Roadha Mihaaru
ކަވާނީ މާފަށް އެދުނު ނަމަވެސް މައްސަލަ ކުރިއަށް

ކަވާނީ މާފަށް އެދުނު ނަމަވެސް އެފްއޭ އިން މައްސަލަ ކުރިއަށް ގެންދަނީ

01 ޑިސެމްބަރ 2020

ލަންޑަން (ޑިސެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުކޮށްދޭން އެހީވި އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގެ މައްސަލައިގައި އޭނާ މާފަށް އެދުނު ނަމަވެސް އިނގިރޭސި އެފްއޭ އިން އެކަން ބަލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލަންޑަން (ޑިސެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުކޮށްދޭން އެހީވި އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގެ މައްސަލައިގައި އޭނާ މާފަށް އެދުނު ނަމަވެސް އިނގިރޭސި އެފްއޭ އިން އެކަން ބަލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އާދިއްތަ ދުވަހުގެރޭ ޔުނައިޓެޑުން 3-2 އިން ސައުތެމްޓަން ބަލިކުރި މެޗުގައި އުމުރުން 32 ކަވާނީ ވަނީ ދެ ގޯލު ޖަހައި އެއް ގޯލު ޖަހަން ފުރުސަތު ތަަނަވަސްކޮށްދީފަ އެވެ. އެ މެޗަށް ފަހު ސަޕޯޓަރުން ކަވާނީ އަށް މަރުހަބާ ކިޔުމަށް ކުރި ޕޯސްޓުތަކެއްގެ ތެރެއިން އެއް ޕޯސްޓު ކަވާނީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރުމަށް ފަހު އޭނާ ވަނީ ނަސްލީ ތަފާތު ކުރުމަށް ބާރުއަޅާ އިބާރާތެއް ބޭނުންކޮށްފަ އެވެ. އެއާ އެކު ވަގުތުން އޭނާ އަށް ފާޑުކިޔުން އަމާޒުވި އެވެ. އެކަން އެނގުމާ އެކު ކަވާނީ ވަނީ އެ ޕޯސްޓު ޑިލީޓްކޮށްލައިފަ އެވެ.

ކަވާނީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ކުރި ޕޯސްޓުގައި "ކަޅު ކުޑަ މީހެއް" ކަމަށް ބުނީ އޭނާގެ ރަހުމަތްތެރިއަކަށް ކަމަށާއި އެއީ ސަމާސާއެއްގެ ގޮތުގައި ކުރިކަމެއް ކަމަށެވެ. އަދި އޭނާ ބޭނުންކުރި އިބާރާތަކީ މައްސަލައެއްގެ ގޮތުގައި ފާހަގަވުމާ އެކު އެ ޑިލީޓްކޮށްލި ކަމަށާއި އަދި އެކަމަށް މާފަށް އެދޭ ކަމަށް ކަވާނީ ބުންޏެވެ.

"އަހަރެން ދުވަހަކު ވެސް މީހަކާ އެއްވެސް ގޮތަކުން ދިމާކޮށްލަން ބޭނުމެއް ނޫން. އަހަންނަކީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅު މީހެއް. އަހަރެން ކުރި ޕޯސްޓް ވަގުތުން ޑިލީޓްކޮށްލީ އެއީ އޭގެ މާނައޮޅޭގޮތަށް އެހެން މީހުންނަށް ދޭހަވާނެ ކަމަށް އެނގުނީމަ. އެހެންވެ އެކަމަށް މާފަށް އެދެން،" ކުރިން ޕީއެސްޖީ އާއި ނަޕޯލީ އަށް ކުޅުނު ކަވާނީ ބުންޏެވެ.

ޔުނައިޓެޑުން ބުނީ ކަވާނީ އަށް އެއީ ގޯސްކޮށް ގޮސްދާނެ ކަމެއް ކަން އެނގުނު ހިސާބުން އެ ޕޯސްޓް ޑިލީޓްކޮށްލި ކަމަށާއި އެއީ އޭނާ ގަސްދުގައި ނަސްލީ ތަފާތުކުރުމަށް ބާރުއަޅަން ކުރިކަމެއް ނޫން ކަމަށާއި ޔުނައިޓެޑަކީ އަބަދުވެސް ނަސްލީ ތަފާތުކުރުން ފަދަ ކަންތައްތަކާ ދެކޮޅު ޓީމެއް ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކަވާނީގެ މައްސަލަ ކުރިއަށް ގެންދަން އިނގިރޭސި އެފްއޭ އިން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ މީގެ ކުރިން އެ ފަދަ ކަންކަމަށް މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އާއި ޓޮޓެންހަމްގެ ޑެލޭ އަލީ އަށް އަދަބުދީފައިވާތީ އެވެ. އެ ދެ ކުޅުންތެރިން އެއް މެޗަށް ސަސްޕެންޑްކޮށް ޖޫރިމަނާ ކުރަން އިނގިރޭސި އެފްއޭ އިން ނިންމީ ސޯޝަލް މީޑިއާގައި ނަސްލީ ތަފާތުކުރުމަށް ބާރުއެޅޭ ފަދަ އިބާރާތެއް ބޭނުންކޮށް ޕޯސްޓެއް ކުރުމުންނެވެ.