Roadha Mihaaru

އެސްޑީއެފްސީގެ ޗެއާމަނަކަށް ބީއެމްއެލްގެ ސީއީއޯ ޝަރީފް، އެމްޑީކަން ބަދުރުއްދީނަށް

ގައުމީ ބޭންކު، ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް މިހާރު ހަމަޖެހިފައިވާ އެސްޑީއެފްސީގެ ޗެއާމަން ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން އައްޔަންކޮށްފި އެވެ.

އެސްޑީއެފްސީއަށް ބީއެމްއެލްގެ ޝަރީފާއި ބަދުރުއްދީން
ނާޒިމް ހަސަން
ނާޒިމް ހަސަން

03 ސެޕްޓެމްބަރ 2025

ގައުމީ ބޭންކު، ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް މިހާރު ހަމަޖެހިފައިވާ އެސްޑީއެފްސީގެ ޗެއާމަން ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން އައްޔަންކޮށްފި އެވެ.

ބަދުރުއްދީން މީގެކުރިން ހުންނެވީ ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ މަގާމުގަ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ވަނީ ނިންމައިފަ އެވެ.

ބީއެމްއެލްއިން ބުނެފައިވަނީ އެސްޑީއެފްސީން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު، ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިން ހިދުމަތްތަކެއް ކަމަށެވެ.

އެ ޑިޖިޓަލް ބޭންކުގެ އާ ސްޓްރެޓެޖީގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކަށާއި އަންހެނުން ހިންގާ ވިޔަފާރިތަކަށާއި މަސްވެރިންނަށާއި ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގެ ވިޔަފާރިތަކަށާއި ދެމެހެއްޓެނިވި ވިޔަފާރިތަކަށާއި އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމުގެ މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި ފުޅާ ވިއުގަ އާއި ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގެ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމާއި ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކޮށް އަދި ދިވެހި އިގުތިސާދަށް ފުދުންތެރިކަން އިތުރުކުރުން ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން އަމާޒު ހިފާފައިވަނީ، ފުރަތަމަ އަހަރުގެ ތެރޭގައި އެ ސަބްސިޑަރީ މެދުވެރިކޮށް 500 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމެވެ. އޭގެ އިތުރުން، މުޖުތަމައުގެ ތަރައްގީ އާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށް މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިން އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް، ތިން އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެ އެވެ.