Roadha Mihaaru
އާސަންދަގެ ބަޖެޓަށް ވުރެ ދެ ގުނަ އިތުރަށް ޚަރަދުކޮށްފި

މިދިޔަ އަހަރު އާސަންދަ އަށް ދިން ބަޖެޓަށް ވުރެ ދެ ގުނަ އިތުރަށް ޚަރަދުކުރި

02 ޖެނުއަރީ 2019

މިދިޔަ އަހަރު އާސަންދަޔަށް ބަޖެޓްކުރި ވަރަށް ވުރެ 118 ޕަސެންޓް އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހަފުތާ މާލީ ރިޕޯޓުން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު އާސަންދަޔަށް ބަޖެޓްކުރި ވަރަށް ވުރެ 118 ޕަސެންޓް އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހަފުތާ މާލީ ރިޕޯޓުން ދައްކައިފި އެވެ.

މާލީ ރިޕޯޓުގައިވާ ގޮތުން ޑިސެމްބަރު މަހުގެ 29ގެ ނިޔަލަށް އާސަންދައިން 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެކަމަކު އާސަންދައަށް އަށް ކަނޑައެޅި ބަޖެޓަކީ 750 މިލިއަން ރުފިޔާ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާއާ ހަމަޔަށް އާސަންދައިން ހޭދަކުރި މިންވަރު ހުރީ 1.3 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ، އެއް މަސްދުވަހުގެ ތެރޭ އާސަންދަގެ ހަރަދުތަކަށް 121 މިލިއަން ރުފިޔާ ދައުލަތުން ހޭދަކުރި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2012 ވަނަ އަހަރު ތައާރަފްކުރި އާސަންދަ އިތުރަށް ތަރައްގީކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2014 ވަނަ އަހަރު ވަނީ ހުސްނުވާ އާސަންދައަށް ބަދަލުކޮށްފަ އެވެ.

އާސަންދައިން އެންމެ ގިނައިން ޚަރަދުކުރަނީ ބޭހަށެވެ. ބޭހަށް ކުރާ ޚަރަދު ކޮންމެ އަހަރަކު ވެސް ދަނީ އިތުރުވަމުންނެވެ. ޖެނެރިކް ބޭސް ބޭނުންކުރެވޭ މިންވަރު މަދުވި ނަމަވެސް ބޭހުގެ އަގުތައް ބޮޑުކަން ފާހަގަކުރެވެއެވެ. ދުނިޔޭގެ އެހެން ގައުމުތަކާ އަޅބަލާއިރު، ރާއްޖޭގައި އާންމުކޮށް ލިބެން ހުންނަ ބޭހުގެ އަގު 15-75 ޕަސެންޓާ ދެމެދުގެ މިންވަރެއް ބޮޑުކަން ވަނީ ފާހަގަކުރެވިފަ އެވެ.

އާސަންދަޔަށް ހޭދަކުރާ މިންވަރު އެއް އަހަރުން އަނެއް އަހަރަށް އިތުރުވާތީ އާސަންދަ ރޭޝަނަލައިޒްކުރުމުގެ ގޮތުން ކޯ-ޕޭމަންޓްގެ ނިޒާމެއް ތައާރަފްކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އާސަންދައިގެ ދަށުން ދޭ ބައެއް ހިދުމަތްތައް އުނިކުރުމާއި، ޕްރިމިއަމް ކޮންޓްރިބިއުޝަނެއް ތައާރަފުކުރަން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މިފަދަ އިސްލާހުތަކެއް ނުގެނެސްފި ނަމަ އާސަންދަ ހިމެނޭ ގޮތަށް ދައުލަތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ ހޭދައިގެ ކޮންޓްރޯލް ގެއްލި ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.