Roadha Mihaaru
ލަންކާގެ ތިން ލީޑަރުންގެ ބައްދަލުވުން ވެސް ފެއިލްވެއްޖެ

ލަންކާގެ ތިން ލީޑަރުންގެ ބައްދަލުވުން ވެސް ފެއިލްވެއްޖެ

19 ނޮވެމްބަރ 2018

ކޮލަމްބޯ (ނޮވެމްބަރު 19) - ސްރީ ލަންކާގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ އާއި ބޮޑު ވަޒީރުކަމުން ދުރުކުރި ރަނިލް ވިކްރަމަސިންހަ އިއްޔެ ބޭއްވި ބައްދަލުވުން ނަތީޖާއެއް ނުނެރެވި ނިމިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 19) - ސްރީ ލަންކާގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ އާއި ބޮޑު ވަޒީރުކަމުން ދުރުކުރި ރަނިލް ވިކްރަމަސިންހަ އިއްޔެ ބޭއްވި ބައްދަލުވުން ނަތީޖާއެއް ނުނެރެވި ނިމިއްޖެ އެވެ.

މިއީ މިދިޔަ މަހު ފަހުކޮޅު ލަންކާގައި ސިޔާސީ މައްސަލަތައް އުފެދުނު ފަހުން ތިން ލީޑަރުން ބައްދަލުކުރި ފުރަތަމަ ފަހަރެވެ. މަގާމުން ދުރުކުރި ރަނިލް ވިދާޅުވަމުން ގެންދަވަނީ ބޮޑު ވަޒީރަކީ އަދިވެސް އޭނާ ކަމަށެވެ. އަދި ރާޖަޕަކްސާގެ މައްޗަށް ޕާލަމެންޓުގައި ދެ ފަހަރެއްގެ މަތިން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަ ހައްލު ކުރުމުގެ ބޭނުމުގައި ރަނިލް އާއި ރާޖަޕަކްސާ ވަނީ ރައީސްއާ ބައްދަލު ކުރުމަށް އެމަނިކުފާނުގެ އޮފީހަށް ވަޑައިގެންފަ އެވެ. ރިޔާސީ ސެކްރެޓޭރިއަޓުގައި ތިން ބޭފުޅުން ވަނީ ދެ ގަޑިއިރަށް ބައްދަލު ކުރައްވައިފަ އެވެ.

ބައްދަލުވުމުގައި ރަނިލް ވަނީ އެމަނިކުފާނުގެ ސަރުކާރު އަލުން އިޔާދަކުރުމަށް އެދިވަޑައިގެންފަ އެވެ.

"ރާޖަޕަކްސާ ޖެހޭނީ ފްލޯ ޓެސްޓަކަށް ވަޑައިގަންނަވަން. އެހެން ނޫނީ ސަރުކާރެއް ނުހިންގޭނެ،" ރަނިލްގެ ޔޫއެންޕީގެ ޕާލަމެންޓް މެންބަރެއް ކަމަށްވާ ލަކްޝްމަން ކިރިއެއްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާލަމެންޓުގައި 122 މެންބަރުންގެ އަޣުލަބިއްޔަތު އޮތްކަން އެ ޕާޓީން ދެ ފަހަރަށް ސާބިތުކޮށްދީފައިވާ ކަމަށވެެ.

ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ވަނީ މަޝްވަރާތައް ނާކާމިޔާބުވިކަން ޔަގީންކޮށްދީފަ އެވެ. އަދި މި މަހު 9 ވަނަ ދުވަހު ސިރިސޭނާ އިއުލާން ކުރެއްވި ގޮތަށް އަވަސް އިންތިޚާބަކަށް ބާރު އަޅުއްވާނެ ކަމަށް ނަމާލް ވިދާޅުވި އެވެ.

ސަރުކާރެއް ނެތް

ސިރިސޭނާ ވަނީ ޕާލަމެންޓުގެ ބައްދަލުވުން މިއަދު ފަށާއިރު ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދާނެ ކަމަށް ޕާޓީތަކުން ބުނެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ސިރިސޭނާގެ އޮފީހުން ބުނީ އިއްޔެގެ ބައްދަލުވުމަކީ ޕާލަމެންޓް އާދައިގެ ހާލަތަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ރަނިލް ވިދާޅުވެފައި ވަނީ ލަންކާ އަށް ހަމަޖެހުން ގެނައުމަށް ބޭނުންވާ ކަމަށެވެ. އަދި އެ މަގްސަދުގައި ސިރިސޭނާއާ އެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރަނިލް ވިދާޅުވި އެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު ރަނިލް މަގާމުން ދުރުކުރުމަށް ފަހު ސިރިސޭނާ ވަނީ ޕާލަމެންޓް ސަސްޕެންޑްކޮށްފަ އެވެ. ޕާލަމެންޓުގެ ބައްދަލުވުންތައް ފެށީ ސުޕްރީމް ކޯޓުގެ އަމުރަކާ ގުޅިގެންނެވެ.

ވޭތުވެދިޔަ 19 ވަރަކަށް ދުވަހު ލަންކާ އޮތީ ސިޔާސީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގަ އެވެ. ސަރުކާރު ހިންގަވަނީ ކޮން ބޮޑު ވަޒީރެއް ކަމެއް ނޭނގެ އެވެ. ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނީ ބޮޑު ވަޒީރުގެ މަގާމަށް ރަނިލް ވެސް އަދި ރާޖަޕަކްސާ ވެސް ބަލައިނުގަންނަ ކަމަށެވެ. އެހެންވެ ގިނަ ބަޔަކު ގަބޫލް ކުރަނީ ލަންކާގައި ރަސްމީކޮށް ސަރުކާރެއް މިހާރު ނެތް ކަމަށެވެ.