Roadha Mihaaru

މަރަޑޯނާގެ ހަނދާނުގައި ކުޅުނު މެޗުން ބާސެލޯނާ ބަލިވެއްޖެ

ރިޔާޒް، ސައުދީ އަރަބިޔާ (ޑިސެމްބަރު 15) - އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާގެ ހަނދާނުގައި، މަރަޑޯނާ ކަޕް ނަމުގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗުން، ބޮކާ ޖޫނިއާސް އަތުން ބާސެލޯނާ ބަލިވެއްޖެ އެވެ.

މަރަޑޯނާގެ ހަނދާނުގައި ކުޅުނު މެޗުން ބާސާ ބަލިވެއްޖެ
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

15 ޑިސެމްބަރ 2021

ރިޔާޒް، ސައުދީ އަރަބިޔާ (ޑިސެމްބަރު 15) - އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާގެ ހަނދާނުގައި، މަރަޑޯނާ ކަޕް ނަމުގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗުން، ބޮކާ ޖޫނިއާސް އަތުން ބާސެލޯނާ ބަލިވެއްޖެ އެވެ.

މަރަޑޯނާ ވަނީ އޭނާގެ ކުލަބް ކެރިއަރުގައި ބޮކާ ޖޫނިއާސް އަދި ބާސެލޯނާ އަށް ވެސް ކުޅެފަ އެވެ. އޭނާ މަރުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އޭރު އުމުރަކީ 60 އަހަރެވެ.

މަރަޑޯނާގެ ހަނދާނުގައި ކުޅުނު މި މެޗުގައި ކޯޗު ޒަވީ ހެނާންޑޭޒް ވަނީ މި ސީޒަނުގައި ޓީމަށް އެނބުރި އައި ބްރެޒިލްގެ 38 އަހަރުގެ ފުލްބެކް ޑެނީ އަލްވޭސް އަށް ފުރުސަތު ދީފަ އެވެ. މި ސީޒަނުގައި ބާސެލޯނާއާ ގުޅުނު ނަމަވެސް ރަޖިސްޓްރޭޝަން ފުރިހަމަނުވާތީ، ވާދަވެރި މެޗުތަކުގައި އަލްވޭސް އަށް ކުޅެވޭނީ އަންނަ ޖެނުއަރީ މަހު ޓްރާންސްފާ ބާޒާރު ހުޅުވުމުންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ލީގުގައި އަމިއްލަ ދަނޑުގައި އެލްޗޭއާ ދެކޮޅަށް ބާސެލޯނާ ނުކުންނަން ޖެހޭތީވެ، ޒަވީ ވަނީ ރޭގެ މެޗުގައި ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ބޮކާ ޖޫނިއާސް ޕެނަލްޓީ ކާމިޔާބުކުރީ 4-2 އިންނެވެ. ބާސެލޯނާގެ ފެރަން ޖަގްލާ، 22، ދެވަނަ ހާފުގައި ލީޑު ނަގައިދީފައި ވަނިކޮށް ބޮކާ ޖޫނިއާސް އިން އެއްވަރު ކުރީ އެޒެކީލް ޒެބާލޯސް، 19، ޖެހި ލަނޑުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ބޮކާ ޖޫނިއާސް އިން ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. ބާސެލޯނާގެ ފުރަތަމަ ދެ ޕެނަލްޓީ އަލްވޭސް އާއި ޖަގްލާ ކާމިޔާބު ކުރިއިރު، ކުރިން ޔުވެންޓަސް އަށް ވެސް ކުޅުނު މެތިއަސް ޕެރޭރާ، 23، ޖެހި ޕެނަލްޓީ މަތަކުރީ ބޮކާ ޖޫނިއާސްގެ ކީޕަރު އޮގަސްޓިން ރޮސީ އެވެ. އަދި ގިޔެން ޖެމީ، 22، ޖެހި ޕެނަލްޓީ ދިޔައީ ގޯލު މަތިން ބޭރަށެވެ.