Roadha Mihaaru
1،000 ޑޮލަރުގެ ބަދަލުގައި ދެން ދޭނީ ސްޓައިޕެންޑް

1،000 ޑޮލަރުގެ ބަދަލުގައި ދަރިވަރުންނަށް ދެން ދޫކުރާނީ ސްޓައިޕެންޑަށް ޖެހޭ ވަރު!

25 ޖޫން 2024

ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ބީއެމްއެލް އިން ޑޮލަރު ވިއްކުމުގައި ގެންގުޅޭ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ބީއެމްއެލް އިން ޑޮލަރު ވިއްކުމުގައި ގެންގުޅޭ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

އެ ބޭންކުން މިއަދު ބުނީ، މީގެ ކުރިން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް 1،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކި ނަމަވެސް ދެން ޑޮލަރު ވިއްކާނީ އެ ދަރިވަރަކު ހުންނަ ގައުމަށްށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދޭން ކަނޑައަޅާފައިވާ ސްޓައިޕެންޑަށް ވާ ފައިސާ ކަމަށެވެ. އެކަން މިހާރު ދަރިވަރުންނަށް އަންގާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތައް ކުރުމަށް ސްޓައިޕެންޑުގެ ގޮތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭރުގެ އެކި ގައުމުތަކަށް ކަނޑައަޅާފައި ވަނީ އެކި އަދަދުތަކެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ދިވެހި ދަރިވަރުން ކިޔަވަން ތިބި އެއް ގައުމު ކަމަށްވާ މެލޭޝިއާގައި ތިބި ދަރިވަރުންނަށް ދެން ވިއްކާނީ 416 ޑޮލަރެވެ.

އިންޑިއާގައި ކިޔަވަން ތިބި ދަރިވަރުންނަށް 440 ޑޮލަރު ވިއްކަން ނިންމާފައިވާއިރު، ބަންގްލަދޭޝްގައި ތިބި ދަރިވަރުންނަށް ވިއްކާނީ 400 ޑޮލަރެވެ. އަދި ތައިލެންޑުގައި ތިބި ދަރިވަރުންނަށް ވިއްކާނީ 598 ޑޮލަރެވެ. ސްޓައިޕެންޑުގެ ގޮތުގައި އެކި ގައުމުތަކަށް މިނިސްޓްރީން ކަނޑައަޅާފައިވާ އަދަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެ އެވެ.

ބީއެމްއެލް އިން ގެނައި ބަދަލުގެ ސަބަބުން ބައެއް ގައުމުތަކަށް 1،000 ޑޮލަރަށް ވުރެ އިތުރަށް ވެސް ލިބެ އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސްޓައިޕެންޑުގެ ގޮތުގައި އެންމެ ބޮޑެތި އަދަދުތަކެއް ކަނޑައަޅާފައިވަނީ ޔޫރަފްގެ ގައުމު ތަކަށެވެ. އިނގިރޭސި ވިލާތުގައި ކިޔަވާ ދަރިވަރުންނަށް ލިބޭނީ 1،800 ޑޮލަރެވެ. ސްވިޒަލެންޑުގައި ކިޔަވާ ދަރިވަރުންނަށް 2،000 ޑޮލަރު ލިބެ އެވެ. ޔޫއޭއީގައި ކިޔަވާ ދަރިވަރުންނަށް ވެސް 1،000 ޑޮލަރު ލިބެ އެވެ.

ބީއެމްއެލްއިން ސްޓޫޑަންޓުންނަށް ވިއްކާ ޑޮލަރުގެ އަގުތަކަށް ބަދަލު ގެނައީ ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިތަކުގެ ސަަބުންނެވެ.

މިދިޔަ މަހު ބޭއްވި އޭޖީއެމްގައި ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވެސް ވަނީ ކަސްޓަމަރުންނާއި އެމްއެމްއޭ އިން ބީއެމްއެލް އަށް ގަންނަން ލިބުނު ފައިސާގެ އަދަދަށް ވުރެ 333 މިލިއަން ޑޮލަރުގެ އިތުރަށް މިހާރު ޑޮލަރު ވިއްކާފައިވާ ކަމަށެވެ. ބޭންކަށް ގަންނަން ލިބެން ނެތް ޑޮލަރެއް ވިއްކަމުން ދިޔުމަކީ ދެމެހެއްޓެނެވި ކަމަކަށް ނުވާތީ ބޭންކުގެ މާލީ ހާލަތާއި ރިސްކްތަކަށް ހުށަހެޅޭ މިންވަރު ކުޑަކުރުމަށްޓަކައި އުދަނގޫ ނިންމުންތަކެއް ނިންމަން އެ ބޭންކަށް މަޖުބޫރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.