Roadha Mihaaru

ބޭރުގެ ބައެއް ސައިޓުތަކުން ވިޔަފާރި ކުރާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަނީ

ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރާ ސައިޓުތަކުން ވިޔަފާރިކުރާ ނަމަ 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ބީއެމްއެލް އިން ނިންމައިފި އެވެ.

ބައެއް ސައިޓްތަކުން ވިޔަފާރިކުރަން ފީއެއް ނަގަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

30 ޖޫން 2025

ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރާ ސައިޓުތަކުން ވިޔަފާރިކުރާ ނަމަ 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ބީއެމްއެލް އިން ނިންމައިފި އެވެ.

ބީއެމްއެލް އިން މިއަދު ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެ އެވެ.

މި ސައިޓުތަކުން ވިޔަފާރި ކުރާއިރު މިހާތަނަށް ބީއެމްއެލް އަށް ފީއެއް ނުނަގަ އެވެ.

އެކަމަކު، އެ ބޭންކުން ބުނީ، ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން ފީއެއް ނުނަގާނެ ކަމަށެވެ. އަދި ޑޮލަރު އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ ވެސް ފީ ނެގުން ނުހިމެނޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުނުކޮށް ކަމަށެވެ.

އެކަމަކު ރާއްޖޭން ބޭރަށް ނުދާ މީހުންގެ ކާޑުތައް ބޭނުންކޮށްގެން ވެސް ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގަމުންދާ ކަމަށާއި އެހެންވެ މާދަމާއިން ފެށިގެން ބޭރުގެ އޭޓީއެމްތަކުން މަހަކަށް ނެގޭނީ 125 ޑޮލަރު ކަމަށާއި 10 ޑޮލަރުގެ ފީއެއް ވެސް ނަގާނެ ކަމަށް ބޭންކުން ބުންޏެވެ.

ބޭންކުން ބުނީ، އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައި ދިނުމަށެވެ. ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ކާޑުގެ ލިމިޓު ބޮޑުކުރި އިރު ކޮވިޑަށް ފަހު ޑެބިޓް ކާޑުތަކުގެ ލިމިޓަކަށް ކަނޑައަޅާފައި އޮތީ 250 ޑޮލަރެވެ. އަދި ކްރެޑިޓް ކާޑުގެ ލިމިޓަކީ 750 ޑޮލަރެވެ. ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބީއެމްއެލްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު 1،200 ޑޮލަރު ނެގޭ ގޮތަށް މިދިޔަ ފެބްރުއަރީ މަހު ބަދަލު ގެނެސްފައިވެ އެވެ.