Roadha Mihaaru

އާސަންދަ އަށް 950 މިލިއަން ހޭދަކޮށްފި، އެއީ ކަނޑައެޅި ބަޖެޓުގެ 50 ޕަސެންޓު

މިދިޔަ ފަސް މަސް ތެރޭގައި އާސަންދަ ބަޖެޓުގެ 50 ޕަސެންޓު ހޭދަކޮށްފި އެވެ.

ފަސް މަހުން އާސަންދައަށް 950 މިލިއަން ހޭދަކޮށްފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

04 ޖޫން 2025

މިދިޔަ ފަސް މަސް ތެރޭގައި އާސަންދަ ބަޖެޓުގެ 50 ޕަސެންޓު ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ވީކްލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް އާސަންދަ އަށް 950 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މި އަހަރަށް އާސަންދައަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވަނީ 1.8 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ މިހާތަނަށް ކުރި ހޭދައަކީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 25 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އާސަންދަ އަށް ހޭދަކުރީ 714 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ނިމުނު އިރު އާސަންދަ އަށް 2.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ އެ އަހަރު ފުރަތަމަ ކަނޑައެޅި ބަޖެޓަށް ވުރެ 500 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އާސަންދަ އަށް 2023 ވަނަ އަހަރު 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

އެއް އަހަރުން އަނެއް އަހަރަށް އާސަންދައަށް ކުރަން ޖެހޭ ހޭދަ ބޮޑުވަމުން ދާތީ މާލީ އިދާރާތަކުން ދަނީ އެކަން ފާހަގަކޮށް، އެކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކާރަށް ލަފާދީފަ އެވެ. ވޯލްޑް ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން އާސަންދަ އަށް ކުރާ ހޭދަ 2014 އިން 2019 ވަނަ އަހަރަށް 18 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. ނަމަވެސް، އާސަންދަ ބޭނުން ކުރާ މީހުންގެ އަދަދު އެ މުއްދަތުގައި އިތުރުވީ އެންމެ ތިން ޕަސެންޓަށެވެ. އާސަންދަ ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވި އަދަދާ ނުބައްދަލު އަދަދަކަށް އެ ސްކީމުގެ ހަރަދުތައް އެހާ ބޮޑަށް އިތުރުވީ ބޭހުގެ ހަރަދާއި ސިއްހީ ހިދުމަތްތަކުގެ އަގުތައް އިންތިހާއަށް އުފުލުމުންނެވެ.

އާސަންދައިގެ އިތުރުން މެޑިކަލް ވެލްފެއާގެ ގޮތުގައި އެންސްޕާ މެދުވެރިކޮށް 122 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މެޑިކަލް ވެލްފެއާ އަށް 154 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

މި އަހަރުގެ މިހާތަނަށް ވެލްފެއާ އާއި ސަބްސިޑީގެ ހަރަދުތައް ހަތަރު ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ މުޅި އަހަރަށް ސަބްސިޑީއަށް ކަނޑައެޅި ބަޖެޓުގެ 46 ޕަސެންޓެވެ.