޓެލް ބުކިން ހެދުމަށާއި ސަބްސްކްރިޕްޝަން ކަހަލަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން ފީއެއް ނުނަގާނެ ކަމަށެވެ. ޑޮލަރު އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ ވެސް ފީ ނެގުން ނުހިމެނޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުނުކޮށް ކަމަށެވެ.
އެކަމަކު، ރާއްޖޭން ބޭރަށް ނުދާ މީހުންގެ ކާޑުތައް ބޭނުންކޮށްގެން ވެސް ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގަމުންދާ ކަމަށާއި އެހެންވެ މާދަމާއިން ފެށިގެން ބޭރުގެ އޭޓީއެމްތަކުން މަހަކަށް ނެގޭނީ 125 ޑޮލަރު ކަމަށާއި 10 ޑޮލަރުގެ ފީއެއް ވެސް ނަގާނެ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނިގޮތުގައި، އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރާ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައި ދިނުމަށެވެ. ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާ ހަމައަށް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބޭރުގައި ދިރިއުޅޭ ނަމަ 750 ޑޮލަރު އޭޓީއެމުން ނެގޭނެ
ބައެއް ސައިޓްތަކުން ވިޔަފާރިކުރަން ފީއެއް ނަގަނީ
ބީއެމްއެމްއެލް ޑެބިޓް ކާޑުގެ ލިމިޓް ދެ ގުނަކޮށްފި
ރޯދަމަހު އުމްރާވެރިންނަށް އެއް މިލިއަން ޑޮލަރު ދޫކުރި
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމެއް
ބީއެމްއެލުން އައްޑޫގައި ޑޮލަރު އޭޓީއެމް ބަހައްޓައިފި
ބީއެމްއެލްގެ ކާމިޔާބީގައި އައްޑުއަކީ މުހިންމު ތަނެއް
ޓޫރިޒަމުން ލިބޭ ބޭރު ފައިސާ މާރުކުރަން ޕްލެޓްފޯމެއް
ބީއެމްއެލްގެ ދައުރު ފުޅާކުރުމަށް ވާގިވެރިވާނެ:ސަރުކާރު