09 އޮކްޓޯބަރ 2023
އެއްކޮޅުން އާންމުންގެ އެންމެ އަސާސީ ހިދުމަތް، ބޭސްފަރުވާ އެވެ! އަނެއްކޮޅުން ދައުލަތަށް ނުކުޅަދާނަވާ ވަރުގެ ބޮޑު ހަރަދެކެވެ.
އެއްކޮޅުން އާންމުންގެ އެންމެ އަސާސީ ހިދުމަތް، ބޭސްފަރުވާ އެވެ! އަނެއްކޮޅުން ދައުލަތަށް ނުކުޅަދާނަވާ ވަރުގެ ބޮޑު ހަރަދެކެވެ.
ދައުލަތުގެ އާމްދަނީ އާ ނުބައްދަލު ހަރަދަކަށް ހަމައެކަނި ބޭސްފަރުވާގެ މި ނިޒާމު ވެއްޖެ އެވެ. ދެން އޮތް ސުވާލަކީ، އަހަރުން އަހަރަށް މި ހަރަދު ބޮޑުވެ، ބިލިއަންތައް ފަހަނައަޅައިދާ އިރު، މާދަމާ އާސަންދަ ނިޒާމު ދަމަހައްޓާނެ ގޮތެކެވެ. މިހާރު ވެސް ދައުލަތަކަށް މި ހަރަދު ކުޅަދާނަ ވެފައި ނުވާއިރު، މިއީ މިހާރު ވެސް ބަހުސަކަށް ގޮސްފައި އޮތް މައްސަލަ އެކެވެ. އެއްބަޔަކު ބުނާގޮތުން އާސަންދަ އާއި އެންސްޕާ އަކީ މި ނޫން ގޮތަކަށް ހިންގަން ޖެހޭ ނިޒާމެކެވެ. އަދި، މިހާރު މި ނިޒާމު މި ހިންގަނީ އެއްވެސް ސިފައެއްގައި ތާކުންތާކު ޖެހޭ ގޮތަކަށް ނޫނެވެ.
އާސަންދައަށް 2013 ވަނަ އަހަރު ހޭދަ ކުރީ ބިލިއަނެއްހާ ރުފިޔާ އެވެ. އެކަމަކު މިހާރު އެ އަދަދު ވަނީ ދެ ބިލިއަނާ ގާތް ކޮށްފަ އެވެ. ކޮވިޑުގެ އަހަރުތައް ނުލާ އެވްރެޖުކޮށް އެއް އަހަރުން އަނެއް އަހަރަށް އާސަންދަ ނިޒާމު ދަނީ ބޮޑުވެ، ކުރަން ޖެހޭ ހަރަދު އެތައް ގުނައަކަށް އުފުލެމުންނެވެ. މިއީ ވޭތުވެދިޔަ އެއްވެސް ސަރުކާރަކަށް ކުޑަ ނުކުރެވުނު ހަރަދެކެވެ.
އާސަންދައިގެ ހަރަދު ބޮޑުވުމާއި، އޭގެ ނާޖައިޒް ފައިދާ ހޯދައި، ވަކި ބަޔަކަށް ފައިދާ ލިބޭ ގޮތަށް އޮތުމުގެ ވާހަކަތަކަކީ އާ ވާހަކައެއް ނޫނެވެ. މިފަހަރު ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ދުވަސް ވަރު ވެސް އެންމެ ގަދައަށް އަޑު އިވުނީ އެ ވާހަކަތަކެވެ. އާސަންދައިގެ އިސްރާފު ކުޑަ ކުރަން ޖެހުމާއި މުޅި ނިޒާމު އޯވަހޯލް ކުރުމުގެ ވާހަކަތައް، އެންމެ ފަހުން ކެނޑިޑޭޓުންގެ "ވައުދު" ލިސްޓުގައި ވެސް ހިމެނި އެވެ.
