ބިއުނޯސް އާރީސް، އާޖެންޓީނާ (20 މެއި) - ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، ކީޕަރަކު ނުލައި ކުޅުނު ރިވަ ޕްލޭޓުން ދެކުނު އެމެރިކާ ބައްރުގެ ޗެމްޕިއަންސް ލީގު މެޗު ކާމިޔާބުކޮށްފި އެވެ.
20 މެއި 2021
ބިއުނޯސް އާރީސް، އާޖެންޓީނާ (20 މެއި) - ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، ކީޕަރަކު ނުލައި ކުޅުނު ރިވަ ޕްލޭޓުން ދެކުނު އެމެރިކާ ބައްރުގެ ޗެމްޕިއަންސް ލީގު މެޗު ކާމިޔާބުކޮށްފި އެވެ.
ކޮޕާ ލިބަޓެޑޯސް ނުވަތަ ދެކުނު އެމެރިކާގެ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި، ކޮލަމްބިއާ އިންޑަޕެންޑެންޓް ސެންޓަ ފޭ އާ ދެކޮޅަށް ކުޅުނު މެޗުގައި، ރިވަ ޕްލޭޓްގެ ބެންޗުގައި ބަދަލު ކުޅުންތެރިޔެއް ވެސް ނެތެވެ. ގޯލް ކީޕަރުގެ އަންގި ލައްވައިގެން ގޯލް ބަލަހައްޓަން މެޗަށް ނުކުތީ މިޑްފީލްޑާ އެންޒޯ ނިކޮލާ ޕެރޭޒް އެވެ.
ރިވަޕްލޭޓްގެ ޓީމަށް ވަނީ ކޮވިޑްގެ ބިރުވެރިކަން ކުރިމަތި ވެފަ އެވެ. އެ ޓީމުގެ 20 ކުޅުންތެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު އެއްވެސް ކީޕަރެއް ސަލާމަތެއް ނުވި އެވެ. ހަތަރު ކީޕަރުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
މިދިޔަ ހޮނހިރު ދުވަހު ލޯކަލް ވާދަވެރިޔާ ބޮކާ ޖޫނިއާސް އާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލް ބެލެހެއްޓީ ޓީމުގެ ފަސް ވަނަ ކީޕަރު އެލަން ލިއޮނާޑޯ ޑިއަޒް އެވެ. ނަމަވެސް ކޮޕާ ލިބަޓެޑޯސްއަށް ފޮނުވި ސްކޮޑްގައި، ލިއޮނާޑޯ ޑިއަޒް، 21 ގެ ނަން ހިމަނައިފައެއް ނުވެ އެވެ. ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާއިން 50 ކުޅުންތެރިން ރަޖިސްޓްރީ ކުރަން ދިން ފުރުސަތުގައިވެސް ރިވަ ޕްލޭޓުން ރަޖިސްޓްރީ ކުރީ 32 ކުޅުންތެރިންގެ ނަމެވެ.
އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އުމުރުން 38 އަހަރުގެ ޑިފެންޑަރު ހާވިއާ ޕިނޯލާގެ ނަން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ހިމަނަން ރިވަޕްލޭޓުން ވާހަކަ ދެއްކި ނަމަވެސް އޭނާގެ ބޭނުން އެއްގޮތަކަށް ވެސް ނުހިފޭނެތީ އެ ހިޔާލުވެސް އެ ޓީމުން ދޫކޮށްލީ އެވެ.
ރަސްމީ ކީޕަރެއް އަދި ބަދަލު ކުރާނެ ކުޅުންތެރިޔެއް ނެތްނަމަވެސް، ރިވަޕްލޭޓުން ވަނީ 2-1 ން މެޗު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބު ކުރީ ފެބްރީޒިއޯ އެންގިލޭރީ އާއި ހޫލިއަން އަލްވަރޭޒް އެވެ. މިޑްފީލްޑާ އެންޒޯ ޕެރޭޒް ބެލެހެއްޓި ގޯލަށް، ސެންޓަ ފޭގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ކެލްވިން އޯސޯރިއޯ އެވެ.
މެޗުން މޮޅުވެ ރިވަޕްލޭޓް ވަނީ، ކޮޕާ ލިބަޓެޑޯސްގެ ދެ ވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފަ އެވެ.