Roadha Mihaaru

ބޮކާ އާއި ރިވާ ޕްލޭޓުގެ މެޗު އަނެއްކާ ވެސް ފަސްކޮށްފި

ބީނޯސް އޭރީޒް (ނޮވެމްބަރު 26) – ދެކުނު އެމެރިކާގެ ކްލަބް ޗެމްޕިއަންޝިޕް ކަމަށްވާ ކޮޕަ ލިބެޓަޑޯރެސްގެ ފައިނަލުގެ ދެ ވަނަ ލެގު މެޗު ދެ ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

ބޮކާ އާއި ރިވާ ޕްލޭޓުގެ މެޗު އަނެއްކާ ވެސް ފަސްކޮށްފި
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

26 ނޮވެމްބަރ 2018

ބީނޯސް އޭރީޒް (ނޮވެމްބަރު 26) – ދެކުނު އެމެރިކާގެ ކްލަބް ޗެމްޕިއަންޝިޕް ކަމަށްވާ ކޮޕަ ލިބެޓަޑޯރެސްގެ ފައިނަލުގެ ދެ ވަނަ ލެގު މެޗު ދެ ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

އާޖެންޓީނާގެ ބޮކާ ޖޫނިއާސް އާއި ރިވާ ޕްލޭޓުގެ މި މެޗު ހޮނިހިރު ދުވަހުގެރޭ ކުޅެން އޮތް ނަމަވެސް ސަޕޯޓަރުންގެ ހަމަނުޖެހުމާ ހެދި އާދީއްތަ ދުވަހުގެ ރެޔަށް ފަސްކުރީ އެވެ. ރިވާގެ އެސްޓޭޑިއޯ މޮނިއުމެންޓަލްގައި ކުޅެން އޮތް އެ މެޗަށް ބޮކާގެ ޓީމު ދަތުރުކުރި ބަހަށް ރިވާގެ ސަޕޯޓަރުން ވަނީ ހަމަލާ ދީފަ އެވެ.

އެކަމަކު ރޭ ކުޅެން އޮތް މެޗު ވެސް ފަހު ވަގުތު ފަސްކުރީ އެވެ. މި މެޗު ދެން ކުޅޭނެ ދުވަހެއް އަދި އިއުލާންނުކުރެ އެވެ.

ބަހަށް ހަމަލާ ދިނުމުން ކުޑަދޮރުތަކުގެ ބިއްލޫރި ތަޅައިގެން ގޮސް ބޮކާގެ ކުޅުންތެރިންގެ ގައިން ތަންތަން ވަނީ ކަނޑައިގެން ގޮސްފަ އެވެ. އަދި ސަޕޯޓަރުން ދުރުކުރަން ފުލުހުން ޖެހި ކަރުނަ ގޭހުގެ އަސަރު ވެސް ކުޅުންތެރިންނަށް ކުރި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސްގެ ކުރީގެ ކުޅުންތެރިޔާގެ ކާލޯސް ޓެވޭޒް ހިމެނޭ ގޮތަށް ބޮކާގެ ބައެއް ކުޅުންތެރިންގެ ބޯ އަނބުރައި ހޮޑުލައި، ކްލަބުގެ ޑޮކްޓަރުން ވަނީ ފަރުވާ ދީފަ އެވެ.

ދެކުނު އެމެރިކާގެ ޗެމްޕިއަންސް ލީގުގެ ގޮތުގައި ގުނޭ ކޮޕަ ލިބަޓަޑޯރެސްގެ ފައިނަލުގެ ފުރަތަމަ ލެގު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ބޮކާގެ ލަ ބޮމްބޮނޭރާގައި ކުޅުނު މި މި މެޗު އެއްވަރުވީ ނަމަވެސް ރަށުން ބޭރުގައި ޖެހި ދެ ލަނޑާ އެކު އެޑްވާންޓޭޖް އޮތީ ރިވާ އަށެވެ.

މިއީ ދެކުނު އެމެރިކާ ބައްރުގެ އެންމެ ޝަރަފްވެރި ކްލަބް މުބާރާތުގެ ފައިނަލް ދެ ލެގުގެ އުސޫލުން ކުޅޭނެ ފަހު ފަހަރެވެ. އަދި މިއީ މުޅި ދުނިޔެ އަށް ބެލިޔަސް އެންމެ ވާދަވެރިކަން ބޮޑު ކުރިމަތިލުންތަކުގެ ތެރޭ ހިމެނޭ ބޮކާ ޖޫނިއާސް އާއި ރިވާ ޕްލޭޓުގެ ސުޕަކްލަސިކޯ އެއް މި މުބާރާތުގެ ފައިނަލުގައި ފެންނަ ފުރަތަމަ ފަހަރެވެ.

ދެ މެޗުގައި ވެސް އިދިކޮޅު ޓީމުގެ ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭނެ އެވެ. މިއީ އާޖެންޓީނާގައި ވެސް ގެންއުޅޭ އުސޫލެކެވެ. މި މުބާރާތުގެ ދެ ވަނަ ބުރުގައި މީގެ ތިން އަހަރު ކުރިން މި ދެ ޓީމު ބޮކާގެ ދަނޑުގައި ކުޅުނު މެޗު ހާފު ޓައިމްގައި ހުއްޓާލަން ޖެހުނީ ބޮކާގެ ސަޕޯޓަރުން ޓަނެލް ތެރެއިން ރިވާގެ ކުޅުންތެރިންނަށް ޕެޕާ ސްޕްރޭ ޖެހުމުންނެވެ. އެއާ އެކު އެ މުބާރާތުން ބޮކާ ސަސްޕެންޑްކޮށް ރިވާ އަށް ވަނީ ކުއާޓާގެ ޖާގައެއް ދިނެވެ.

އާޖެންޓީނާ ލީގު ޗެމްޕިއަންކަން 36 ފަހަރު ހޯދާފައިވާ ރިވާ އާއި 33 ފަހަރު ކާމިޔާބުކޮށްފައިވާ ބޮކާ އަކީ އާޖެންޓީނާގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު ދެ ކްލަބެވެ. ބޮކާ އަށް ކުޅެފައިވާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ޑިއެގޯ މަރަޑޯނާ އާއި ހުއާން ރޯމަން ރިކުއެލްމޭ އާއި ގެބްރިއަލް ބަޓިސްޓޫޓާ އާއި ކްލައުޑިއޯ ކަނީޖާ އަދި މާޓިން ޕަލާމޯ ހިމެނެ އެވެ. މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސްގެ ކުރީގެ ފޯވާޑް ކާލޯސް ޓެވޭޒް މިހާރު ވެސް ޓީމުގައި ހިމެނުނު ނަމަވެސް ރޭ އެރީ ފަހު ވަގުތު އެވެ.

ރިވާ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލްފްރެޑޯ ޑި ސްޓެފާނޯ ކެރިއަރު ފެށި ކްލަބެވެ. މީގެ އިތުރުން އެރިއަލް އޯޓޭގާ އާއި ފަހުގެ ބައެއް ތަރިން ކަމަށްވާ އެސްޓަބާން ކަމްބިއާސޯ އާއި ގޮންޒާލޯ ހިގައިން އާއި ރަޑަމެލް ފަލްކާއޯ އާއި ރަޑަމެލް ފަލްކާއޯ އާއި ހަވިއޭ މަޝެރާނޯ އަދި މާޓިން ޑެމިކޭލިސް ވަނީ އެ ޓީމަށް ކުޅެފަ އެވެ.