ވޯލްޑް ބޭންކުގެ ހިސާބުތައް ދައްކާ ގޮތުގައި އާސަންދައަށް ކުރާ ހޭދަ 2014 އިން 2019 ވަނަ އަހަރަށް 18 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. އެހެންނަމަވެސް، އާސަންދަ ބޭނުން ކުރާ މީހުންގެ އަދަދު އެ މުއްދަތުގައި އިތުރުވީ އެންމެ ތިން ޕަސެންޓަށެވެ. އާސަންދަ ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވި ވަރާ ނުބައްދަލު އަދަދަކަށް އެ ސްކީމުގެ ހަރަދުތައް އެހާ ބޮޑަށް އިތުރުވީ ބޭހުގެ ހަރަދާއި ސިއްހީ ހިދުމަތްތަކުގެ އަގުތައް އިންތިހާއަށް އުފުލުމުންނެވެ.
"ރާއްޖޭގައި ވިއްކާ ބައެއް ބޭހުގެ އަގު ހުރީ ދުނިޔޭގެ ބާޒާރުގައި އެ ބޭސްތައް ވިއްކާ އަގަށް ވުރެ 15-75 ގުނަ އިތުރު އަގުތަކެއްގައި. އާސަންދަ މެދުވެރިކޮށް ބޭހަށް ކުރާ ހޭދަ 24 ޕަސެންޓަށް އަހަރު އެބަ އިތުރުވޭ،" ވޯލްޑް ބޭންކްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އާސަންދަ ސްކީމަށް އެވްރެޖުކޮށް އަހަރަކު 500 މިލިއަނަށް ވުރެ ބޮޑު އަދަދެއް ހޭދަކުރަންޖެހެނީ އެހެންވެ އެވެ.
އައިޖީއެމްއެޗްގެ މައި ކައުންޓަރު: ލެބް ރިޕޯޓުތައް އޮންލައިންކޮށް ނުލިބޭ މައްސަލައެއް-- ފޮޓޯ: މިހާރު
އާސަންދައިގެ ހަރަދުތައް މިހާ ބޮޑު އެއް ސަބަބަކީ އިސްރާފެވެ. ހަމައެއާ އެކު، ނިޒާމު އޮތް ގޮތުން އޭގެ ތެރޭގައި ހިމެނޭ ކޮރަޕްޝަނެވެ. މިހާރު އާސަންދަ ނިޒާމު އޮތީ މަކަރު ހަދަން ބޭނުންވާ ބަޔަކަށް އެ ފުރުސަތު ތަންމިނަށް ހުޅުވިފަ އެވެ. ހަމަ އެހެންމެ، އިސްރާފު ކުރަން ވެސް އެއްވެސް ހުރަހެއް ނެތް ގޮތަށެވެ.
އާސަންދައިގެ ހަރަދު ބޮޑުވެ، އިސްރާފްތައް ކުޑަކުރަން މަސައްކަތްކުރަންޖެހޭ ކަމަށް ސަރުކާރުތަކުން ގަބޫލު ކުރި ނަމަވެސް، އެކަމަށް ހައްލެއް ގެނައުމަށް ވޭތުވެދިޔަ 10 ވަރަކަށް އަހަރު ވެސް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނެވެ. އެކި ފަހަރު މަތިން އެކްޝަން ޕްލޭންތަކެއް އެކުލަވައިލިޔަސް، އެޅުނު ފިޔަވަޅެއް ނެތެވެ.
ވޭތުވެދިޔަ ފަސް އަހަރު އާސަންދަ އަށް 7.4 ބިލިއަން ރުފިޔާ ހޭދަކުރި އިރު އެންމެ ބޮޑު ހޭދައެއް ކުރީ މިދިޔަ އަހަރެވެ. މިދިޔަ އަހަރު އާސަންދަ އަށް 1.8 ބިލިއަން ހޭދަކޮށްފައިވެ އެވެ. އެއީ ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ 200 މިލިއަން ރުފިޔާ އިތުުރު އަދަދެކެެވެ.
