Roadha Mihaaru
އިލްމާ އެކު އީމާންކަން ކޮންމެހެން ލާޒިމުވޭ

އިލްމާ އެކު އީމާންކަން ކޮންމެހެން ލާޒިމުވޭ

25 ޖެނުއަރީ 2019

އިންސާނުންނަށް ދިރިއުޅުމުގެ ހަޔާތުގައި ބާއްޖަވެރިކަން ލިބުމަށްޓަކައި ދީނަކީ ކޮންމެހެން ބޭނުން އެއްޗެއް ނޫން ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. މިފަދަ ބައެއް މީހުން ދެކޭ ގޮތުގައި އިލްމީ ގޮތުން އިންސާނާ ކުރިއަރައިފި ނަމަ ކައުނުގައިވާ އެއްޗެއްސާއި ކަންކަމުން މަންފާ ހޯދަން ދަސްކުރެވޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ދިރިއުޅުން ބާއްޖަވެރިވާނެ އެވެ. މިގޮތުން ނަފްސާނީ ދުޅަހެޔޮކަމާއި ވިސްނުމުގެ ދުޅަހެޔޮ ކަން ލިބޭނެ އެވެ. ޝަޚުޞީ މިނިވަންކަން ހާސިލު ވާނެ އެވެ. ދުނިޔެއަށްޓަކައި މަސައްކަތްކޮށް ދުނިޔެ ތަރައްގީ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

އިންސާނުންނަށް ދިރިއުޅުމުގެ ހަޔާތުގައި ބާއްޖަވެރިކަން ލިބުމަށްޓަކައި ދީނަކީ ކޮންމެހެން ބޭނުން އެއްޗެއް ނޫން ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. މިފަދަ ބައެއް މީހުން ދެކޭ ގޮތުގައި އިލްމީ ގޮތުން އިންސާނާ ކުރިއަރައިފި ނަމަ ކައުނުގައިވާ އެއްޗެއްސާއި ކަންކަމުން މަންފާ ހޯދަން ދަސްކުރެވޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ދިރިއުޅުން ބާއްޖަވެރިވާނެ އެވެ. މިގޮތުން ނަފްސާނީ ދުޅަހެޔޮކަމާއި ވިސްނުމުގެ ދުޅަހެޔޮ ކަން ލިބޭނެ އެވެ. ޝަޚުޞީ މިނިވަންކަން ހާސިލު ވާނެ އެވެ. ދުނިޔެއަށްޓަކައި މަސައްކަތްކޮށް ދުނިޔެ ތަރައްގީ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ގަބޫލުކުރުމުގައި ކޮންމެވެސް ހަގީގަތްތަކެއް ހިމެނުނަސް މިއީ މުޅިން ސައްހަ ގަބޫލު ކުރުމެއް ނޫނެވެ. އެހެނީ މި ގަބޫލުކުރުން ބިނާވެފައި މިވަނީ ބާޠިލު ދައުވާއެއްގެ މައްޗަށެވެ. އެއީ، އިންސާނުންނަށް ދީނެއް ބޭނުންނުވާނެ ކަމަށް ކުރާ ދައުވާ އެވެ. މި ދައުވާ ބިނާކުރުމުގައި ވަރުގަދަ އަސާސެއް ނެތެވެ. ބުއްދީގެ ހަމަތަކާއި އަމަލީ ތަޖުރިބާ އާ މިކަން ފުށުއަރައެވެ. އަންނަނިވި ދަލީލުތަކުން އެކަން ސާބިތުވެއެވެ.

މިގޮތުން ފުރަތަމަ ދަލީލަކީ، އިންސާނުން ހޯދައިގަންނަ އިލްމަކީ އެއަށް ވަކި މައިދާނަކާއި ވަކި އިޚުތިޞާޞްތަކެއް ލިބިގެންވާ އެއްޗެއް ކަމުގައި ވުމެވެ. މިގޮތުން މިފަދަ އިލްމުގެ މައިދާނަކީ އިންސާނާގެ ހިއްސްތަކާ ގުޅިފައިވާ މާއްދީ ތަކެތީގެ މައިދާނެވެ. މި މައިދާނުން އިލްމު ހާސިލު ކުރުމަށް ބޭނުން ކުރެވޭ ވަސީލަތްތަކަކީ އިންސާނާގެ ވިސްނުމާއި އިހުސާސްތަކެވެ. މާއްދީ އާލަމުގައިވާ އެއްޗެއްސާއި ކަންކަން ބަލައި ފިކުރުކޮށް ތަޖުރިބާކޮށް ނަތީޖާތައް ނެރެނީ މިދެންނެވި ވަސީލަތްތަކުން އެކަންޏެވެ. އެހެންކަމުން މާއްދާގެ ނުވަތަ ހިއްސުތަކުގެ ބޭރުން ކަމެއް ހޯދައިގަތުމަކީ މިފަދަ އިލްމުގެ ވަޒީފާއެއް ނޫނެވެ. އަދި އޭގެ މައިދާނެއް ވެސް ނޫނެވެ. މިފަދަ އިލްމުގެ މައިދާނަކީ މާއްދީ (ނުވަތަ ޝަހާދަތުގެ) ޢާލަމެވެ.

