Roadha Mihaaru

އެސްޑީއެފްސީ ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދަނީ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް: އެމްއެމްއޭ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތްތައް ބީއެމްއެލް އިން ހިންގަނީ ކަމާގުޅޭ ގާނޫނުތަކާއި ގަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގެ ޔަގީންކަން އެ ބޭންކުން ދީފައިވާ ކަމަށް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ގާނޫނާ ހިލާފެއް ނޫން

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތްތައް ބީއެމްއެލް އިން ހިންގަނީ ކަމާގުޅޭ ގާނޫނުތަކާއި ގަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގެ ޔަގީންކަން އެ ބޭންކުން ދީފައިވާ ކަމަށް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އެހެން ބުނީ، އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތް ބީއެމްއެލް އިން ކުރިއަށް ގެންދަނީ ރާއްޖޭގެ ބޭންކިން ގާނޫނާ ހިލާފަށް ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެންނެވެ. އެމްއެމްއޭ އިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމަށް ހުށަހަޅާ މުއާމަލާތާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް މި އޮތޯރިޓީގެ އާއްމު އުސޫލުތަކާ އެއްގޮތަށް މި މުއާމަލާތް ހިންގުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަކަށް އެ ބޭންކުން އަމަލުކުރިތޯ ވަނީ ބަލައިފަ އެވެ،" އެމްއެމްއޭގެ ބަޔާނުގައި ވެ އެވެ.

"އަދި ބީއެމްއެލް އިން މި އޮތޯރީޓި އަށް ހިއްސާ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ވިޔަފާރީގެ މުއާމަލާތުގެ ހުރިހާ ކަމެއް ވެސް ކުރިޔަށް ގެންދާނީ ކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބީއެމްއެލް އިން ވަނީ މި އޮތޯރިޓީ އަށް ޔަގީންކަން ދީފަ އެވެ."

ބީއެމްއެލް އިން ވެސް މިއަދު ބުނީ، އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާއައަތްތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

"ބޭންކުން މިހާރު މި ވަނީ މި މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފަ އެވެ،" ބީއެމްއެލް އިން ބުންޏެވެ.

އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ގަންނަން ހުށަހެޅީ ބީއެމްއެލް އިން ކަމަށް އެ ބޭންކުން ބުންޏެވެ. އެ ހުށަހެޅުމަށް ބަލައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ކެބިނެޓުން ވަނީ މިދިޔަ އާދިއްޔަ ދުވަހު ނިންމައިފި އެވެ.

"އެސްޑީއެފްސީ ގަތުމަށް ފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުށަހަޅުއްވައިފަ އެވެ. އަދި ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށް ވެސް ވަނީ ނިންމަވާފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.