ފާމަސީތަކެއް ކައިރީގައި ބަޔަކު އިށީންދެލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އިންޝުއަރެންސް ދާއިރާގެ ތަޖުރިބާކާރެއް ވިދާޅުވީ، އާސަންދައާ ކުޅެން ވެރިން ޖެހިލުންވަނީ، މިއީ އާންމުންގެ ދިރިއުޅުމާ ސީދާ ގުޅިފައި އޮތް ކަމަކަށްވާތީ ކަމަށެވެ.
"މިސާލަކަށް ފީއެއް ނަގަނީ، ނުވަތަ މުއްސަދިން ސްކީމުން ބޭރު ކުރަނީ، މިފަދަ ނިންމުން ނިންމައިގެން ޕޮލިޓީޝަނުންނަށް ޕްރެޝަނު އަންނާނެ. އެކަން ކެރިގެން ކުރަން ކެރޭ ވެރިއެއް އަދި ނާދޭ. އެނގޭ އެއް ކަމަކީ މިހާރު މިހިނގާ ސްކީމު މިގޮތަށް ކުރިއަށް ގެންދާ ނަމަ އަތަށް ގޮވާނެ ދުވަހެއް ބައްދަލު ކުރާނެ ކަން،" އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ވިއްކާ ބައެއް ބޭހުގެ އަގު ހުރީ ދުނިޔޭގެ ބާޒާރުގައި އެ ބޭސްތައް ވިއްކާ އަގަށް ވުރެ 15-75 ގުނަ އިތުރު އަގުތަކެއްގައި. އާސަންދަ މެދުވެރިކޮށް ބޭހަށް ކުރާ ހޭދަ 24 ޕަސެންޓަށް އަހަރު އެބަ އިތުރުވޭ،"
ސްކީމު ހުއްޓާލަން ޖެހި، ނުވަތަ ހަރުކަށި ނިންމުންތަކެއް ނިންމަން ޖެހޭ ހިސާބަށް ދިނުމުގެ ކުރިން މި ސްކީމުގެ ކަންކަން ރަނގަޅު ކުރުން ވަރަށް އަވަސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އާސަންދަ ނިޒާމުގެ ހަރަދުތައް ކުޑަ ކުރަން ހާއްސަ އެކްޝަން ޕްލޭނެއް 2021 ވަނަ އަހަރު އެކުލަވައިލި އެވެ.
އާސަންދައަށް ކޮންމެ އަހަރަކު ކުރާ ހޭދަ. ކޮވިޑްގެ އަހަރުތައް ނުލާ އާސަންދައަށް ކުރާ ހޭދަ އެވްރެޖުކޮށް ކޮންމެ އަހަރުން އަންނަނީ ބޮޑު އަދަދަކުން އިތުރުވަމުން--
- އަސާސީ ބޭސްތަކާއި ހަރަދު ބޮޑު ބޭސްތަކުގެ ޖެނެރިކް ލިބޭނެ ގޮތް ފަހިކޮށްދ،ީ ޑޮކްޓަރުން ޖެނެރިކް ބޭސް ލިޔެ ދިނުމާއ،ި ޖެނެރިކް ބޭހުގެ އަގާ ހަމައަށް ސްކީމުން ކަވަރުކޮށްދިނުން.
- ބޭހުގެ ބާވަތްތަކަށް އެންމެ މަތިވެގެން ނެގޭނެ އަގު ނުވަތަ މެކްސިމަމް ރީޓޭލް ޕްރައިސް ފޯމިއުލާއެއް ބޭނުންކޮށްގެން ކަނޑައެޅުން.
