Roadha Mihaaru
ބީއެމްއެލް އިން ނިންމީ މަޝްވަރާއާ ޚިލާފަށް: ސަރުކާރު

ބީއެމްއެލް އިން ނިންމީ ލަފާ ދިން ގޮތާ ޚިލާފަށް: ސަރުކާރު

25 އޯގަސްޓް 2024

ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ހަދައި ބީއެމްއެލް އިން ނިންމީ އެންމެ ރަނގަޅު ނިންމުން ނޫން ކަމަށާއި އެއީ ސަރުކާރާ އެކު ކުރި މަޝްވަރާތަކާއި ދިން ލަފަޔާ ޚިލާފު ނިންމުމެއް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ހަދައި ބީއެމްއެލް އިން ނިންމީ އެންމެ ރަނގަޅު ނިންމުން ނޫން ކަމަށާއި އެއީ ސަރުކާރާ އެކު ކުރި މަޝްވަރާތަކާއި ދިން ލަފަޔާ ޚިލާފު ނިންމުމެއް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ބީއެމްއެލްގެ ނިންމުމާ ގުޅޭ ގޮތުން އާއްމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ކާޑު ލިމިޓަށް ގެނައި ބަދަލު މިއަދު ވަނީ އުވާލައިފަ އެވެ. ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ގެނައި ބަދަލުތައް އުވާލީ ބޭންކުން ބުނެފައިވާ ގޮތުގައި، ބޭންކުގެ ރެގިއުލޭޓާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދުގެ ދަށުންނެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ޑޮލަރު ލިމިޓްކުރަން ބީއެމްއެލް އިން ނިންމި ނިންމުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޝަފީގް ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޝަފީގް ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

އެ ފިޔަވަޅު ބީއެމްއެލް އިން އެޅީ، ޑޮލަރުގެ މައްސަލައިގައި ސަރުކާރުން ބީއެމްއެލްއާ އެކު މަޝްވަރާތަކެއް ކުރަމުން އަންނަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ރައީސް ބޭނުމެއް ނުވާނެ ރާއްޖެ ދޫކޮށް ކިޔަވަން ގޮސް ހުރި ކުއްޖެއްގެ އެކައުންޓަށް ޑޮލަރު ނުދާނެ އެއްވެސް ޗޮއިސްއެއް އޮންނާކަށް. -- ސައީދު

ކިޔަވާ ކުދިންނާއި ރާއްޖޭން ބޭރުގައި ތިބި މީހުންނާއި ރާއްޖޭގައި އުޅޭ އެތައް ބަޔަކު ވަރަށް ބޮޑަށް ބީއެމްއެލް އިން މަހަކަށް ކަނޑައަޅާފައިވާ ޑޮލަރު ލިމިޓަށް ބަރޯސާވާ އިރު، އެ މީހުންނަށް ގެއްލުން ނުވާނެ ގޮތަކަށް ކަންކަން ކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ނިންމުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސީދާ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބަލަމުން އައި ކަމެއް. ކާޑުގެ ލިމިޓޭޝަން ގެނައި އިރު އެންމެ އެކަށީގެންވާ ގޮތަކަށް ނޫން އެކަން ކުރެވިގެން ދިޔައީ. ރާއްޖޭން ބޭރުގައި ކިޔަވާ ކުދިން އެބަތިބި. ޑޮލަރުން މުއާމަލާތް ކުރާ ކުދި ވިޔަފާރިތައް އެބަހުރި،" ބީއެމްއެލްގެ ނިންމުމާ ގުޅޭ ގޮތުން ސައީދު ވިދާޅުވި އެވެ.

"ސީދާ ރައީސުލްޖުމްހޫރިއްޔާ ބީއެމްއެލްއާ ވާހަކަ ދެއްކެވި. އަޅުގަނޑާ ވެސް ވާހަކަ ދެއްކެވި. ފިނޭންސް މިނިސްޓަރު ވެސް ވާހަކަފުޅު ދައްކަވާފައި ވަނީ."

