Roadha Mihaaru
ކަވާނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވަނީ: ރިޕޯޓް

ކަވާނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވަނީ: ރިޕޯޓް

04 އޮކްޓޯބަރ 2020

މެންޗެސްޓާ (އޮކްޓޫބަރު 4) - މިދިޔަ ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލުމަށް ފަހު ކްލަބަކާ ނުގުޅި ހުރި އުރުގުއޭގެ ތަޖުރިބާކާރު ފޯވާޑް އެޑިންސަން ކަވާނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މެންޗެސްޓާ (އޮކްޓޫބަރު 4) - މިދިޔަ ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލުމަށް ފަހު ކްލަބަކާ ނުގުޅި ހުރި އުރުގުއޭގެ ތަޖުރިބާކާރު ފޯވާޑް އެޑިންސަން ކަވާނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 33 އަހަރުގެ ކަވާނީ ހަތް އަހަރު ޕީއެސްޖީ އަށް ކުޅުމަށް ފަހު އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން މިދިޔަ ޖޫން މަހު ވަނީ އެ ޓީމު ދޫކޮށްލައިފަ އެވެ. ކަވާނީ ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރީ ޕޯޗުގަލްގެ ބެންފީކާ އާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އެވެ. ބެންފީކާ އިން ކަވާނީ ގަތުމުގެ ރޭހުން ބޭރުވީ އެ ޓީމު ޗެމްޕިއަންސް ލީގު ކޮލިފައިން އިން ކެޓި ހިސާބުންނެވެ. ލުއިސް ސުއަރޭޒްގެ ސޮއި ލިބުމާ އެކު ކަވާނީ ގެނައުމުގެ ހިޔާލު އެތުލެޓިކޯ އިން ދޫކޮށްލި އެވެ.

ޔުނައިޓެޑުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ފޯވާޑެއް ގެންނަން މަސައްކަތްކުރަމުން އަންނައިރު، ކަވާނީ އެ ޓީމާ ގުޅޭނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކަވާނީ ޔުނައިޓެޑާ ގުޅޭނީ ހަފްތާ އަކު 270،000 ޑޮލަރުގެ މުސާރަ އަކަށެވެ. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ ކަވާނީ ޔުނައިޓެޑާ ގުޅުމުގެ ހުރިހާ ކަމެއް ނިމޭނެކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔޫރަޕްގައި ކަވާނީ އެންމެ ފުރަތަމަ ކުޅުނީ އިޓަލީގެ ޕަލާމޯ އަށެވެ. އެކަމަކު ގިނަ ބަޔަަކަށް އޭނާ ފާހަގަވާން ފެށީ ނަޕޯލީގެ ނޫ ޖޯޒީގަ އެވެ. ނަޕޯލީގައި ކަވާނީ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޕީއެސްޖީން އޭނާގެ ސޮއި ހޯދީ 68 މިލިއަން ޑޮލަރު ދައްކައިފަ އެވެ. ގަތަރުގެ މަހުޖަނު ނާސިރު އެލްހެއްލާފީ ޕީއެސްޖީ ގަތުމަށް ފަހު އެ ޓީމަށް ގެނައި ފުރަތަމަ ކުޅުންތެރިންގެ ތެރޭގައި ކަވާނީ ހިމެނެ އެވެ. އޭނާ ވަނީ އެ ޓީމަށް ކުޅުނު ހަތް އަހަރު ތެރޭ 200 އަށް ވުރެން ގިނަ ގޯލު ޖަހައިދީފަ އެވެ.

ޔުނައިޓެޑްގެ އެޓޭކް ވަރުގަދަ ކުރުމަށް މި އަހަރުގެ ޖެނުއަރީގައި ނައިޖީރިއާގެ ފޯވާޑް އޮޑިއޮން އިގާލޯ ގެނައި ނަމަވެސް އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް އަދި ނުވެ އެވެ. މިހާރު އޮތްގޮތުން އިގާލޯ އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓް ތެރޭގައި ޔުނައިޓެޑްގެ އެއްބަސްވުން ހަމަވުމުން އެ ޓީމު ދޫކޮށްލާނެ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ވަނީ އަޔަކްސްގެ މިޑްފީލްޑަރު ޑޯނީ ވެންޑަ ބީކް ގެނެސްފަ އެވެ. އެކަމަކު ޔުނައިޓެޑުން އެންމެ ބޮޑަށް ބޭނުންވި ބޮރޫޝިއާ ޑޯޓްމަންޑްގެ ޖޭޑަން ސަންޗޯ ގެންނަން ކުރާ މަސައްކަތުގައި އަދިވެސް އެދެވޭ ކުރިއެރުމެއް ނުލިބެ އެވެ. ސަންޗޯގެ ބަދަލުގައި ބާސެލޯނާގެ އޮސްމާން ޑެމްބެލޭ އާއި ބަޔާންގެ ކިންގްސްލީ ކޯމަން އަށް ވެސް ޔުނައިޓެޑުން ފާރަލި އެވެ.