Roadha Mihaaru
ކަވާނީ އަަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑުވެއްޖެ

ކަވާނީ އަަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑުވެއްޖެ

18 ޑިސެމްބަރ 2020

ލަންޑަން (ޑިސެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުކޮށްދޭން އެހީވި އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އިންސްޓަގްރާމްގައި ކުރި ނަސްލީ ތަފާތުކުރުމާ ގުޅޭ ޕޯސްޓެއްގެ މައްސަލައިގައި އޭނާ އަށް އަދަބުދޭން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.

މިދިޔަ މަހު ފަހުކޮޅުގައި ޔުނައިޓެޑުން 3-2 އިން ސައުތެމްޓަން ބަލިކުރި މެޗުގައި އުމުރުން 32 ކަވާނީ ވަނީ ދެ ގޯލު ޖަހައި އެއް ގޯލު ޖަހަން ފުރުސަތު ތަަނަވަސްކޮށްދީފަ އެވެ. އެ މެޗަށް ފަހު ސަޕޯޓަރުން ކަވާނީ އަށް މަރުހަބާ ކިޔުމަށް ކުރި ޕޯސްޓުތަކެއްގެ ތެރެއިން އެއް ޕޯސްޓު ކަވާނީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރުމަށް ފަހު އޭނާ ވަނީ ނަސްލީ ތަފާތު ކުރުމަށް ބާރުއަޅާ އިބާރާތެއް ބޭނުންކޮށްފަ އެވެ. އެއާ އެކު ވަގުތުން އޭނާ އަށް ފާޑުކިޔުން އަމާޒުވި އެވެ. އެކަން އެނގުމާ އެކު ކަވާނީ ވަނީ އެ ޕޯސްޓު ޑިލީޓްކޮށްލައިފަ އެވެ. ކަވާނީ ކުރި ޕޯސްޓުގައި "ކަޅު ކުޑަ މީހެއް" ކަމަށް ބުނީ އޭނާގެ ރަހުމަތްތެރިއަކަށް ނިސްބަތްކޮށް ސަމާސާއެއްގެ ގޮތުގައި ކަމަށާއި އެއީ މައްސަލައެއްކަން އެނގުމާ އެކު އެކަމަށް މައާފަށް އެދޭ ކަމަށެވެ.

މައާފަށް އެދުނު ނަމަވެސް އިނގިރޭސި އެފްއޭ އިން ނިންމީ ކަވާނީ އަށް މިކަމުގައި އަދަބު ލިބެންޖެހޭ ކަމަށާއި ސޯޝަލް މީޑިއާގައި ކުޅުންތެރިން އަމަލުކުރަންޖެހޭ އުސޫލާ ކަވާނީ ހިލާފުވެފައިވާ ކަމަށެވެ. ގަވައިދުގައިވާ ގޮތުން ކަވާނީ އަށް ތިން މެޗުގެ ސަސްޕެންޝަނެއް އަތުވެދާނެ އެވެ. އެފްއޭ އިން ވަނީ ކަވާނީ ޖަވާބުދާރީވާން ޖެނުއަރީ 4 އަކާ ހަމައަށް ފުރުސަތު ދީފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެފްއޭގައި ވެސް ކަވާނީ މިކަމުގައި އަދަބަކަށް އެއްބަސްވެއްޖެނަމަ އޭނާ އަށް އަންނާނީ އެކެއް ނޫނީ ދެ މެޗުގެ ސަސްޕެންޝަނެކެވެ.

ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށްފައިވާތީ އިނގިރޭސި އެފްއޭ އިން މީގެ ކުރިން މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އާއި ޓޮޓެންހަމްގެ ޑެލޭ އަލީ އަށް އަދަބުދީފައިވާތީ އެވެ. ދެ ކުޅުންތެރިންނަށް ވެސް އައީ އެއް މެޗުގެ ސަސްޕެންޝަނެކެވެ.