އެހެންކަމަށްވާ ނަމަ، ކައުނުގައިވާ ހުރިހާ ހަގީގަތެއް މިފަދަ އިލްމަކުން ހޯދައި ނުގަނެވޭނެ އެވެ. މިގާބިލުކަން ނެތުމުގެ ސަބަބުން ޝަހާދަތުގެ އާލަމުން ބޭރުގައި އެހެން ޢާލަމެއް (އެބަހީ ޣައިބުގެ ޢާލަމް) ވާކަމަށް އިންކާރު ކުރަން ފަހަރެއްގައި އަވަސްވެ ގަނެވިދާނެ އެވެ. އެކަމަކު މިއަށް ދެއްކޭނެ ހަމައެކަނި ދަލީލަކަށް އޮންނާނީ ޣައިބުގެ ޢާލަމުގައިވާ ކަންކަމަށް އިލްމުން ދަލީލެއް ލިބޭކަށް ނެތޭ ބުނުން އެކަންޏެވެ. މިގޮތަށް ދަލީލެއް ލިބެން ނެތޭ ބުނުމަކީ މިފަދަ އިލްމުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. އެހެނީ ކައުނުގައިވާ ތަކެތި އެކުލެވިގެންވާ މާއްދާތަކާއި އެތަކެތި ހަރަކާތް ކުރަމުންދާ ގޮތް ބުނެދޭން މިފަދަ އިލްމަށް އެނގުނަސް އެތަކެތީގެ އަސްލާ ބެހޭ ގޮތުން އަދި އެތަކެތި އެގޮތަށް އެ ހަރަކާތް ކުރުމުގެ ހިކުމަތާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ހައްގު މިފަދަ އިލްމަށް ލިބިގެން ނުވާތީ އެވެ. އެއީ ޣައިބުގެ ޢާލަމުގައިވާ ކަންކަމަކީ އިލްމީ ގޮތުން ޓެސްޓުކޮށް ތަޖުރިބާކުރުމަށް ލެބޯޓްރީ \ތަކަށް ވެއްދޭނެ ކަންކަން ކަމުގައި ނުވާތީ އެވެ. ވީމާ، ޣައިބުގެ ޢާލަމް ދެނެގަތުމަށްޓަކައި ދީނަށް އެބަ ބޭނުން ޖެހެއެވެ. ދެ ޢާލަމްގެ ހަގީގަތް ސައްހަ ގޮތުގައި ދެނެގަނެވޭނީ ހޯދައިގަންނަ އިލްމާ އެކު އީމާންކަމާ ގުޅިފައިވާ (ބާވާލެއްވުނު) އިލްމު ވެސް ދެނެގަނެގެންނެވެ.

ދެވަނަ ދަލީލަކީ، އިލްމީގޮތުން އިންސާނާ ހޯދައިގަންނަ ހުރިހާ ކަންކަމަކީ ސައްތައިން ސައްތަ ޔަގީންކަން އޮންނަ ކަންކަމަށް ނުވުމެވެ. އިލްމީ ގިނަ ހޯދުންތަކަކީ ސައްހަވުމާއި ނުވުމުގެ ގާބިލިއްޔަތު އެއަށް ލިބިފައިވާ ހޯދުންތަކެވެ. ސަބަބަކީ އިލްމު ހޯދުމުގެ މަންހަޖަކީ އިންސާނީ ތަޖުރިބާއަށް ވުމާއި މި ތަޖުރިބާތަކުގެ އަސާސަކީ ހިއްސުތައް ކަމަށް ވުމެވެ. އިންސާނާގެ ހިއްސުތަކަކީ އެއަށް ކަންކަން އޮޅިގެން ދިއުމުގެ ޖާގަ އޮންނަ އެއްޗެކެވެ.

