13 މެއި 2018
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފައިދާ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދެ ގުނަ އިތުރުވެ، ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ މިރޭ ވިދާޅުވެއްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފައިދާ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދެ ގުނަ އިތުރުވެ، ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ މިރޭ ވިދާޅުވެއްޖެ އެވެ.
އެ ބޭންކަށް 2016 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.02 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 8 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ އިތުރުން ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ އަދަދު ވެސް 15 ޕަސެންޓް އިތުރުވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 15 ބިލިއަން ރުފިޔާ ޑިޕޮސިޓް ކޮށްފައިވެ އެވެ.
ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކުން ހޮޓެލް ޖެންގައި ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އެންޑްރޫ ވަނީ 2014 ވަނަ އަހަރުން ފެށިގެން ބޭންކުން ހޯދަމުން އަންނަ ނަތީޖާތަކަށް އަލިއަޅުއްވާލައްވައިފަ އެވެ.
ބޭންކަށް ލިބޭ ފައިދާ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދެގުނަ އިތުރުވެފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ހަރުދަނާ ގޮތެއްގައި ވިޔަފާރި ފުޅާކޮށް އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރުމުން ކަމަށެވެ. އެ ބޭންކުން ވަނީ އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް މިދިޔަ ހަތަރު އަހަރުތެރޭގައި 20.3 ޕަސެންޓުން 4.1 ޕަސެންޓަށް ދަށްކޮށްފަ އެވެ.
އެންޑްރޫ ވިދާޅުވީ އެ ބޭންކްގެ ހިއްސާގެ އަގަށް އައި 240 ޕަސެންޓްގެ ކުރިއެރުމާއެކު ހިއްސާދާރުންނަށް އެކަމުގެ ފައިދާ ލިބިފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ބޭންކުން 1.3 ބިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ގޮތުން އެ އަހަރު ބޭންކުން ކަނޑައެޅި ތަސައްވުރަށް ވާސިލްވުމަށްޓަކައި މިހާތަނަށް މާލީ ގޮތުން ހޯދާފައިވާ ކުރިއެރުމާއި ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތަށް ގެނުވުނު ބަދަލާއި މުޖުތަމައަށް ކުރާ އިންވެސްޓްމަންޓާ ގުޅޭގޮތުން އެންޑްރޫ ވަނީ ވާހަކަދައްކަވައިފަ އެވެ.
ކަސްޓަމަރުންނަށް ދޭ ހިދުމަތާ ގުޅޭގޮތުން އޭނާ ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ އަށް ކުރަމުންދާ އިންވެސްޓްމަންޓްގެ އެހީގައި ކަސްޓަމަރުން ހިދުމަތް ހޯދާ ގޮތަށް ބަދަލުގެނެވި ބޭންކުގެ ކަސްޓަމަރުން ހިންގާ ކޮންމެ ދިހަ މުއާމަލާތަކުން ނުވަ މުއާމަލާތް ހިންގަނީ އޮންލައިންކޮށް ކަމަށެވެ. އަދި މީގެ ކުރިން އާންމުކޮށް ކުރަންޖެހޭ މުއާމަލާތްތައް ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ކުރަމުންދިޔަ ނަމަވެސް އެކަމަށް ވަރަށް ބޮޑު ބަދަލެއް ގެނެވި އެ މުއާމަލާތްތައް މިހާރު ކުރަމުންދަނީ މޮބައިލް، އިންޓަނެޓް އަދި ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.
އެ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އޮންލައިންކޮށް 30 މިލިއަން މުއާމަލާތްކުރިއިރު މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. އެ މުއާމަލާތްތަކުން ބްރާންޗްތަކުގެ ކިޔު ކުޑަކުރެވިގެންދިޔަ ކަމަށް ސީއީއޯ ވިދާޅުވި އެވެ.
"މިދިޔަ އަހަރު މާލޭގައި ހުޅުވި ކަސްޓަމަ ސާވިސް ސެންޓަރާއި ހިދުމަތަށް ގެނައި ބަދަލުތަކާއެކު ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަގަޅު ކުރެވިފައި. ބީއެމްއެލްގެ ކަސްޓަމާ ސެޓިސްފެކްޝަން ލެވެލް މިހާރު ވަނީ ރާއްޖޭގެ އެހެން ބޭންކުތަކަށްވުރެ މަތީގައި. އަދި މި ލެވެލް ހުރީ އޭޝިއާ ގެ ސަރައްހައްދުގެ އެވްރެޖަށްވުރެ 8 ޕަސެންޓް މަތީގައި،" އެންޑްރޫ ވިދާޅުވި އެވެ.
