Roadha Mihaaru
ކަވާނީ ބޮކަ ޖޫނިއާސް އަށް ބަދަލުވުުމުގެ ފުރުސަތު ބޮޑު

ކަވާނީ ބޮކަ ޖޫނިއާސް އަށް ބަދަލުވުުމުގެ ފުރުސަތު ބޮޑު

10 މާޗް 2021

މޮންޓެވީޑޯ، އުރުގުއޭ (މާޗް 10) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ މި ސީޒަނަށް ފަހު އާޖެންޓީނާގެ ބޮކަ ޖޫނިއާސް އަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށް ކަވާނީގެ ބައްޕަ ލުއިސް ކަވާނީ ބުނެފި އެވެ.

މޮންޓެވީޑޯ، އުރުގުއޭ (މާޗް 10) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ މި ސީޒަނަށް ފަހު އާޖެންޓީނާގެ ބޮކަ ޖޫނިއާސް އަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށް ކަވާނީގެ ބައްޕަ ލުއިސް ކަވާނީ ބުނެފި އެވެ.

މިދިޔަ އަހަރު ޕީއެސްޖީ ދޫކޮށްލުމަށް ފަހު ނުކުޅެ ދުވަސްތަކެއް ހުރުމަށް ފަހު ކަވާނީ މި ސީޒަނުގައި އެއް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ޔުނައިޓެޑާ ގުޅުނީ ސެޕްޓެމްބަރު މަހު އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އިތުރު އަހަރަކަށް ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތް ނަމަވެސް ލުއިސް ބުނީ ކަވާނީ އިންގްލެންޑްގައި ހުރީ ހިތްހަމަނުޖެހިފައި ކަމަށާއި އޭނާ ހުރީ ދެކުނު އެމެރިކާ އަށް އަންނަން އޭނާ ބޭނުންވެފައި ކަމަށެވެ.

"މިދިޔަ ދެ އަހަރު ވެސް ކަވާނީ ދައްކަމުން އައި އެއް ވާހަކަ އަކީ އާއިލާއާ ގާތުގައި ހުންނަން ބޭނުންވާ ވާހަކަ. އޭނަ އިންގްލެންޑްގައި އެ ހުރީ ހިތްހަމަޖެހިގެނެއް ނޫން. މި ސީޒަނަށް ފަހު އޭނާ (ކަވާނީ) ބޮކަ ޖޫނިއާސް އަށް ބަދަލުވުމުގެ ފުރުސަތު ބޮޑު. އަހަރެންގެ ނަޒަރުގައި އެ ޑީލްގެ 60 ޕަސެންޓް މިހާރު އެ އޮތީ ނިމިފައި،" ޓައިކް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ލުއިސް ބުންޏެވެ.

އުމުރުން 34 އަހަރުގެ ކަވާނީ ޔުނައިޓެޑްގައި މަޑުނުކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ މި ސީޒަނުގެ ކުރީކޮޅުގައި ސޯޝަލް މީޑިއާގައި ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދިން ކަމަށް ބުނެ ކަވާނީ ތިން މެޗަށް ސަސްޕެންޑް ކުރުމުންނެވެ. އެއީ ކަވާނީ އޭނާގެ ގާތް ރަހުމަތްތެރިއަކަށް ނިސްބަތްކޮށް އިންސްޓަގްރާމްގައި ކުރި ނަސްލީ ތަފާތުކުރުމާ ގުޅޭ ޕޯސްޓެއްގެ މައްސަލައިގައި ކަވާނީ އަށް ދިން އަދަބެކެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ އެ ކްލަބުން އިތުރު އެއް އަހަރަށް ކަވާނީ މަޑުކުރުވަން ބޭނުންވާ ކަމަށް ދާދި ފަހުން ވެސް ބުނެފަ އެވެ. ލުއިސް ބުނީ ކަވާނީގެ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކުރެވޭނީ އޭނާ ވެސް ބޭނުންވެގެން ކަމަށެވެ.

މި ސީޒަނުގައި ޔުނައިޓެޑަށް ކުޅެދިން 25 މެޗުގައި ކަވާނީ ވަނީ ހަތް ގޯލު ޖަހައިފަ އެވެ. ކަވާނީ ރޭ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން އޭނާގެ ފޮޓޯއެއް ހިއްސާކުރުމަށް ފަހު ލިޔެފައިވަނީ ޔުނައިޓެޑް ޖޯޒީގައި ކުޅުމަކީ ފަހުރެއް ކަމަށެވެ.