Roadha Mihaaru

ކަވާނީ ޔޫރަޕް ދޫކޮށް އާޖެންޑީނާގެ މަޝްހޫރު ބޮކާ ޖޫނިއާސް އަށް

ބީނޯސް އޭރީޒް، އާޖެންޓީނާ (އޮގަސްޓް 2) - ޔޫރަޕް ފުޓްބޯޅަ ދޫކޮށް އުރުގުއޭގެ ސްޓްރައިކަރު އެޑިންސަން ކަވާނީ، އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް ސޮއި ކޮށްފި އެވެ.

ކަވާނީ ޔޫރަޕް ދޫކޮށް އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

02 އޯގަސްޓް 2023

ބީނޯސް އޭރީޒް، އާޖެންޓީނާ (އޮގަސްޓް 2) - ޔޫރަޕް ފުޓްބޯޅަ ދޫކޮށް އުރުގުއޭގެ ސްޓްރައިކަރު އެޑިންސަން ކަވާނީ، އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް ސޮއި ކޮށްފި އެވެ.

އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ކަވާނީ މިދިޔަ ސީޒަންގައި ސްޕެއިންގެ ވެލެންސިއާ އާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އޭނާ ބޮކާ ޖޫނިއާސް އަށް ބަދަލުވީ ވެލެންސިއާގައި އެއް އަހަރު ހޭދަ ކުރުމަށް ފަހު ކޮންޓްރެކްޓް ބާތިލު ކޮށްފަ އެވެ.

ވެލެންސިއާ އާއެކު ކަވާނީ ހެދި ކޮންޓްރެކްޓް ބާތިލު ކުރަން ކަވާނީ ވަނީ 1.7 މިލިއަން ޑޮލަރު އެ ކްލަބަށް ދައްކައިފަ އެވެ. އޭނާ ބޮކާ ޖޫނިއާސް އާއެކު ކޮންޓްރެކްޓް ހެދީ އަންނަ އަހަރުގެ ޑިސެމްބަރާ ހަމައަށެވެ.

އާޖެންޓީނާގެ ފުޓްބޯޅަ ލީގު ނިމުނުތާ އަދި ތިން ދުވަހެވެ. ނަމަވެސް ސީޒަންގައި ބާކީ ގިނަ މުބާރާތްތަކެއް އެބަ ހުއްޓެވެ. ލީގުގެ ހަތްވަނައިގައި ނިންމާލާފައިވާ ބޮކަ ޖޫނިއާސް ވަނީ އަންނަ އަހަރުގެ ކޮޕާ ސުދަމެރިކާނާގެ ގުރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެވެ. ކޮޕާ ސުދަމެރެިކާނާ އަކީ ދެކުނު އެމެރިކާ ބައްރުގެ ދެވަނަ ފަންތީގެ ފުޓްބޯޅަ މުބާރާތެވެ.

ފުރަތަމަ މެޗު ކުޅެން އުފަން ގައުމަށް

މިދިޔަ އަހަރުގެ އާޖެންޓީނާގެ ޗެމްޕިއަނުންގެ ގޮތުގައި، މިއަހަރުގެ ކޮޕާ ލިބަޓަޑޯރެސް ކުޅެމުން އަންނަ ބޮކާ ޖޫނިއާސް ވަނީ އެޓީމު ވާދަކުރި ގުރޫޕްގެ އެއްވަނަ ހޯދައި ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ.

ބޮކާ ޖޫނިއާސް އިން ކަވާނީ ރަސްމީކޮށް އެޓީމުގެ ކުޅުންތެރިއެއް ގޮތުގައި ދައްކާލާފައި ވާއިރު، އޭނާ ވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރި ވާން ފަށައިފަ އެވެ.