ސައީދު ވިދާޅުވި ގޮތުގައި މި ސަރުކާރަށް ވާރުތަވި މާލީ އަދި އިގްތިސާދީ މައްސަލަތަކަކީ ހުއްޖަތަކަށް ހެދުމަށް ފަހު ކިޔަވާ ކުދިންނާއި ކުދި ވިޔަފާރިތަކާއި އާއްމުންނަށް ދަތިވާނެ ގޮތަށް ކަންކަން ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫނެވެ. ބޭރުގައި ކިޔަވަން ތިބި ކުދިންނަށް ޑޮލަރު ނުލިބޭނެ އެއްވެސް ގޮތެއް ވުމަކީ މި ސަރުކާރުން އެގޮތަށް އެކަން ބާއްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ބީއެމްއެލް އިން ޑޮލަރު ލިމިޓްކުރުމާ އެކު، ރައީސް ޑރ މުހައްމަދު މުއިއްޒާއި ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކައާ މިއަދު ބައްދަލުކުރެއްވި ކަމަށާއި ބޭންކުގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

"ބީއެމްއެލް ބޭނުންވާ ކަންތައްތަކެއް ހުރެދާނެ. ބީއެމްއެލްއަކީ ރައްޔިތުންގެ ބޭންކް. ބީއެމްއެލް ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލާ، އެމްއެމްއޭ އަށް ކޮށްދެވޭނެ ކަންކަން ބެލުމަށް ވަގުތު ބޭނުންވާނެ،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ޑޮލަރު ލިމިޓްކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ ވިސްނުން ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުން ކިޔައިދެއްވަނީ. -- ފޮޓޯ | ރައީސް އޮފީސް

ބީއެމްއެލް އިން ޑޮލަރު ލިމިޓްކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ ވިސްނުން ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުން ކިޔައިދެއްވަނީ. -- ފޮޓޯ | ރައީސް އޮފީސް

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވިދާޅުވީ، އެ މައްސަލައިގައި ސަރުކާރުން ބީއެމްއެލްއާ އެކު މަޝްވަރާތައް ކުރި ނަމަވެސް، އެ ބޭންކުން އެންމެ ފަހު ނިންމުން ނިންމީ ސަރުކާރުން ބޭނުންވާ ގޮތަށް ނޫން ކަމަށެވެ.

ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވި ގޮތުގައި ބޭންކަށް ބޭނުންވާ އެހީތެރިކަން ދިނުމަށްޓަކައި ކަންކަން ރާވަން ވަނީ ނިންމައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރާއި މި އަހަރުގެ މާޗް އަދި ޖޫން މަހުގައި ވެސް މުހިއްމު ބައްދަލުވުންތަކެއް ބޭއްވި އެވެ. އެ މަޝްވަރާތަކާ އެއްގޮތަށް، ބީއެމްއެލް އަށް ޑޮލަރުގެ ސަޕޯޓު ދިނުމަށްޓަކައި މަސައްކަތްތައް ކުރާނެ ކަމަށާއި ޑޮލަރުގެ ތާށިކަން އެހާ ބޮޑަށް ދަށްވީ، ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ދައުލަތަށް ޑޮލަރު މަދުން ވަންނަ ދުވަސްކޮޅަކަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މިފަދަ ދަތި ކަމެއް ކުރިމަތިނުވާނެ ގޮތަށް ކަންކަން ރޭވުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

"ޕްރިންޓް ކުރުމުން ޑޮލަރަށް އޮތް ޑިމާންޑު އިތުރަށް ވަރުގަދަވޭ. އެއީ އަސްލު ޑޮލަރަށް އެހާ ބޮޑު ޑިމާންޑެއް އައި ސަބަބަކީ. މިހާރު ޑޮލަރު އާމްދަނީ ލިބޭ ދާއިރާތަކުން އިތުރަށް އިންފްލޯއެއް ހޯދުމަށް މަސައްކަތް ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.