އެ ޖަލްސާގައި އެންޑްރޫ ވަނީ މިދިޔަ އަހަރުތަކުގައި މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން 100 އަށް ވުރެ ގިނަ ޕްރެޖެކްޓް ހިންގާފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި މިދިޔަ އަހަރު އެކަނިވެސް "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމަށް ދިނުމުގެ ގޮތުން ކުރެވުނު މި އިންވެސްޓްމަންޓްތަކުން ދިވެހި އެކި މުޖުތަމައުތަކަށް ވަރަށް ބޮޑު މަންފާއެއް ވަނީ ލިބިފައި. އަދި މިވޭތުވެދިޔަ ހަތަރު އަހަރަށް ބަލާއިރު ބްރާންޗް ވިއުގަ 30 ޕަސެންޓުން ފުޅާކުރެވި، 35 ސެލްފް ސާވިސް ބޭންކިން ސެންޓަރާއެކު އޭޓީއެމްގެ އަދަދު މިވަނީ ދެގުނަ އަށް އިތުރުކުރެވިފައި،" އެންޑްރޫ ވިދާޅުވި އެވެ.
"މިހާރު ކޮންމެ އަތޮޅެއްގައި ބޭންކުގެ ބްރާންޗެއް އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބްރާންޗެއް، އޭޓީއެމް އެއް ނުވަތަ އެޖޭންޓެއް މިވަނީ ގާއިމްކުރެވިފައި."
ހިއްސާދާރުންނާ ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ވަނީ މުވައްޒަފުންނަށް ތައުރީފްކޮށްފައެވެ.
"އަޅުގަނޑު ދެކޭގޮތުގައި ބޭންކުގެ އަމާޒަށް ވާސިލްވުމަށް އަޅުގަނޑުމެން ކަނޑައަޅަފައިވާ ލަނޑުދަނޑިތައް ހާސިލްކުރަމުންދާކަން ތިޔަ ބޭފުޅުން ގަބޫލްކުރައްވާނެ. އަޅުގަނޑުމެންގެ މާލީ ހާލަތު މިވަނީ ހަރުދަނާކަންމަތީގައި، ހަރުދަނާ ކަމާއެކު ރިސްކް ބެލެހެއްޓުމާއި ކަސްޓަމަރުންނަށް ދޭ ހިދުމަތް މިވަނީ ރަނގަޅުކުރެވިފައި. އަދި ބޭންކަށް ލިބޭ ފައިދާ މިދަނީ އަޅުގަނޑުމެންގެ ހިދުމަތްފޯރުކޮށްދޭ މުޖުތަމުތަކަށް އަނބުރާ ދެމުން. މި ފުރުސަތުގައި މިދިޔަ އަހަރު ވަރަށް ބުރަ ކޮށް އަދި އެހާމެ ހީވާގިކަމާއެކު މަސައްކަތަށް އަހައްމިއްޔަތުކަންދީގެން މަސައްކަތްކުރި ބޭންކުގެ މުވައްޒަފުންނަށް ޝުކުރުދަންނަވަން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލް އިން ހިއްސާއަކަށް 15ރ. ބަހަނީ
ބޭންކުގެ ގޮތްޕެއް ބޭރުގައި ހުޅުވުމަކީ ފަސޭހަކަމެއް ނޫން
ބީއެމްއެލްއަށް 350 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް
1.5 ބިލިއަން ރުފިޔާގެ ލޯނު ބީއެމްއެލް އިން ދޫކުރި
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ސަހާ ވަހީދު
ކާޑު ލިމިޓު އިތުުރު ކުރަން ދަރިވަރުންނަށް ޕޯޓަލެއް
42 އަހަރަށް ފަހު އައިސްތު ބީއެމްއެލް އިން ވަކިވަނީ
ބީއެމްއެލްގެ މުވައްޒަފުންނަށް ހިދުމަތުގެ އެވޯޑުތައް
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި