29 އޮކްޓޯބަރ 2018
ކޮލަމްބޯ (އޮކްޓޯބަރު 29) - އާ ސަރުކާރެއް އުފެއްދެން އޮތް ހަމައެކަނި ގޮތަކީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަށް ބޮޑު ވަޒީރުގެ މަގާމު ދިނުން ކަމަށާއި ސަރުކާރަށް އެ ބަދަލު ގެންނަން ޖެހުނު ސަބަބު ރައީސް މައިތުރިޕާލާ ސިރިސޭނާ ސާފުކޮށްދެއްވައިފި އެވެ.
ކޮލަމްބޯ (އޮކްޓޯބަރު 29) - އާ ސަރުކާރެއް އުފެއްދެން އޮތް ހަމައެކަނި ގޮތަކީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަށް ބޮޑު ވަޒީރުގެ މަގާމު ދިނުން ކަމަށާއި ސަރުކާރަށް އެ ބަދަލު ގެންނަން ޖެހުނު ސަބަބު ރައީސް މައިތުރިޕާލާ ސިރިސޭނާ ސާފުކޮށްދެއްވައިފި އެވެ.
ސަރުކާރަށް ގެނައި ބަދަލު ރައްޔިތުންނަށް ސާފުކޮށް ދެއްވަމުން ސިރިސޭނާ ވިދާޅުވީ ރާޖަޕަކްސާ އަށް ބޮޑު ވަޒީރުކަން ދިނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށެވެ. އަދި އެކަމުގައި ގާނޫނީ މާހިރުންގެ ލަފާ ހޯއްދެވި ކަމަށް ވެސް ވިދާޅުވި އެވެ.
ސިރިސޭނާ ވިދާޅުވީ މައްސަލަ އުފެދިގެން އުޅެނީ މަގާމުން ދުރުކުރި ރަނިލް ވިކްރަމަސިންހަގެ ބޯހަރު ކަމާއި ގޮތް ދޫނުކުރުމުގެ ސަބަބުން ކަމަށެވެ.
މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ގާނޫނު އަސާސީ ވިދާޅުވަނީ. --ފޮޓޯ:އޭއެފްޕީ
"އަޅުގަނޑާއި ރަނިލްއާ ދެމެދު ސިޔާސަތުގެ ތަފާތުތަކެއް ވެސް އެބަހުރި،" ސިރިސޭނާ ވިދާޅުވި އެވެ.
ގައުމާ މުޚާތަބް ކުރައްވާ ސިރިސޭނާ ވިދާޅުވީ 2015 ވަނަ އަހަރުގެ އިންތިކާބުގައި 6.25 މިލިއަން މީހުން ވޯޓުދީގެން ގައުމުގެ ރައީސްގެ މަގާމަށް އޭނާ ގެނައީ ވަރަށް ބޮޑު އުއްމީދަކާ އެކު ކަމަށާއި އޭނާ އަށް ވޯޓު ދިން މީހުންގެ އުއްމީދުތައް ކޮންްމެ އަގެއް ދައްކައިގެން ވެސް ހާސިލްކޮށްދޭނެ ކަމަށެވެ.
"އަޅުގަނޑު ކަހަލަ ސިޔާސީ މީހުން މި ތިބެނީ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން. ގައުމަށާއި ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދޭން،" ސިރިސޭނާ ވިދާޅުވި އެވެ.
ބޮޑު ވަޒީރުގެ މަސްއޫލިއްޔަތާ ރާޖަޕަކްސާ މިއަދު ހަވާލުވެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
ރާޖަޕަކްސާ ސަރުކާރުގައި ހުންނެވުމަށް ފަހު ނޮވެމްބަރު 21، 2014 ގައި ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމަށް ފަހު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ރިޔާސީ ރޭހަށް ނުކުންނެވުމަކީ ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލަކާއި ގޮންޖެހުމެއް ކަމަށް ސިރިސޭނާ ވިދާޅުވި އެވެ. ނަމަވެސް އޮކްޓޯބަރު 26، 2018 ގައި ނެންގެވީ އެއަށް ވުރެ ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ކަމުގެ ހުވާ ޖެނުއަރީ 9، 2015 ގައި ކުރެއްވުމަށް ފަހު ރަނިލް އަށް ބޮޑު ވަޒީރުކަން ދެއްވިއިރު ޕާލަމެންޓުގައި ތިއްބެވީ ރަނިލްގެ 47 މެންބަރުން ކަމަށް ވިދާޅުވި އެވެ. ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމަށް ވުރެ ބޮޑަށް ރަނިލްގެ ކިބައިން ފެނިގެން ދިޔައީ ކޮރަޕްޝަނާއި ފަސާދަ ކަމަށް ވިދާޅުވި އެވެ.
މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ސިރިސޭނާ ވިދާޅުވީ ރަނިލްއާ އެކު ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް މަސައްކަތް ކުރީ މަޝްވަރާކޮށްގެން ހައްލެއް ފެނޭތޯ ކަމަށެވެ. އެކަމަކު ރައްޔިތުންގެ އުއްމީދުތަކާ އެއްވަރަށް ރަނިލް އަށް މަސައްކަތް ނުކުރެވުނު ކަމަށް ވިދާޅުވި އެވެ.
"މަރުކަޒީ ބޭންކުގައި ހިންގި ބޮޑު ޚިޔާނާތުން ގައުމު ބޮޑު މައްސަލަގަނޑަކަށް ދިޔަ. އެފަދަ ބޮޑު މަކަރަކާއި ހީލަތެއްގެ ވާހަކަ ލަންކާގެ ތާރީޚުގައި ވެސް އަޑު އަހައިފައި ނުވާނެ،" ސިރިސޭނާ ވިދާޅުވި އެވެ.
އެ ޚިޔާނާތުގައި ބައިވެރިވި ސެންޓްރަލްގެ ބޭންކުގެ އޭރުގެ ގަވަރުނަރު އަދި ރަނިލްގެ އެކުވެރިޔާ އަރުޖުނާ މަހެންދުރަންގެ މައްޗަށް ޝަރީއަތް ހިންގަން އޭނާ ލަންކާ އަށް ގެނައުމަށް ސިރިސޭނާ ވަނީ ރަނިލް އަށް ގޮވާލައްވައިފަ އެވެ.
ސެންޓްރަލް ބޭންކުގެ ކޮރަޕްޝަން ބޮޑުވުމުން އެ ބޭންކުގެ ސްޓާފުންނާ ބައްދަލު ކުރަން ބޭންކަށް ވަޑައިގަންނަވަން އުޅުމުން ރަނިލް އެކަން ހުއްޓުވަން އުޅުއްވި ކަމަށް ވެސް ސިރިސޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ގެއަށް ވަޑައިގެން ރަނިލް ވިދާޅުވީ ސެންޓްރަލް ބޭންކަކީ އޭނާގެ ބެލުމުގެ ދަށުގައި ހުރި ތަނެއް ކަމަށް. ރައީސް އެތަނަށް ވަޑައިގަތުމުގެ ބޭނުމެއް ނެތް ކަމަށް. އަޅުގަނޑު ދެންނެވީ ގައުމުގެ ރައީސްގެ ހައިސިއްޔަތުން ގައުމުގެ ހުރިހާ މުވައްސަސާތަކަށް ވެސް ރައީސް ވަޑައިގަންނަވަން ޖެހޭނެ ކަމަށް،" ސިރިސޭނާ ވިދާޅުވި އެވެ.
ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި ރާޖަޕަކްސާ ސަޕޯޓަރުންނާ އެކު. --ފޮޓޯ:އޭއެފްޕީ
ސެންޓްރަލް ބޭންކުގެ ކޮރަޕްޝަން ބޮޑުވުމުން އެކަން ތަހުގީގު ކުރަން ކޮމިޝަނެއް އުފެއްދެވި ކަމަށް ސިރިސޭނާ ވިދާޅުވި އެވެ. ކޮމިޝަން އުފެއްދުމުން ރަނިލްގެ ޔޫއެންޕީގެ މެންބަރުން ތަފާތު ތުހުމަތުތައް ކުރި ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.
"މީގެ އިތުރުން ގައުމުގެ މުދާތައް ޓެންޑާ ކުރުމެއް ނެތި ބޭރުގެ ފަރާތްތަކަށް ވަނީ ދީފައި. ބޮޑެތި ޕްރޮޖެކްޓްތައް ވެސް ދީފައި ހުރީ އެ ގޮތަށް. އިމަޖެންސީ ކެބިނެޓް ބައްދަލުވުންތައް ބާއްވައިގެން އަވަސް އަރުވާލައިގެން ކަންކަން ނިިިންމާފައި ހުރީ. މީގެ އެއް މިސާލަކީ ކެންޑީ ހައިވޭ ޕްރޮޖެކްޓް. އަނެއް މިސާލަކީ ލޭންޑް އޯޑިނެންސް ސްޕެޝަލް އެކްޓް. އެ ގާނޫނު ޕާލަމެންޓުން ފާސްވި ނަމަ މި ގައުމުގެ ހުރިހާ ބިމެއް ބޭރު މީހުންނަށް އެއްވެސް އުނދަގުލެއް ނެތި ގަނެވޭނެ،" ސިރިސޭނާ ވިދާޅުވި އެވެ.
އިގްތިސާދު ހިންގަން ހަވާލުކުރި ރަނިލްގެ ޓީމުގެ ފަސާދަ ބޮޑުވުމުން އުފެއްދި ނޭޝަނަލް އިކޮނޮމިކް ކައުންސިލްގެ މަސައްކަތަށް ވެސް ރަނިލް ހުރަސް އެޅުއްވި ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.
ރަނިލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އުފެއްދި ބްރައިބަރީ ކޮމިޝަނުން ލަފާ ދީފައި ވަނީ މިހާރު ހުރި ގާނޫނުތަކުން އެފަދަ މީހުންނަށް އަދަބު ދޭން 15-20 އަހަރު ނަގާނެ ކަމަށާއި އެ ގާނޫނުތަކަށް ގެންނަން ހުށަހެޅި އިސްލާހުތައް ވެސް ޔޫއެންޕީން ހިފަހައްޓާފައިވާ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.
ފެބްރުއަރީ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން ލިބުނު ބޮޑު ނާކާމިޔާބީ އަކީ ސަރުކާރު ހިންގުން ރަނގަޅު ކުރުމަށް ރައްޔިތުން ދިން އިންޒާރެއް ކަމަށް ސިރިސޭނީ ވިދާޅުވި އެވެ.
ސަރުކާރަށް ކުއްލި ބަދަލު ގެނައި ހަގީގީ ސަބަބު ސާފުކޮށްދެއްވަމުން ސިރިސޭނާ ވިދާޅުވީ ސިޔާސީ ހަޔާތުގައި 51 އަހަރު ހޭދަަކުރެއްވި އިރު ދާދި ފަހުން ވަނީ އެމަނިކުފާނާއި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާ އަވަހާރަކޮށްލަން ރާވަމުންދާކަން މީޑިއާގެ ކުރިމަތީގައި މީހަކު ހާމަކޮށްފައި ކަމަށެވެ.
ރާޖަޕަކްސާގެ ސަޕޯޓަރުން އުފާ ފާޅު ކުރަނީ. --ފޮޓޯ:އޭއެފްޕީ
"އެކަން ތަހުގީގު ކުރުމަށް އަޅުގަނޑު ހަވާލުކުރީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް. އެކަމަކު ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް ސީއައިޑީން އެ ތަހުގީގު ހިންގަން ހަވާލެއް ނުކުރި. އެކަން ހަވާލު ކުރީ އެހެން ޑިވިޝަނަކާ. އެހެންވެ އަޅުގަނޑަށް އެކަމުގައި ސުވާލު އުފެދުނު. އިންސްޕެކްޓާ އޮފް ޕޮލިސް ވިދާޅުވީ ޓޭޕް ރެކޯޑިންގައި ވާހަކަ ދައްކާ މީހާގެ އަޑާ މެދު ސުވާލު އުފެދޭ ކަމަށް. އެކަމަކު ޓެކްނިކަލް ލަފާ ނުހޯދާއި އެހެން ވިދާޅުވުމުން އަނެއްކާ ވެސް ސުވާލު އުފެދުނު. ސީއައިޑީ އާއި އިންޓަލިޖެންސް ބިއުރޯ ފަދަ ތަންތަނުން ލިބުނު ރިޕޯޓުން އެނގުނު ގޮތުގައި މިއީ ވަރަށް ސީރިއަސް މައްސަލައެއް. ރައީސް އަވަހާރަކޮށްލަން ރޭވި މައްސަލައިގެ އެތައް މައުލޫމާތެއް ހާމަނުކޮށް ހިފެހެއްޓި،" ސިރިސޭނާ ވިދާޅުވި އެވެ.
