Roadha Mihaaru
"ބޭންކުތަކަށް މިއަހަރު ދޫކުރާ ޑޮލަރު އިތުރުވާނެ"

ބޭންކުތަކަށް މިއަހަރު ދޫކުރާ ޑޮލަރު އިތުރުވާނެ: އެމްއެމްއޭ

27 މާޗް 2024

މަރުކަޒީ ބޭންކް އެމްއެމްއޭ އިން ރާއްޖޭގެ ކޮމާޝަލް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވާނެ ކަމަށް ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދު ވިދާޅުވެއްޖެ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން ރާއްޖޭގެ ކޮމާޝަލް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވާނެ ކަމަށް ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ކޭޝްފްލޯ އާ ގުޅޭގޮތުން އެމްއެމްއޭގެ އިސްބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައިވާ އިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މީގެ ކުރިން ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ގަންނަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 25 ޕަސަންޓަށް ޑޮލަރު ދޫކުރާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، މި ފަހުން އެ އަދަދު ދަށްކޮށްފައިވަނީ ބޭންކުތަކަށް އެމްއެމްއޭއިން ޑޮލަރު ހިފެހެއްޓުމުންތޯ ޝަރީފް އެއްސެވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިމާދު ވިދާޅުވީ ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާާގެ އަދަދު ނޫނީ އެމްއެމްއޭގެ އިންޓަވެންޝަން މަދުކޮށްފައި ނުވާނެ ކަމަށެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޑެޕިޔުޓީ ގަވަރުނަރު އިމާދު އަދި އެސިސްޓެންޓް ގަވަރުނަރު އިދްހާމް މައުލޫމާތު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޑެޕިޔުޓީ ގަވަރުނަރު އިމާދު އަދި އެސިސްޓެންޓް ގަވަރުނަރު އިދްހާމް މައުލޫމާތު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

"އިތުރު ބަދަލުތަކެއް ނުގެނެވޭ. އެކަމަކު އެ ބޭފުޅުން [ބީއެމްއެލް]ގެ ބިޒްނަސް އޮޕަރޭޝަންތަކަށް ގެނެވިގެން އުޅޭ ބަދަލުތަކެއް ކަމަށް ފާހަގަ ކުރެވެނީ. ނަމަވެސް އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ އަދަދު 2023 ވަނަ އަހަރަށް ވުރެ 2024 ވަނަ އަހަރު ދޫކުރާ އަދަދު އިތުރު ވާނެ،" އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅުވައި އެހެން މެމްބަރަކު ސުވާލު ކުރެއްވުމުން އެސިސްޓެންޓް ގަވަރުނަރު އިދްހާމް ހުސެއިން ވިދާޅުވީ މިދިޔަ އަހަރު ގާތްގަނޑަކަށް 260 މިލިއަން ޑޮލަރު ބޭންކުތަކަށް ދޫކޮށްފައިވާ އިރު، މި އަހަރު އެ އަދަދު 314 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށެވެ.

ބޭރު ފައިސާ ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބީއެމްއެލް އިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން، ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ކާޑު ލިމިޓު ބޮޑުކޮށްދޭން ސަރުކާރުން ނިންމިޔަސް، އެކަން ކުރެވެން ނެތް ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.