އެމެރިކާގެ އިލްމުވެރިއެއް ކަމުގައިވާ މެރިޓް ސްޓެންލީ ވިދާޅުވާ ގޮތުގައި އިލްމީ ހޯދުންތަކަކީ ތަޖުރިބާއިން ހޯދައިގަންނަ ކަންކަމަށް ވާއިރު އިންސާނާގެ ޚިޔާލުތަކާއި ވަހުމްތަކުގެ އަސަރު ބައެއް ފަހަރު އެއަށް ފޯރައެވެ. އިލްމީ ތަޖުރިބާތައް ފަށަނީ ޝައްކު ތަކަކުންނެވެ. ގިނަ ތަޖުރިބާތައް ނިމެނީ ޔަގީންކަމަކުން ނޫނެވެ. އެހެންކަމުން އިލްމީ ބައެއް ހޯދުންތަކަކީ އޭގައި ކުށް އެކުލެވުމުގެ ޖާގަ އޮންނަ ހޯދުންތަކެވެ. އޭގައި އިތުރަށް އިޖުތިހާދު ކުރުމުގެ ފުރުސަތު އޮންނަ ހޯދުންތަކެވެ. ފަހުން އެހެން ގޮތަކަށް އެ ބަދަލުވުމުގެ ފުރުސަތު އޮންނަ ހޯދުންތަކެވެ. ތާރީޚަށް ބަލާއިރު އިލްމީގޮތުން ހޯދާ އެތައް ހޯދުންތަކެއް އެއީ ސައްހަ ހޯދުންތަކެއް ގޮތުގައި ބަލައިގަނެ އެތައް ދުވަހެއްވާ ފަހުން އެއާ މެދު އަލުން އިޖުތިހާދުކޮށް އިތުރަށް ހޯދައި ތަޖުރިބާ ކުރުމުގެ ނަތީޖާއެއްގެ ގޮތުން ބަދަލު އައިސްފައި އެބަހުއްޓެވެ. ވީމާ އިންސާނާ ހޯދައިގަންނަ އިލްމަށް ކަށަވަރުކަން ގެނައުމަށްޓަކައި ސައްހަ އަގީދާއެއްގެ މައްޗަށް ބިނާވެފައިވާ ހަގީގަތްތަކެއް އެނގުން ލާޒިމުވެ އެވެ.

އިލްމާ އެކު ދީނެއް ބޭނުންނުވާނެ ކަމަށް ކުރާ ދައުވާ ބާތިލު ކަމުގެ ތިންވަނަ ދަލީލަކީ، އިލްމީ ހަގީގަތް ތަކަކީ ސައްހަ އަގީދާއާ ފުށުއަރާނެ އެއްޗަކަށް ނުވުމުވެ. ހައްގު އިލާހުގެ އެއްކައުވަންތަކަން ދެނެގަތުމަށް އިލްމީ ހަގީގަތް އިންކާރެއް ނުކުރެއެވެ. އިންސާފަށް ލޯބިކުރާ، އިލްމީގޮތުން ފުންނާބު އުސް އެތައް ބަޔަކު ﷲ ގެ އެއްކައުވަންތަކަން ގަބޫލުކުރާ ތަން ފެންނަނީ މިހެންވެގެންނެވެ. މިފަދަ މީހުން ގަބޫލު ކުރާ ގޮތުގައި މި ކައުނު އުފައްދަވައި އޭގެ މައްޗަށް ބާރުފޯރުވުމަށް ކުޅަދުންވަންތަ ފަރާތެއް ވާން ޖެހޭނެ އެވެ. ކައުނުގައިވާ ކަންކަން ވަޒަން ހިފެހެއްޓެނިވި ގޮތެއްގައި ހިނގަމުން ދިއުމާއި ރޭދުވާ ތަކުރާރުވުމާއި އިރުހަނދާއި ތަރިތައް ވަކި ހަމައަކުން ދައުރުވަމުން ދިއުމަކީ ކުޅަދާނަ ފަރާތެއްގެ ބާރުން ވާ ކަންކަމެވެ. ވާރޭވެހި، ގަސްގަހާގެހި ހެދެނީ، އަދި އެއްގަމާއި ކަނޑުން މީސްތަކުންނަށް މަންފާ ލިބެނިވި ތަކެތި ލިބި ކަންކަން ހާސިލުވަނީ އެ ކަންކަން މެދުވެރި ކުރައްވާ ފަރާތެއް ވާތީ އެވެ.