- ފުރާނައަށް ނުރައްކާނުވާފަދަ ސިއްހީ ކަންކަމަށް އެއް އިންސިޑެންޓަކަށް އެކި ފަހަރުމަތިން އެކި ޑޮކްޓަރުންނަށް ދައްކައި އެކި ބޭސް ސިޓީއަށް ބޭސްނެގުން ކޮންޓްރޯލްކުރުމަށްޓަކައ،ި ވިނަވި ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތަކަށް ޑުޕްލިކޭޓްކޮށް ބޭސް ނުނެގޭ ގޮތަށް ހެދުން
- މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންމެ ރައްޔިތެއް ވެސް ހުސްނުވާ އާސަންދަ ބޭނުންކުރާ މިންވަރު ބަލޭނެ ގޮތެއް ހަމަޖެއްސުން
ބޭސް ތަކެއް: އާސަންދައިން އެންމެ ބޮޑު ހަރަދެއް ކުރަނީ ބޭހަށް .-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
- ސްކީމުގެ ދަށުން އެންމެ އާންމުކޮށް ބޭނުންކުރާ ބޭސްތަކާއި އެންމެ ބޮޑު ހަރަދެއް ހިނގާ ބޭސްތައް ޓެންޑަރަށް ހުޅުވާލުން
- އަމިއްލަ އިންޝުއަރަންސް ސްކީމުތައް ހަމަޖައްސާފައިވާ ރައްޔިތުންނަށް އާސަންދަ ސްކީމް ކަނޑާލުން.
- ބޭރުގެ ހޮސްޕިޓަލްތަކުން ބޭނުންވާ ފަރުވާއަށް ވީހާވެސް ބޮޑަކަށް ޓެލަމެޑިސިން ވަސީލަތްތައް ހޯދުން.
މި ޕްލޭނު އެކުލަވައިލީ ދެ އަހަރުގެ ތެރޭގައި މިކަންކަން ތަންފީޒު ކުރުމަށެވެ. ބައެއް ކަންކަން ކޮށްގެން ހަރަދު ކުޑަވިޔަސް، މުޅި ނިޒާމަށް ހެޔޮ އަސަރެއް ކުރާ ވަރުގެ ބަދަލެއް އަދި ނާދެ އެވެ. އަދި މި ޕްލޭނުގެ ތެރެއިން އެންމެ ބޮޑަށް ވާހަކަ ދެކެވުނު ބޭހުގެ އަގު ކޮންޓްރޯލު ކުރުމަށް ފެށި މަސައްކަތް ވެސް މިވަގުތު އޮތީ ހުއްޓިފަ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެގެން އައިއިރު އާސަންދައިގެ ބަހުސް ވެސް ހޫނުވި އެވެ. ސަންގު ޓީވީގެ ރިޔާސީ ބަހުސްގައި އާސަންދަ ނިޒާމާ ގުޅޭ ގޮތުން ކެންޑިޑޭޓުންނަށް ސުވާލު ކުރި އެވެ. އެކި ބޭފުޅުންގެ ހިޔާލުފުޅު ހުރީ އެކި ގޮތަށެވެ.
އެމްއެންޕީގެ ކެނޑިޑޭޓު މުހައްމަދު ނާޒިމު ވިދާޅުވީ، ހަމަހަމަކަމެއް ނެތި އާސަންދަ ބޭނުން ކުރުމުގެ ފުރުސަތު ކުޑަ ކުރުމަށް އިންޝުއަރެންސް ކާޑެއް ތައާރަފް ކުރަން ޖެހޭ ކަމަށެވެ.
"އިންޝުއަރެންސް ކާޑުން އެމީހަކަށް އެމީހެއްގެ ބަލިހާލާ ގުޅޭ ގޮތުން މާލެ އަދި ރާއްޖެއިން ބޭރަށް ހަމަހަމަކަމާ އެކު ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އާސަންދައާ ގުޅޭ ގޮތުން ޑިމޮކްރެޓްސްގެ ކެނޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވީ، އާސަންދަ ބޭނުންކޮށްގެން އެމީހަކު ބޭނުންވާ ގޮތަށް، ބޭނުން ހޮސްޕިޓަލަކުން ފަރުވާ ހޯދުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށެވެ.