ލަންކާ ސިފައިން ބޮޑު ވަޒީރުގެ ގެ ކޮޅުގެ ބޭރުގައި. --ފޮޓޯ:އޭއެފްޕީ
ސިރިސޭނާ ވިދާޅުވީ އެކަމުގައި ކެބިނެޓުގެ މިނިސްޓަރަކު ވެސް ބައިވެރިވާ ކަމަށެވެ. އެޓާނީ ޖެނެރަލް އޮފީހުން ވެސް ތަހުގީގަށް ހުރަސްތައް ކުރިމަތި ކުރުވި ކަމަށް ވިދާޅުވި އެވެ.
"ސިޔާސީ މައްސަލަތަކާއި އިގްތިސާދީ މައްސަލަތަކާއި ކޮރަޕްޝަނާ އަދި ރައީސް އަވަހާރަކޮށްލަން ރޭވުމުން ދެން އޮތް ހަމައެކަނި ގޮތަކީ އާ ސަރުކާރުގެ ބޮޑު ވަޒީރަކަށް މަހިންދާ ރާޖަޕަކްސާ އަށް ދައުވަތު ދިނުން. އާ ސަރުކާރާ ގުޅެން ޕާލަމެންޓުގެ 225 މެންބަރުންނަށް ހުޅުވާލެވިފައިވާ ދައުވަތެއް އަޅުގަނޑު އަރުވަން،" ސިރިސޭނާ ވިދާޅުވި އެވެ. "އަޅުގަނޑު މިކަން ކުރީ ގައުމަށް ދިމާވެފައިވާ މައްސަލަތަކުން ހައްލެއް ހޯދުމުގެ ހެޔޮ ނިޔަތުގައި.
ލަންކާގެ ތިން ލީޑަރުންގެ ބައްދަލުވުން ވެސް ފެއިލްވެއްޖެ
ރާޖަޕަކްސާ އަށް އިތުބާރު އޮތްތޯ ވޯޓެއް ނަގަނީ
ލަންކާގެ ސިޔާސީ މަޝްރަހުގެ އެންމެ މުހިންމު ތިން ބޭފުޅުން
ޑިޕިއުޓީ މިނިސްޓަރަކު ސަރުކާރުން ވަކިވެ ރަނިލް ޕާޓީއަށް
ބަޑިޖެހި ހާދިސާގައި މިނިސްޓަރު ރަނަތުންގާ ހައްޔަރުކޮށްފި
ލަންކާގެ ވަޒީރަކު ރަހީނު ކުރަން އުޅުމުން ބަޑި ޖަހައިފި
އުފާވެރި ނޫން ކައިވެންޏެއް ނިމުމަކަށް ގެނެވިއްޖެ:ސިރިސޭނާ
ބޮޑުވަޒީރަކީ ރަނިލް ކަމަށް ޕާލަމެންޓުގެ ރައީސް ވިދާޅުވެއްޖެ
ބޮޑުވަޒީރުގެ ގެކޮޅުން ރަނިލް ނެރެން ކޯޓު އަމުރު ހޯދަނީ
ބޮޑުވަޒީރުގެ ގެކޮޅުން ނުކުތުމަށް ރަނިލްއަށް މުހުލަތެއް