އެޓީމަށް ދެން އެންމެ އަވަހަށް އޮތީ ކޮޕާ ލިބަޓަޑޯރެސްގެ ގަދަ 16 ގެ ފުރަތަމަ ލެގެވެ. މިދިޔަ އަހަރު އުރުގުއޭގެ ޗެމްޕިއަން ނެސިއޮނާލް އާ ދެކޮޅަށް ކުޅޭ މެޗަށް ބޮކާ ޖޫނިއާސް ވަނީ ކަވާނީއާ އެކު އޭނާގެ އުފަން ގައުމު އުރުގުއޭ އަށް ގޮސްފަ އެވެ. މި މެޗު އޮންނާނީ ރާއްޖެ ގަޑިން މާދަމާ ފަތިހު 5 ޖަހާއިރެވެ.

ބޮކާ ޖޫނިއާސްގެ ކުޅުންތެރިއެއްގެ ގޮތުގައި ކަވާނީ ދައްކާލި ހަފްލާގައި ސަޕޯޓަރުން އޭނާ އަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: އޭއެފްޕީ

ބޮކާ ޖޫނިއާސްގެ ކުޅުންތެރިއެއްގެ ގޮތުގައި ކަވާނީ ދައްކާލި ހަފްލާގައި ސަޕޯޓަރުން އޭނާ އަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: އޭއެފްޕީ

ބޮކާ ޖޫނިއާސްގައި ކަވާނީ ބޭނުންކުރާނީ، އެ ކްލަބަށް ކުޅުނު ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑް، އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ އެ ކްލަބުގައި ބޭނުން ކުރި 10 ނަމްބަރު ޖޯޒީ އެވެ.

މި ފަހުން ކަވާނީ އަށް އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތި ވެފަ އެވެ. މިދިޔަ ސީޒަންގައި އޭނާ ވެލެންސިއާ އަށް ކުޅެދީފައި ވަނީ އެންމެ 28 މެޗެވެ. އެ މެޗުތަކުން އޭނާ ހަތް ގޯލު ކާމިޔާބު ކުރި އެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ކަވާނީ ވަނީ އުރުގުއޭ ގައުމީ ޓީމަށް ކުޅެފަ އެވެ. އެއީ އޭނާގެ ހަތަރުވަނަ ވޯލްޑް ކަޕް މުބާރާތެވެ. އޭނާ ވަނީ ގައުމީ ޓީމަށް 136 މެޗުން 8 ގޯލު ޖަހައިދީފަ އެވެ.

ކަވާނީ ޔޫރަފްޕެ ފުޓްބޯޅަ ދޫކޮށްލާފައި ވާއިރު، ޔޫރަޕްގައި އޭނާ ވަނީ އިޓަލީގެ ޕެލާމޯ އާއި ނަޕޯލީ އަދި ފްރާންސްގެ ޕީއެސްޖީ އާއި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފަ އެވެ. ޔޫރަޕްގައި ހޭދަކުރި 17 އަހަރު އޭނާ ވަނީ މުޅި އެކު 643 މެޗު ކުޅެ، 367 ގޯލު ޖަހައިފަ އެވެ.

ޕީއެސްޖީ އާއެކު ހަ ފަހަރު ލީގު ކާމިޔާބު ކުރުމުގެ އިތުރުން، ފަސް ފްރެންޗް ކަޕް، ހަތް ފްރެންޗް ސުޕަ ކަޕް އަދި ފަސް ފަހަރު ފްރެންޗް ލީފް ކަޕް ކާމިޔާބު ކުރި އެވެ. އޭގެ ކުރިން ނަޕޯލީ އާއެކު އިޓާލިއަން ލީގު ވެސް ކަވާނީ ކާމިޔާބު ކުރި އެވެ.

ބޮކާ ޖޫނިއާސްގެ ގޯލްކީޕަރަކީ އޭނާ އާއެކު ޔުނައިޓެޑަށް ކުޅުނު އާޖެންޓީނާގެ ސާޖިއޯ ރޮމޭރޯ އެވެ. އަދި ކެޕްޓަނަކީ އާޖެންޓީނާގެ މާކޮސް ރޮހޯ އެވެ. ރޮހޯ ވެސް ވަނީ ކަވާނީ އާއި ރޮމޭރޯ އާއެކު ޔުނައިޓެޑަށް ކުޅެފަ އެވެ.