"މެލޭޝިއާ، ސިންގަޕޯ، ދުބާއީ ބެންކޮކް އިން ވެސް ބޭސްފަރުވާ ކުރެވެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އަމިއްލަ ގޮތުން މި އިންތިހާބުގައި ވާދަކުރެއްވި، ކެނޑިޑޭޓު އުމަރު ނަސީރު ވިދާޅުވީ، އާސަންދަ ނިޒާމު ބޭންކްރަޕްޓް ވާނެ ކަމަށާއި މި އިންޝުއަރެންސް ސްކީމަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، ހުރިހާ އެންމެންނަށް ހިލޭ ބޭސް ދޭން ނުޖެހޭ ކަމަށާއި 65،000ރ. އަށް މަތިން މުސާރަ ލިބޭ ނަމަ ބޭސްފަރުވާގެ ކަންކަން ހަމަޖައްސަން ޖެހޭނީ އަމިއްލައަށް ކަމަށެވެ.
ސަންގު ޓީވީން ގެނެސްދިން ރިޔާސީ ބަހުސްގައި ބައިވެރިވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ: މިހާރު
އިންތިހާބު ކާބިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ، އާސަންދައިގެ ނާޖައިޒް ފައިދާ ސިޔާސީ މަންފާ ހާސިލުކުރަން ބޭނުން ކުރާ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެސް އާސަންދަ ނަމުގައި ހަރަދުތައް ކުރާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް އައްޒާމު ވަޖީހު ވިދާޅުވީ، އާސަންދަ ސްކީމު އިންޝުއަރެންސް ސްކީމަކަށް ބަދަލު ކޮށްގެން މިހާރު ކުރަ ހަރަދަށް ލުޔެއް ހޯދިދާނެ ކަމަށާއި އެހެން ނަމަވެސް އެއީ ހަމައެކަނި އޮތް ހައްލު ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ، އާސަންދައިގެ ގާތްގަނޑަކަށް 55 ޕަސެންޓު ހަރަދު ކުރަނީ ބޭހަށް ކަމަށާއި އެއީ ފުރަތަމަ ހައްލު ގެންނަން ޖެހޭ މައްސަލަ ކަމަށެވެ.
އާސަންދަ ސްކީމު އިސްލާހު ކުރަން ކުރެވިދާނެ ބައެއް ކަންކަން
"އިންޝުއަރެންސްއަކަށް ބަދަލު ކުރިއަސް އެބަހުރޭ ބައިވަރު އެހެން އެލިމެންޓްސް ބޭނުންވޭ. މިސާލަކަށް ސްޓޭންޑާޑް ޓްރީޓްމަންޓް ގައިޑްލައިނެއް ބޭނުންވޭ. ހިދުމަތްދޭ އިރު ޕްރީ-ޑިފައިން ކޮށްފައި ނުހުންނަންޏާ ވެސް އެކަމެއް ނުވާނެ. ކަވަރޭޖު ސާފުކޮށް އެނގެން އޮންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އައްޒާމު ވެސް ވިދާޅުވީ، ވޯލްޑް ބޭންކުން ވެސް އެންމެ ބޮޑަށް ފާހަގަކުރި އެއް ވާހަކަ އެވެ. އާސަންދައިން ކުރާ ހަރަދާ އެކަށީގެންވާ ވަރަށް އޭގެއިން ފައިދާއެއް ނުފެންނަ ކަންކަން އެބަ ހުރި ކަމަށާއި މުޅި ނިޒާމު ކުރިއަށް ގެންދަން އެކަންކަމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އެކަމަކު އެކަން ކުރެވޭނީ ސަރުކާރުގެ ފުރިހަމަ ކޮމިޓްމަންޓް ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޝުއަރެންސްއަކަށް ބަދަލު ކުރިއަސް އެބަހުރޭ ބައިވަރު އެހެން އެލިމެންޓްސް ބޭނުންވޭ. މިސާލަކަށް ސްޓޭންޑާޑް ޓްރީޓްމަންޓް ގައިޑްލައިނެއް ބޭނުންވޭ. ހިދުމަތްދޭ އިރު ޕްރީ-ޑިފައިން ކޮށްފައި ނުހުންނަންޏާ ވެސް އެކަމެއް ނުވާނެ. ކަވަރޭޖު ސާފުކޮށް އެނގެން އޮންނަން ޖެހޭ،" އައްޒާމް
އިންޝުއަރެންސް ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވީ، ވަކި އާމްދަނީއަކަށް ވުރެ ބޮޑު އަދަދެއް ލިބޭ ފަރާތްތަކަށް މި ސްކީމުގައި ހިމެނުން މުހިއްމު ނޫން ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރުގެ އިންޝުއަރެންސް ސްކީމުތައް ބޭނުން ކުރާ ފަރާތްތަކަށް ފުރަތަމަ އާސަންދަ ދިނުމުގެ ބަދަލުގައި އެ ސްކީމަކުން ހިދުމަތް ލިބޭ ގޮތް ހަދަން ޖެހޭ ކަމަށެވެ.
