Roadha Mihaaru

ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ: ޝަރީފު

ބީއެމްއެލް އިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކަންޖެހޭ ކަމަށް ސީއީއޯ މުހައްމަދު ޝަރީފު މިރޭ ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

28 މެއި 2025

ބީއެމްއެލް އިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކަންޖެހޭ ކަމަށް ސީއީއޯ މުހައްމަދު ޝަރީފު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި އާންމު ޖަލްސާގައި ޝަރީފު ވިދާޅުވީ، އެ ބޭންކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ޑޮލަރުގެ މުއާމަލާތްތައް ގިނަވުން ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ބޭންކްގެ ހައިސިއްޔަތުން، ބީއެމްއެލް އިން ވިސާ، މާސްޓަކާޑު، އެމެރިކަން އެކްސްޕްރެސް އަދި އެހެނިހެން، ޕޭމަންޓް ނެޓްވޯކްތަކާ އެކު އޮންނަ މުހިއްމު ގުޅުމުގެ ސަބަބުން، ފައިސާގެ މުއާމަލާތްތައް ކުރެވޭ ކަމަށާއި އެކަމުގެ ސަބަބުން ރިސޯޓުތަކާއި ހޮޓާތަކާއި ވިޔަފާރިތަކުގައި ޓޫރިސްޓުންނަށް ފަސޭހައިން ފައިސާ ދައްކައި އިގްތިސާދީ ކުރިއެރުން ހޯދައިދެވޭ ކަމަށެވެ.

"ނަމަވެސް ދިވެހިން އިންޓަނެޓް މެދުވެރިކޮށް ބޭރުގެ ވިޔަފާރިތަކުން ގަންނަ ތަކެއްޗަށް ކާޑު ބޭނުންކުރާ މިންވަރު މަތިވުމުގެ ސަބަބުން، ޑޮލަރު ބޭނުންވާ މިންވަރު އިތުރުވަމުންދާކަން މިފުރުސަތުގައި ފާހަގަކޮށްލަން. ބޭންކުން ކާޑުގެ މުއާމަލާތްތަކަށް އެވްރެޖުކޮށް 45،000 ފަރާތަކަށް ނުވަތަ 1.5 މިލިއަން ޑޮލަރު ވިއްކޭ،" އޭނާ ވިދާޅުވި އެވެ.

ދުވާލެއްގެ މައްޗަށް 1.5 މިލިއަން ޑޮލަރު ވިއްކާ ނަމަ އެއީ މަހެއްގެ މައްޗަށް 45 މިލިއަން ޑޮލަރެވެ. އަދި އަހަރެއްގެ މައްޗަށް އެ ބޭންކުން ޑޮލަރު ވިއްކާ އަދަދު 540 މިލިއަން ޑޮލަރަށް އަރާނެ އެވެ.

ޝަރީފު ވިދާޅުވީ، އެ ގޮންޖެހުންތަކާ އެކު ވެސް ގައުމީ ބޭންކްގެ ހައިސިއްޔަތުން އެ ބޭންކުން، ކިޔަވާ ކުދިންނަށާއި އުމްރާ އާއި ހައްޖަށްދާ މީހުންނަށް ބޭރު ގައުމުތަކުގައި ކާޑުން ޑޮލަރުގެ މުއާމަލާތްތައް ހިންގޭ ވަރު އިތުރުކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރު ބޭންކުން ވަނީ ކިޔަވާ ކުދިންނަށް ކާޑުން ޑޮލަރުގެ މުއާމަލާތް ކުރެވޭ އަދަދު 1،200 އަށް އިތުރުކޮށްފަ އެވެ. އަދި މިއަހަރު ރަމަޟާން މަހު އުމްރާވެރިންނަށް ބޭންކުން އާންމު އުސޫލުން ދޫކުރާ ޑޮލަރު ލިމިޓުގެ އިތުރުން 1،500 ޑޮލަރު ކާޑު ލިމިޓަށް އިތުރުކުރި އެވެ. އަދި ހައްޖަށް މީހުންނަށް ޑޮލަރު ލިމިޓު ވަނީ 2،000 ޑޮލަރަށް އިތުރުކޮށްދީފަ އެވެ.