މިފަދަ އިންސާފުވެރި އިލްމުވެރިން އެއްކޮޅުން ތިބޭއިރު އިލްމުވެރިންގެ ނަމުގައި ތިބޭ ގިނަ މީހުން ޣައިބަށް އީމާނެއް ނުވެއެވެ. މިހެންވުމަކީ، ޣައިބު ހައްގު ނޫން ކަމަށް ދެއްކެން އޮތް ދަލީލެއް ނޫނެވެ. ސަބަބަކީ މިފަދަ އިލްމުވެރިންނަކީ އެތައް ގަރުނެއް ވެފައިވާ އަދި ސައްހަ ނޫން ކަމަށް އިލްމީ ހަގީގަތްތަކުން ސާބިތުވެފައިވާ ބައެއް ނަޒަރިއްޔާތަކަށް އަދިވެސް އީމާންވެ އެއަށް އަޅުވެތިވާ ދަރަޖައިގައި ތިބޭ މީހުން ކަމަށްވާތީ އެވެ. މިފަދަ މީހުންނަށް ހައްގަށް ރުޖޫއަ ނުވެވިގެން އުޅެނީ މި މީހުންގެ އިލްމުވެރިކަމުގެ މޮޅުކަމުންނެއް ނޫނެވެ. ތަފާތު ސަބަބުތަކާ ހުރެ ވަކި ގަބޫލު ކުރުމެއް ދޫނުކޮށް އެގޮތުގައި ހިފަހައްޓައިގެން ތިބޭތީ އެވެ. އިނގިރޭސި ވިލާތުގެ އިލްމުވެރިއެއް ކަމުގައިވާ ހާބަޓް ސްޕެންސަ ވިދާޅުވާ ގޮތުގައި އިލްމަކީ ޚުރާފީ ކަންކަން ނަފީކުރާ އެއްޗެއް ކަމަށް ވިއަސް އެއީ ދީން އޭގެ ޒާތުގައި ނަފީކުރާ އެއްޗެއް ނޫނެވެ. ބައެއް އިލްމީ ހޯދުންތަކުގައި ލާދީނިއްޔަތުގެ ފިކުރު އެކުލެވިފައި ވިއަސް އިލްމީ ހަގީގަތްތަކަށް ފުންކޮށް ވަދެވިފައިވާ ނަމަ ސައްހަ އިލްމަކީ ދީން ނަފީކުރާނެ އެއްޗެއް ނޫނެވެ.

ވިހިވަނަ ގަރުނުގެ އިލްމުވެރިންގެ ގަބޫލުކުރުންތަކާ ބެހޭ ގޮތުން އައްބާސް އަލްޢައްޤާދު ލިޔުއްވާފައި ވެއެވެ. އެނަޓޮމީ އާއި ފިޒިކްސް ގެ އިލްމުވެރިއެއް ކަމުގައިވާ ޑރ. ޑީ ނީވް ވިދާޅުވާ ގޮތުގައި ބައެއް ވިސްނުންތެރިންނާއި ހެޔޮ ނިޔަތުގެ އަހުލުވެރިން ހީކުރަނީ ކަލާނގެ ވޮޑިގެންވާކަން މާއްދީ ގޮތުން އެމީހުންނަށް ސާބިތު ނުވާތީ އެމީހުންނަށް ކަލާނގެއަށް އީމާނެއް ނުވެވޭނެ ކަމަށެވެ. އެހެންނަމަވެސް އަމާނާތްތެރިކަމާ އެކު އިލްމަށް ޝައުގުވެރިކަން ހުރެގެން އިލްމު އުނގެނިއްޖެ ނަމަ ތަބީއީ އިލްމުގެ އަހުލުވެރިއަކަށް ކަރަންޓު ތަސައްވުރު ކުރެވޭ ފަދައިން ކަލާނގެ ވެސް ތަސައްވުރު ކުރެވެން ޖެހޭނެއެވެ. ކަރަންޓު ތަސައްވުރު ކުރެވެނީ އޭގެ ޒާތުގައި މާއްދީ ގޮތުންނެއް ނޫނެވެ. އެއާ ގުޅުން ހުރި ތަކެތިން އޭގެ އަސަރު ސާބިތުވާތީ އެވެ. ހަމަ މިފަދައިން ޣައިބުގެ ޢާލަމުގައިވާ ކަންކަން، ޚާއްޞަކޮށް ﷲ ގެ ވުޖޫދުވުން، ސާބިތު ކުރެވޭނެ އެވެ. ވީމާ އީމާންކަމަކީ އިލްމީ ޙަގީގަތްތަކާ ފުށުއަރާނެ އެއްޗެއް ނޫނެވެ.

މި ކަންކަމުން އެނގިގެން ދަނީ އިންސާނުން ހޯދައިގަންނަ އިލްމާ އެކުގައި އީމާންކަން މުހިންމުވާނެ ކަމެވެ. އަދި އެފަދަ އިލްމުން ލިބޭނެ ކަމަށް ދައުވާކުރާ މަންފާތައް ސައްހަ ވާނީ ވެސް އިލްމާއި އެކުގައި އީމާންކަން އޮވެގެން ކަމެވެ.