"ހަރަދު ކުޑަ ކުރަން ބޭނުން ނަމަ، އެންމެ ރަނގަޅު ގޮތަކީ އިންޝުއަރެންސް ސްކީމަކަށް ބަދަލު ކުރުން. އެއީ އެންމެ އައިޑިއަލް ގޮތަކީ. އެކަމަކު އެނޫން ގޮތްތައް ވެސް އެބަ ހުރި. މިސާލަކަށް ވަކި ވަރަކަށް މުއްސަދި ފަރާތްތަކަށް މި ސްކީމުން ޖާގަ ދިނުމުގެ ބަދަލުގައި އެންމެ ބޭނުން ޖެހޭ މީހުންނަށް ސްކީމު ދެވިދާނެ. އަދި ޑަބަލް އިންޝުއަރެންސް ސްކީމު ލިބުން ހުއްޓުވިދާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން މިހާރު ވެސް އަމިއްލަ އިންޝުއަރެންސް ސްކީމު ދޭ އިރު އެފަދަ ސްކީމުތަކުގައި ތިބޭ ފަރާތްތަކަށް އާސަންދަ ކޮންމެހެން ދޭން ނުޖެހޭ ކަމަށެވެ.
އެ ސްކީމަށް އާންމުންގެ ޖީބުން ސީދާ ހަރަދު ކުރަން ނުޖެހުނު ނަމަވެސް ޓެކުހުން ނުވަތަ ދަރަނިން ރައްޔިތުން ހަމަ އެ ބުރަ އެބަ އުފުލަން ޖެހެ އެވެ. މިކަން ހައްލު ނުކުރެވެނީ، ސިޔާސީ ގޮތުން ކުރިމަތިވާ ފިއްތުންތަކުގެ ސަބަބުންނެވެ. ރާއްޖޭގައި މިވަގުތު އޮތް އާސަންދައަކީ އިސްރާފު ވަރަށް ބޮޑު، ކޮރަޕްޝަން އިންތިހާ އަށް އޮތް، އަދި އިގްތިސާދާ ނުބައްދަލު ސްކީމެކެވެ. އާސަންދަ ފަދަ ރައްޔިތުންނާ ގުޅިފައިވާ ހިދުމަތެއް އިސްލާހު ކުރުމަށް ސިޔާސީ ވިސްނުން އެއްފަރާތްކޮށް މުޅި ނިޒާމު އިސްލާހު ކުރުމަށް ސީރިޔަސްކޮށް ވިސްނަން ޖެހެ އެވެ.
އާސަންދައިގެ ހޭދައިގެ 90 ޕަސެންޓު އައުޓްޕޭޝަންޓަށް
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
އާސަންދަ ދޭނީ އިތުރު އިންޝުއަރެންސުން ކަނޑާފައި: ހީނާ
ރެކޯޑު އަދަދަކަށް މި އަހަރު އާސަންދަ އަށް ހަރަދުކޮށްފި
އާސަންދަ ބަޖެޓުގެ ބޮޑު ބައި ހުސްވެއްޖެ
އާސަންދަގެ ބަޖެޓަށް ވުރެ ދެ ގުނަ އިތުރަށް ޚަރަދުކޮށްފި
އާސަންދަ، ސަބްސިޑީގެ ހަރަދު ވަރަށް ބޮޑަށް ކުޑަ ކުރަނީ
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން
އާސަންދަގެ އިސްރާފު ހުއްޓުވައި ހައްގުވެރިންނަށް!