Roadha Mihaaru

ބީއެމްއެމްއެލް ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް ކަނޑާއަޅާފައި އޮންނަ މަހު ލިމިޓް މާދަމާއިން ފެށިގެން 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރަން ނިންމައިފި އެވެ.

ބީއެމްއެމްއެލް ޑެބިޓް ކާޑުގެ ލިމިޓް ދެ ގުނަކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް ކަނޑާއަޅާފައި އޮންނަ މަހު ލިމިޓް މާދަމާއިން ފެށިގެން 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރަން ނިންމައިފި އެވެ.

ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް މިހާތަނަށް ކަނޑާއަޅާފައި އޮންނަ ލިމިޓް ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ބީއެމްއެލް އިން މިއަދު ބުނީ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކޮށް، މިހާރު ޑެބިޓް ކާޑުތަކުން "ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް" ބަދަލުތަކެއް ވެސް ގެނެސްފައި ވާނެ ކަމަށެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ރާއްޖޭން ބޭރަށް ދަތުރުނުކުރާ ކަސްޓަމަރުންގެ ކާޑުތައް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާ އެކު އޭޓީއެމުން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށް ވަނީ ހަދައިފަ އެވެ. އަދި ބޭރުގެ އޭޓީއެމުން ފައިސާ ނެގުމުން 10 ޑޮލަރު ޗާޖުކުރާނެ ކަމަށް ވެސް ބުންޏެވެ.

ޑެބިޓް ކާޑުތަކުން އެންމެ ގިނައިން ކުރާ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގަތުން ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެހެންވެ މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ވަނީ ނިންމައިފަ އެވެ. މިގޮތަށް ފީ ނަގާނީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން އެކަންޏެވެ.

މިގޮތަށް ފީ ނެގިޔަސް ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން އިތުރު ފީއެއް ނުނަގާނެ އެވެ. މީގެ އިތުރުން ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުން ކުރާ މުއާމަލާތަށް ވެސް ފީއެއް ނުނަގާނެ އެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައި ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައިދޭން ކަމަށެވެ.

މި ގެނައި ބަދަލުތަކާ އެކު ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ މަހު ލިމިޓް ބެލުމުގައި މީގެ ކުރިން ބަލަމުން އައި ގޮތް ބަދަލުކޮށް މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާ ހަމައަށް ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.