Roadha Mihaaru
ފެންބޮޑުވެ، ގެއްލުންވި ގެތަކަށް ފައިސާ ދޭން ފަށައިފި

ފެންބޮޑުވެގެން ގެއްލުން ލިބުނު ގެތަކަށް އެހީގެ ފައިސާ ދޭން ފަށައިފި

19 ޑިސެމްބަރ 2018

މި މަހު ކުރީކޮޅު މާލެ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް އެހީގެ ފައިސާ ދޫކުރަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިން މިއަދު ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި މަހު ކުރީކޮޅު މާލެ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް އެހީގެ ފައިސާ ދޫކުރަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިން މިއަދު ފަށައިފި އެވެ.

އެންޑީއެމްސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ޕްރޮޖެކްޓް ކޯޑިނޭޓާ ހިސާން ހަސަން ވިދާޅުވީ ފެން ބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ސެންޓަރުން ހުޅުވި ފަންޑަށް އެހީގެ ގޮތުގައިި އެކި ފަރާތްތަކުން 1.3 މިލިއަން ރުފިޔާ ހަދިޔާކުރި ކަމަށެވެ. އެ ކާރިސާގައި ގެއްލުންވި ފަރާތްތަކުގެ އެސެސްމަންޓް ހެދުމަށް ފަހު 127 ފަރާތަކަށް އެ ފަންޑުން އެހީ ދިނުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިއަދު އެކަނި ވެސް 24 ފަރާތަކަށް އެހީގެ ފައިސާ ހަވާލު ކޮށްފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެހީގެ ފައިސާ ހަވާލުކުރަމުން މިދާ ގޮތަކީ ގެތައް ގްރޫޕްތަކަކަށް ބަހާލައިގެން އެ ގެތަކުގެ ވެރި ފަރާތްތަކަށް ގުޅައި އަދި އަޅުގަނޑުމެން މިކޮޅަށް ގެންނަން ބުނާ ޑޮކިއުމެންޓްތަސްތަކާ އެކީގައި ހާޒިރުވީމަ ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ފުރިހަމަ ކޮށްފައި އެ ފަރާތްތަކަށް ފައިސާ ހަވާލު ކުރަނީ،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި އެހީ ދެނީ ގެތަކުގެ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ވެފައިވާ މިންވަރަށް ބަލައިގެންނެވެ. މިފަހަރު އެހީގެ ގޮތުގައި ލިބުނު ފައިސާ އިން، ކޮންމެ ގެއަކަށް ވެސް ލިބިފައިވާ ގެއްލުންތަކުގެ 94 ޕަސެންޓް އިއާދަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެންމެ ބޮޑު ގެއްލުމެއް ވެފައިވާ ފަރާތަށް އެކަނި ވެސް 45،000ރ. އަށް ވުރެ ބޮޑު އަދަދެއް އެހީގެ ގޮތުގައި ދޭން ނިންމާފައިވާ ހިސާން ވިދާޅުވި އެވެ.

"ލިބުނު ގެއްލުމުގެ 94 ޕަސެންޓް އެގެއަކަށް އަނބުރާ ލިބުމަކީ އެ ބޭފުޅުންގެ ދިރިއުޅުން އަނބުރާ އާންމު ހާލަތަކަށް ރުޖޫއަވުމަށް އެކަށީގެންވާ ބޮޑު އަދަދެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" އޭނާ ވިދާޅުވި އެވެ.

މާލެ އަށް ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ފެން ވަދެ ގެއްލުންވުމުގެ އިތުރުން އާންމު ދަތުރުފަތުރަށް ބުރޫ އަރާފައިވެ އެވެ. އެހެންވެ، ދިރި ނޫޅެވޭ މިންވަރަށް ފެންބޮޑުވި ގެތަކުން މީހުން ނެރެ ވަގުތީ ބޯހިޔާވަހިކަން ވެސް އެ ދުވަހުން އެދުވަހަށް ސަރުކާރުން އެ މީހުންނަށް ހަމަޖައްސައި ދިނެވެ.