Roadha Mihaaru

އުމްރާއަށް ދާ މީހުންނަށް ބޮޑު ލުޔެއް: މާލެ ސަރަހައްދުގެ ދެ ތަނަކުން ޑޮލަރު ވިއްކާނެ

ކުރިއަށް އޮތް ރޯދަމަހު އުމްރާއަށް ދާ މީހުންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން ސަލްމާން މިސްކިތުގެ ކޮންފަރެންސް ހޯލާއި ބީއެމްއެލްގެ ހުޅުމާލެ ބްރާންުޗުން ޑޮލަރު ވިއްކަން ބީއެމްއެލް އިން ފަށައިފި އެވެ.

އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

18 ފެބުރުއަރީ 2025

ކުރިއަށް އޮތް ރޯދަމަހު އުމްރާއަށް ދާ މީހުންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން ސަލްމާން މިސްކިތުގެ ކޮންފަރެންސް ހޯލާއި ބީއެމްއެލްގެ ހުޅުމާލެ ބްރާންުޗުން ޑޮލަރު ވިއްކަން ބީއެމްއެލް އިން ފަށައިފި އެވެ.

އެ ހިދުމަތް މާދަމާ އިން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9 އިން މެންދުރު ފަހު 2 އަށް އަދި މާޗު މަހު ދެ ވަނަ ދުވަހުން ފެށިގެން އެ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9:30 އިން 11:30 އަށް ދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ކޮންމެ އުމްރާވެރިއަކަށް ވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރެވެ. އެއްފަހަރާ ފަސް އުމްރާވެރިންނަށް ވުރެ ގިނަ ނުވާ ގޮތަށް ޑޮލަރު ގަނެވޭނެ އެވެ. ޑޮލަރު ގަނެވޭނީ ބީއެމްއެލް ޑެބިޓް ކާޑާއި ނަގުދު ފައިސާ ބޭނުން ކޮށްގެންނެވެ. ޑޮލަރު ގަންނަ އިރު ކޮންމެ އުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ހުށަހަޅަން ޖެހޭނެ އެވެ. އުމްރާވެރިއެއްގެ ބަދަލުގައި އެހެން މީހަކު ޑޮލަރު ގަންނަ ނަމަ އެ މީހެއްގެ އައިޑީ ކާޑުވެސް ހުށަހަޅަން ޖެހޭނެ އެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުން ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ އުމްރާވެރިންގެ ލިސްޓުގައި ހިމެނޭ މީހުންނަށް އެކަނި ކަމަށެވެ. އެހެނިހެން އުމްރާވެރިންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ފުރިހަމަ ކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެ އެވެ.

މާލެ ސަރަހައްދުން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެންމެ ކައިރީގައި ހުންނަ ބީއެމްއެލްގެ ބްރާންޗުން ޑޮލަރު ގަތުމުގެ ހިދުމަތް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ވަނީ މި ފަހަރުގެ ރޯދަމަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށް ދާ މީހުންގެ ޑެބިޓު ކާޑުގެ ޑޮލަރު ލިމިޓް 1،500 ޑޮލަރަށް ބޮޑުކުރަން ވެސް ނިންމައިފަ އެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް ބީއެމްއެލް އިން ނިންމި ނިންމުމެކެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑަށް އިތުރު ކޮށްދޭ 1،500 ޑޮލަރުގެ ލިމިޓުގެ އިތުރުން، ޑެބިޓު ކާޑުތަކަށް މިހާރު ވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓު ލިބޭނެ އެވެ.